ޗައިނާއިން ސަބްމެރީން މިސައިލެއް ޓެސްޓުކުރުމުން އޮސްޓްރޭލިއާއާއި ނިއުޒިލޭންޑުން ކަންބޮޑުވުން ފާޅުކޮށްފި

ދެކުނު ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރީނަކުން ޗައިނާއިން ދުރުރާސްތާގެ ބެލިސްޓިކް މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ފިޔަވަޅާއެކު އޮސްޓްރޭލިއާއާއި ނިއުޒިލޭންޑުގެ ވަރުގަދަ ފާޑުކިޔުންތަކެއް ޗައިނާއަށް އަމާޒުވެފައިވާއިރު، ނިއުކްލިއާ ހަތިޔާރުން ސަލާމަތްވެގެންވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ހޯމަ ދުވަހުގެ މެންދުރު 12:01 ގައި ކުރިއަށްގެންދިޔަ މި ޓެސްޓުގައި ބޭނުންކޮށްފައިވަނީ އަސްލު ގޮވާއެއްޗެއް ނެތް ވޯހެޑެއް ކަމަށް ޗައިނާގެ ރަސްމީ ނޫސް އެޖެންސީ، ޒިންހުއާއިން ރިޕޯޓުކުރެއެވެ. ޒިންހުއާއިން ބުނިގޮތުގައި މިއީ އެގައުމުގެ ސިފައިން އަހަރަކު އެއްފަހަރު ބާއްވާ އާދައިގެ ތަމްރީނުތަކުގެ ބައެކެވެ. އަދި މި ޓެސްޓަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދިޔަ، ވަކި ގައުމަކަށް ނުވަތަ އަމާޒަކަށް ގަސްތުކޮށްގެން ދިން ކަމެއް ނޫން ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.

ނަމަވެސް، މި ޓެސްޓާ ގުޅިގެން ސަރަހައްދީ ބާރުތަކުގެ މެދުގައި ވަނީ ނުތަނަވަސްކަން ބޮޑުވެފައެވެ. މިއީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޕެސިފިކް ސަރަހައްދުގައި ޗައިނާއިން މިފަދަ މިސައިލެއް ޓެސްޓުކުރި ފުރަތަމަ ފަހަރެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގް، ފިޖީގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ސަރަހައްދުގެ ހަމަޖެހުން ގެއްލުވައިލާ ފަދަ އަމަލެއްކަން ޗައިނާއަށް ސާފުކޮށް އަންގާފައިވާނެ ކަމަށެވެ. މި ޓެސްޓު ކުރިއަށްގެންގޮސްފައިވަނީ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުޑަކުރުމުގެ މަގްސަދުގައި އޮސްޓްރޭލިއާއާއި ފިޖީއާ ދެމެދު ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރި ދުވަހުކަން ފާހަގަކޮށްލެވެއެވެ.

ނިއުޒިލޭންޑުގެ ފޮރިން މިނިސްޓަރު ވިންސްޓަން ޕީޓާސް ވިދާޅުވީ، މިފަދަ އަސްކަރީ ހަރަކާތްތަކާ މެދު ނިއުޒިލޭންޑުން އަބަދުވެސް ކަންބޮޑުވާ ކަމަށެވެ. އަދި ޗައިނާއިން މި ޓެސްޓު ކުރިއަށްގެންގޮސްފައިވަނީ އެގައުމަށް އެންގިތާ އެންމެ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

މި މިސައިލް ފޮނުވައިލާފައިވަނީ 1986 ވަނަ އަހަރުގެ "ޓްރީޓީ އޮފް ރަރޮޓޮންގާ" އެއްބަސްވުމުގެ ދަށުން ނިއުކްލިއާ ހަތިޔާރު މަނާކޮށްފައިވާ ދެކުނު ޕެސިފިކްގެ ޚާއްސަ ސަރަހައްދަށެވެ. ޗައިނާއިން 1987 ވަނަ އަހަރު މި މުއާހަދާގެ ބައެއް އުސޫލުތައް ބަލައިގަނެ، އެ ސަރަހައްދުގައި ނިއުކްލިއާ ހަތިޔާރު ޓެސްޓު ނުކުރުމަށާއި، އެ ސަރަހައްދުގެ ގައުމުތަކަށް ބިރު ނުދެއްކުމަށް ވައުދުވެފައިވެއެވެ.

އެމެރިކާއާއި އެގައުމުގެ ބައިވެރިން ދެކޭގޮތުގައި، މިއީ ދެކުނު ޕެސިފިކް ސަރަހައްދުގައި ޗައިނާއިން އަމިއްލަ އަސްކަރީ ބާރުވެރިކަން ދެއްކުމަށްޓަކައި އެޅި ސްޓްރެޓީޖިކް ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!