ގައުމަކުން ނުވަތަ މުޖުތަމައަކުން އިންސާނިއްޔަތުކަމުގެ އެންމެ ފަހު ކުލަވަރުވެސް ފޮހެވިގެންދާއިރު، އެބައެއްގެ އަމަލުތަކުން ފެންނާނީ ބަޔާންކުރަންވެސް ދަތި ރަހުމެއްނެތް ވަހުޝީކަމެކެވެ. އިސްރާއީލުގެ ޒަޔަނިސްޓު ނިޒާމަކީ ދިހަވަރަކަށް އަހަރު ވަންދެން ހިންގާފައިވާ ނަސްލީ ތަފާތުކުރުމާއި ސިކުނޑި ދޮވެލުމުގެ ސަބަބުން، އެހެން އިންސާނުންނަކީ ދިރިހުރުމުގެ ހައްގެއް އޮތް ބައެއް ކަމަށް ގަބޫލު ނުކުރާ ނަސްލެއް އުފައްދާފައިވާ ދައުލަތެކެވެ. މިއަދު "ޒަޔަނިސްޓަކަށް" ވުމަކީ ފަލަސްތީނުގެ މައުސޫމް ރައްޔިތުން ނައްތާލައި، އެމީހުން މަރާލުމަށް ދުނިޔޭގެ ކުރިމަތީގައި ލިބިފައިވާ ލައިސަންސެއް ކަމަށް އެމީހުން ދެކެއެވެ.
މި ބިރުވެރި ހަގީގަތް ހާމަކޮށްދޭ އެންމެ ފަހުގެ ހާދިސާ ހިނގާފައިވަނީ ހިފާފައިވާ ގުދުސްގެ އުތުރުގައި އޮންނަ ގަލަންދިޔާ ކޭމްޕުގައެވެ. ކެމެރާތަކަށް ރެކޯޑުކުރެވިފައިވާ މަންޒަރުތަކުން ފެންނަނީ، އިންސާނީ ސިފައިން މުޅިން ވަކިވެފައިވާ އިސްރާއީލު ސިފައިންގެ ރަހުމެއްނެތް ސާދީ އަމަލެކެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އިސްރާއީލުގެ ބޯޑަރު ފުލުހުންގެ ޔަހޫދީ ސިފައިންގެ މީހަކު ވަނީ ފަލަސްތީނުގެ ޒުވާނުންތަކެއް ތިބި ކާރެއްގެ ތެރެއަށް ބޮމެއް އެއްލާފައެވެ. އޭނާ ބޮން އެއްލުމަށްފަހު، ކާރުގެ ޑްރައިވަރަށް ނިކުމެ ސަލާމަތްވުމުގެ ފުރުސަތު ނުދިނުމަށްޓަކައި، ކާރުގެ ދޮރު ވަރަށް ބާރަށް ލައްޕައި ބަންދުކުރިއެވެ. އެ ޒުވާނުން ކާރުގެ ތެރޭގައި ތިއްބައި ބޮން ގޮވައިގެންދިޔައީ އެމީހުން އެތެރޭގައި ހައްޔަރުވެފައި ތިއްބައެވެ.
އިސްރާއީލުގެ "ހާއާރެޓްޒް" ނޫހުން ރިޕޯޓުކުރި ގޮތުގައި، ބޮން އެއްލުމުގެ ކުރިން އެ ޔަހޫދީ ސިފައިންގެ މީހާ ވަނީ ރުޅިވެރިކަމާއެކު "ކާކާ ތިޔަ ވާހަކަދައްކަނީ؟" މިފަދައިން ހަޅޭއްލަވައިގަނެފައެވެ. ބޮން ގޮވުމަށްފަހުވެސް، އެ ސިފައިންގެ މީހާ ވަނީ ކާރުން ފިލަން ދުވި އެހެން ޒުވާނުންނަކާ ދިމާކޮށް، ހަޑިހުތުރު ބަހުން އެއްޗެހިގޮވައި، ބަޑި ޖަހައި ބިރުދައްކާފައެވެ.
މި ހާދިސާގެ ހޫނުގަނޑު ބޮޑުވުމުން، އިސްރާއީލުގެ ފުލުހުން ވަނީ އާދައިގެ މަތިން މިއީ "އެގައުމުގެ މިންގަނޑުތަކާ ޚިލާފު" ކަމެއް ކަމަށް ބުނެ، ތަހުގީގު ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް، މިއީ ބައިނަލްއަގުވާމީ މުޖުތަމައުގެ ނުރުހުން ކުޑަކުރުމަށްޓަކައި އިސްރާއީލުގެ ޖެނޮސައިޑް ސިފައިން ދައްކާ ދޮގު ބަހަނާއެކެވެ. މިފަދަ ހަމަލާތައް ދޭ ސިފައިންނަށް އެއްވެސް ހަގީގީ އަދަބެއް ނުލިބޭތާ، އެމީހުންގެ ޖަރީމާތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
މި ހަމަލާއާ އެކުއެކީގައި، ގަލަންދިޔާ ކޭމްޕަށް އިސްރާއީލު ސިފައިން ދިން އެހެން ހަމަލާއެއްގައި، އެންމެ 16 އަހަރުގެ ވަލީދު ނިޟާލު އަބޫ ސަނީނާ ނަމަކަށް ކިޔާ ކުޑަކުއްޖަކު ވަނީ ބޮލަށް ވަޒަން އަރައިގެން ޝަހީދުވެފައެވެ. އަދި އިތުރު ދެ ކުޑަކުއްޖަކަށް ވަނީ ބަޑީގެ ހަމަލާތައް އަމާޒުވެ ޒަޚަމްވެފައެވެ.
ގުދުސްއާއި ރާމަﷲ ގުޅުވައިދޭ މައި މަގުގައި އޮންނަ ގަލަންދިޔާ ކޭމްޕަކީ އިސްރާއީލުގެ ނަސްލު ނައްތާލުމުގެ ސިޔާސަތުގެ ދަށުން ކޮންމެ ދުވަހަކު ލޭއޮހޮރުވުންތައް ހިންގާ ސަރަހައްދެކެވެ. ޒަޔަނިސްޓު ފިކުރުގެ ދަށުން އިންސާނިއްޔަތުކަން ކަނޑާލާފައިވާ މި ނިޒާމު ދުނިޔެއަށް ދައްކަމުންދަނީ، އެމީހުންގެ ކުރިމަތީގައި ފަލަސްތީނުގެ ރައްޔިތުންނަކީ ދިރިހުރުމުގެ އެއްވެސް ހައްގެއް އޮތް ބައެއް ނޫން ކަމެވެ.







