މައިކްރޯސޮފްޓް ކޮންސޯޓިއަމްއިން އިންޑިއާ އާއި ދެކުނުއިރުމަތީ އޭޝިއާ ގުޅުވައިދެނީ

ދުނިޔޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާގައި އިންޑިއާގެ މުހިންމުކަން އިތުރަށް ހާމަކޮށްދެމުން، މައިކްރޯސޮފްޓް އިސްވެ އޮވެ ބައިނަލްއަގްވާމީ ކުންފުނިތަކެއްގެ ކޮންސޯޓިއަމްއަކުން 3,600 ކިލޯމީޓަރުގެ ދިގު ކަނޑުއަޑީގެ ކޭބަލެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. "އިންޑިއާ-ސައުތުއީސްޓް އޭޝިއާ އެކްސްޕްރެސް" އައި2ސީގެ ނަމުން ނަންދީފައިވާ މި މަޝްރޫއަކީ އޭޝިއާގެ ޑިޖިޓަލް އިގްތިސާދީ ވިއުގަ ވަރުގަދަ ކުރުމަށް އެޅޭ ފިޔަވަޅެވެ.

މި މަޝްރޫއުގައި މައިކްރޯސޮފްޓްގެ އިތުރުން ލައިޓްސްޓޯމް އަދި ސިންގަޓެލް އަދި ޓާޓާ ކޮމިއުނިކޭޝަންސް ފަދަ ޓެލެކޮމިއުނިކޭޝަންގެ ބޮޑެތި ކުންފުނިތައް ހިމެނެއެވެ. މި ކޭބަލް ގުޅުވާލާނީ އިންޑިއާގެ މައި ސިޓީތައް ކަމަށްވާ ޗެންނާއީ އާއި ހައިދުރާބާދު، ސިންގަޕޫރު އަދި މެލޭޝިއާގެ ކުއަލަލަމްޕޫރާ އެވެ.

މި ކޭބަލުގެ މައިގަނޑު ބޭނުމަކީ ޖެނެރޭޓިވް އޭއައި އާއި ކްލައުޑް ކޮމްޕިއުޓިންގް ސާވިސްތަކަށް ބޭނުންވާ މަތީ ފެންވަރުގެ ޑޭޓާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމެވެ. މިހާރު ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދުވެލި ހުރި ގޮތުން، ޑޭޓާ ސެންޓަރުތަކާއި ކްލައުޑް އިންފްރާސްޓްރަކްޗާއަށް އިންތިހާއަށް ބޮޑު ޑިމާންޑެއް ވަނީ ކުރިމަތިވެފައެވެ. މި ކޭބަލްގެ ސަބަބުން މި ސަރަހައްދުގެ ގައުމުތަކުގެ ދެމެދުގައި ޑޭޓާ ބަދަލުކުރުމުގެ ސްޕީޑް އިތުރުވެ، ނެޓްވޯކްގެ ހަކަތަ ވަރުގަދަވެގެންދާނެއެވެ.

މި މަޝްރޫއަކީ ހަމައެކަނި ޓެކްނޮލޮޖީގެ މަޝްރޫއެއް ނޫނެވެ. މިއީ ޖިއޮޕޮލިޓިކަލް ގޮތުން ވެސް މުހިންމު ފިޔަވަޅެކެވެ. އިންޑިއާ އަކީ މިހާރު ގްލޯބަލް ޓެކް ކުންފުނިތަކުގެ މައި މަރުކަޒަކަށް ވާއިރު، ދެކުނު އިރުމަތީ އޭޝިއާ އާއި އިންޑިއާ ގުޅުވައިދޭ މިފަދަ ޑިޖިޓަލް ހައިވޭއެއް އޮތުމަކީ އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމެކެވެ.

އެންއީސީ ކޯޕަރޭޝަނުން ސަޕްލައިކުރާ މި ކޭބަލުގެ މަސައްކަތް 2029 ވަނަ އަހަރުގެ ފަހުކޮޅު ނިމޭނެ އެވެ. މިއީ އޭޝިއާގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެޅޭ ބިންގަލެކެވެ. މީގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި އިންޑިއާއަކީ ޑޭޓާ ސެންޓަރުތަކުގެ ހަބަކަށް ވުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

މައިކްރޯސޮފްޓްގެ މި އިންވެސްޓްމަންޓަކީ ދުނިޔޭގެ ޓެކްނޮލޮޖީގެ ޗާޓުގައި އިންޑިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ މަގާމު އިތުރަށް ބަދަހިކޮށްދޭނެ ކަމެކެވެ. ޑިޖިޓަލްކޮށް ގުޅިފައިވާ އޭޝިއާއަކީ މާދަމާގެ އިގްތިސާދީ ކުރިއެރުމުގެ އެންމެ މުހިންމު އެއް ތަނބު ކަމަށްވާއިރު، މި ކޭބަލަކީ އެ މަގަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް