ހުޅަނގު އައްސޭރީގައި ހަމާސްގެ ސަރުކާރެއް ނުވަތަ އެފަދަ ހަތިޔާރުއެޅި ބޮޑު ނިޒާމެއް ނެތް ނަމަވެސް، ޔަހޫދީން އެ ސަރަހައްދަށް ދެމުންދާ ހަމަލާތަކުން ސާފުވަނީ އެމީހުންގެ އަސްލު މަގްސަދަކީ ހަމާސް ނައްތާލުން އެކަނި ނޫން ކަމާއި، ފަލަސްތީނުގެ ބިންތައް މުޅިން ފޭރިގަނެ އެ ބިމުން މުސްލިމުން ބޭރުކޮށްލުން ކަމެވެ.
ހުޅަނގު އައްސޭރީގައި ހަމަލާތަކުގެ އަދަދު އިންތިހާއަށް މަތިވުން
"ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަން" އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް، އިސްރާއީލު ސިފައިންނާއި ހަރުކަށި ޔަހޫދީ ވަޒަންވެރިން ވެގެން ހުޅަނގު އައްސޭރީގައި 11,074 އަށްވުރެ ގިނަ ހަމަލާ ވަނީ ދީފައެވެ.
ހަމަލާތައް އެންމެ ގިނައިން އަމާޒުވެފައިވާ ސަރަހައްދުތަކަކީ:
- ޚަލީލް: 2,224 ހަމަލާ
- ރާމަﷲ އަދި އަލްބީރާ: 2,175 ހަމަލާ
- ނާބުލްސް: 2,095 ހަމަލާ
- ބައިތުލަހުމް: 1,137 ހަމަލާ
ހުޅަނގު އައްސޭރީގައި ބިންތައް ފޭރުމާއި އާ ވަޒަންވެރިވުންތައް
ކޮމިޝަނުން ފާހަގަކުރި ގޮތުގައި އިސްރާއީލުން މިހާރު ވަނީ ހަމައެކަނި ބިން ހިފުމުގެ މަރުހަލާ ހުރަސްކޮށް، އެ ބިންތަކަކީ ރަސްމީކޮށް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ފަށާފައެވެ.
- 2026 ގެ ފުރަތަމަ ހަ މަސް ތެރޭގައި ޔަހޫދީން ވަނީ ފަލަސްތީނުގެ ބިންތަކުގައި އަލަށް ޣައިރުގާނޫނީ 42 އާބާދީ ހަދާފައެވެ.
- އިސްރާއީލު ސަރުކާރުން ވަނީ އާ 34 ޔަހޫދީ އަވަށްތައް ހެދުމުގެ ހުއްދަ ދީފައެވެ. މިއާއެކު މިހާރުގެ ސަރުކާރުން ހުއްދަދިން އަވަށްތަކުގެ ޖުމްލަ 103 އަށް އަރައެވެ.
- ފަލަސްތީނުގެ 4.4 އަކަ ކިލޯމީޓަރުގެ ބިން އިސްރާއީލުން ފޭރިގަނެ، ފަލަސްތީނު މީހުންގެ 341 ގެދޮރާއި އިމާރާތް ވަނީ ސުންނާފަތިކޮށްލާފައެވެ.
ހުޅަނގު އައްސޭރީގައި ވަޒަންވެރިންގެ އަނިޔާވެރިކަމާއި ތިމާވެށީގެ ގަތުލުއާންމު
- ހަރުކަށި ޔަހޫދީ ވަޒަންވެރިން ދިން 3,488 ހަމަލާގައި ފަލަސްތީނުގެ 17 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.
- މި ހަމަލާތަކުގެ ސަބަބުން ސަހަރާގައި ދިރިއުޅޭ ބަދަވީންގެ 26 މުޖުތަމައަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.
- ފަލަސްތީނުގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ޒައިތޫނި ގަސްތައް ނައްތާލުމުގެ ބޮޑު ޖަރީމާއެއް ވަނީ ހިންގާފައެވެ.
- ޔަހޫދީން ވަނީ ޖުމްލަ 45,195 ގަސް ކަނޑާލާ ނުވަތަ ހަލާކުކޮށްލާފައެވެ. މީގެ ތެރޭގައި 26,395 ޒައިތޫނި (ގަސް ހިމެނެއެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީން ހިނގަމުން މިދާ ކަންކަމުން ސާބިތުވަނީ، އިސްރާއީލުގެ ޔަހޫދީ އުދުވާނަކީ ވަކި ޖަމާއަތަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން ކަމެވެ. އެއީ މުޅި ފަލަސްތީނުގެ ބިމުން މުސްލިމުންގެ ނަން ފޮހެލައި، އެމީހުންގެ ދިރިއުޅުމުގެ ވަސީލަތްތައް ކަމަށްވާ ގެދޮރާއި ޒައިތޫނި ގަސްތައް ނައްތާލުމަށް ނިޒާމީ ގޮތެއްގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ބޮޑު ޖަރީމާއެކެވެ.







