އިންޑިއާގައި ހައްޔަރުކުރި ޔޫކްރެއިން އާއި އެމެރިކާގެ ކުލީ ސިފައިންގެ ތަހުގީގެއް ހިންގަނީ

އިންޑިއާގެ އެންޓި-ޓެރަރ އެޖެންސީ، ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީއިން މިދިޔަ މާޗް މަހު ހައްޔަރުކުރި ޔޫކްރެއިންގެ ފަސް މީހުންނާއި އެމެރިކާގެ ރައްޔިތެއްގެ އަޑުގެ ސާމްޕަލްތައް ނެގުމަށް ނިންމައިފި އެވެ. މި ހަ މީހުންނާއެކު އިތުރު ޔޫކްރެއިން މީހަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ވަނީ އަވައްޓެރި މިޔަންމާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ތަމްރީނާއި ހަތިޔާރު ފޯރުކޮށްދިން ކަމުގެ ތުހުމަތުކޮށްފަ އެވެ.

މި ހަ މީހުން ހުކުރު ދުވަހު ދިއްލީގެ ކޯޓަކަށް ހާޒިރުކުރުމުން، އޮގަސްޓް 1 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފަ އެވެ. މި ހަ މީހުން ވަނީ އެމީހުންގެ އަޑު ރެކޯޑު ކުރުމަށް އެއްބަސްވެފަ އެވެ. ބާކީ ހުރި ޔޫކްރެއިން މީހާ  ކޯޓަށް ހާޒިރުކުރުމުން، އަޑުގެ ސާމްޕަލް ނަގާނެ ތާރީހެއް ކޯޓުން ކަނޑައަޅާނެ އެވެ.

އެންއައިއޭ އިން އަންނަނީ އިންޑިއާގެ ޓެރަރިޒަމާ ދެކޮޅު ގާނޫނު ޔޫއޭޕީއޭ ގެ ދަށުން، މި މައްސަލައިގެ ތަހުގީގުގެ މުއްދަތު 180 ދުވަހަށް އިތުރުކޮށްދިނުމަށް އެދެމުންނެވެ. ތަހުގީގުގެ މައިގަނޑު އަމާޒަކީ މި މީހުން އިންޑިއާގެ މިޒޯރަމް ސްޓޭޓަށް ހުއްދަނެތި އެތެރެވުމާއި، އެތަނުން މިޔަންމާއަށް ގާނޫނާ ހިލާފަށް ހުރަސްކުރި މައްސަލަ އެވެ.

ހައްޔަރުކުރެވުނު ޔޫކްރެއިން މީހުންނަކީ: ޕީޓްރޯ ހުރްބާ ، ޓަރާސް ސްލީވިއާކް ، އައިވަން ސުކްމަނޯވްސްކީ .، މަރިއަން ސްޓެފަންކިވް، މަކްސިމް ހޮންޗަރޫކް، ވިކްޓޯ ކަމިންސްކީ އަދި އެމެރިކާ ރައްޔިތު މީހ މެތިއު އޭރަން ވެންޑައިކް އެވެ.

ޔޫކްރެއިންގެ ފޮރިން މިނިސްޓްރީން މި ހައްޔަރުކުރުންތަކާ ގުޅިގެން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެމީހުން ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި އިންޑިއާގެ މީޑިއާއިން ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ މިނިސްޓްރީން ތުހުމަތު ކުރެ އެވެ.

ނަމަވެސް އިންޑިއާގެ ޖާސޫސީ އިދާރާތަކުން ބުނާ ގޮތުގައި، މި މީހުންގެ ހަރަކާތްތަކާ ބެހޭ ގޮތުން ޔަގީން މަސްދަރުތަކުން މައުލޫމާތު ލިބިފައިވެ އެވެ. މިޒޯރަމްގެ ޗީފް މިނިސްޓަރު ލާލްޑޫހޯމާ މިދިޔަ އަހަރު ވިދާޅުވީ، ކިއޭވްއާ ގުޅުންހުރި އެތައް ހާސް "ހުޅަނގުގެ ކުލީ ސިފައިން" މިޒޯރަމް މަގުން މިޔަންމާއަށް އެތެރެވި ކަމަށެވެ. މީގެ އިތުރުން، މަނިޕޫރުގެ ޗީފް މިނިސްޓަރު އެން. ބިރެން ސިންގް ވެސް ވަނީ އެ ސްޓޭޓްގައި ހިނގި ހަމަނުޖެހުންތަކުގައި ބޭރުގެ ކުލީ ސިފައިންގެ އަތެއް އޮތްކަމަށް 2024 ގައި ތުހުމަތުކުރައްވައިފަ އެވެ.

ހިއްސާ ކުރައްވާ!