ޔަހޫދީ ދައުލަތް ރޫޅުން ގާތްވެއްޖެ | އަހުލީ ހަނގުރާމައެއްގެ ތުންފަތް މަތީގައި

އަސްކަރީ ގޮތުން ތައްޔާރުވުމާއި ޖިއޯޕޮލިޓިކަލް ގޮތުން ދައްކާ ބޮޑާކަމުގެ ފުރަގަހުގައި، އިސްރާއީލުގެ މުޖުތަމައު މިއަދު މިވަނީ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ އެތެރޭގެ ބައިބައިވުންތަކެއްގެ ތެރެއަށް ވެއްޓިފައެވެ. އަދި އެގައުމުގެ އާބާދީގެ ބޮޑު ބަޔަކު މިއަދު ދަނީ ދައުލަތް އެތެރެއިން މުޅިން ފުނޑުފުނޑުވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ގުދުސްގައި ހުންނަ މަޝްހޫރު ތިންކް-ޓޭންކެއް ކަމަށްވާ "ޖޫވިޝް ޕީޕަލް ޕޮލިސީ އިންސްޓިޓިއުޓް" ޖޭޕީޕީއައި އިން ނެރުނު އުފާ ކުރަން ޖެހޭފަދަ އާ ދިރާސާއަކުން ދައްކާ ގޮތުގައި، އިސްރާއީލުގެ ޔަހޫދީ އާބާދީގެ ބޮޑުބައެއް ކަމަށްވާ 60 އިންސައްތަ މީހުން ގަބޫލުކުރަނީ އެގައުމުގެ ތެރޭގައި އަހުލީ ހަނގުރާމައެއް ފެށުމުގެ "ހަގީގީ އަދި ސާފު" ބިރެއް މިހާރު އެބައޮތް ކަމަށެވެ.

މި ހޯދުންތަކުން ސިފަކޮށްދެނީ، ސިޔާސީ ހަރުކަށިކަމާއި، އިޖުތިމާއީ ގޮތުން އެކަކު އަނެކަކަށް އޮތް އިތުބާރު ގެއްލުމާއި، އަދި އަމިއްލަ މުސްތަގުބަލާ މެދު އޮތް ބިރުވެރިކަމުގެ ސަބަބުން އެތެރެއިން ވަރަށް ބޮޑަށް ޔަހޫދީ ދައުލަތް ރޫޅިފައިވާ ގައުމެއްގެ ބިރުވެރި މަންޒަރެކެވެ.

ދިހަވަރަކަށް އަހަރު ވަންދެން، ބޭރުގެ ހަނގުރާމަތަކަކީ އެ ދައުލަތް އެއްބައިވަންތަކޮށްދިން ބާރެކެވެ. ނަމަވެސް، މުހައްލިލުން ފާހަގަކުރާ ގޮތުގައި، ގައުމީ ފިކުރުގެ ހަރުކަށި ވާހަކަތަކާއި، ކަނާތުފިޔައިގެ ހައްދުފަހަނައެޅި ސިޔާސަތުތައް ވަރުގަދަކުރުމާއި، އަދި ނަހަމަ ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން އެގައުމުގެ އެތެރޭގެ އެއްބައިވަންތަކަން ވަނީ މުޅިން ލޫދިފައެވެ.

މި ސާވޭއިން ދޭހަކޮށްދެނީ މުޖުތަމައުގެ އަސްލު ބިންގާ ރޫޅެމުންދާ ކަމާއި، އޭގެ ބަދަލުގައި އެތެރޭގައި ބިރުވެރިކަމާއި ނަފުރަތުގެ އޮއިވަރެއް އުފެދެމުންދާ ކަމެވެ.

މި ސާވޭގެ މައިގަނޑު ހޯދުންތަކުން ދައްކާގޮތުގައި އެގައުމުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

  • އެތެރޭގެ އަނިޔާވެރިކަމުގެ ބިރު: އަހުލީ ހަނގުރާމައަކަށް ބިރުގަންނަ 60 އިންސައްތަ މީހުންގެ އިތުރުން، މި ސާވޭއިން ވަނީ އެގައުމުގެ އެތެރޭގެ ސިޔާސީ އަނިޔާވެރިކަމާ މެދު އޮތް ބޮޑު ސިހުން ހާމަކޮށްދީފައެވެ. ސާވޭގައި ބައިވެރިވި މީހުންގެ 52 އިންސައްތަ މީހުން ބުނެފައިވަނީ، ބޮޑުވަޒީރަށް ނުވަތަ ސިޔާސީ އިސް ވެރިއަކަށް އަމާޒުކޮށް ސިޔާސީ މަރަކުން މަރާލުމުގެ ފުރުސަތު "ވަރަށް ބޮޑު" ކަމަށެވެ.

  • އިޖުތިމާއީ މާޔޫސްކަން ފެތުރުން: ޔަހޫދީ ގައުމު މިހާރު ދަތުރުކުރަމުންދާ މިސްރާބުގެ ސަބަބުން ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރު އާންމުންގެ ވިސްނުމުން ސާފުކޮށް ފެނެއެވެ. އިސްރާއީލުގެ ޔަހޫދީ އާބާދީގެ ބޮޑުބައެއް ކަމަށްވާ 79 އިންސައްތަ މީހުން ވޭތުވެދިޔަ އަހަރަކީ އިޖުތިމާއީ ގޮތުން "ގޯސް" އަހަރެއްގެ ގޮތުގައި ރޭޓްކޮށްފައިވާއިރު، އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި (49 އިންސައްތަ) މީހުން ބުނެފައިވަނީ ދައުލަތުގެ މުސްތަގުބަލާ މެދު އެމީހުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ.

"އިސްރާއީލުގެ މުޖުތަމައުން ފާހަގަކޮށްލެވޭ ފަދަ ހިތްވަރާއި އުންމީދުތަކެއް ދެއްކި ނަމަވެސް، އެ މުޖުތަމައު އޮތީ އެތެރެއިން ވަރަށް ބޮޑަށް ރޫޅި، ބައިބައިވެފައެވެ،" ދިރާސާއާ އެކު ނެރުނު ބަޔާނެއްގައި ޖޭޕީޕީއައި ގެ ރައީސް ޔެދީދިއާ ސްޓާން ބުންޏެވެ. ސްޓާން އިންޒާރު ދިން އުފާވެރި ޚަބަރުގައި އެތެރޭގެ ބައިބައިވުން މިހާރު ވަނީ އެންމެ ބޮޑު ނުރައްކަލަށް ބަދަލުވެފައި ކަމަށް ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި "އާންމުން ގަބޫލުކުރާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު ދުޝްމަނަކީ މިއަދު އެމީހުންގެ ޔަހޫދީންގެ ބައިބައިވުމެވެ."

މިހާރުގެ ވެރިކަންކުރާ ކޯލިޝަނަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މި އަދަދުތަކަކީ ނިޒާމީ އަނިޔާވެރިކަމާއި، ސަރަހައްދީ ގޮތުން ހިންގާ ލާއިންސާނީ އަނިޔާއާއި ޖެނޮސައިޑް ހަމަލާތަކާއި، އަދި އެހެން މީހުން ގެދޮރުން ބޭރުކޮށް ނައްތާލުމުގެ މައްޗަށް ބިނާވެފައިވާ ޔަހޫދީ ރެޖީމެއްގެ ތަބީއީ ނަތީޖާއެވެ.

މުހައްލިލުން އިޝާރާތްކުރާ ގޮތުގައި، މިފަދަ ވެއްޓެއްގެ ސަބަބުން ދައުލަތުގެ އެތެރޭގައި އުފެދުނު ދުޝްމަންކަން މިއަދު މިވަނީ އަމިއްލަ މީހުންނާ ދިމާލަށް އެނބުރިފައެވެ. ސިޔާސީ މަރެއް ހިންގުމުގެ ބިރުވެރިކަމަކީ ކޮންމެ ވަގުތަކުވެސް ހިނގައިދާނެ ކަމެއް ކަމަށް އެގައުމުގެ ގިނަ ރައްޔިތުން ގަބޫލުކުރާއިރު، އިސްރާއީލަށް މިއަދު ކުރިމަތިލާން ޖެހިފައިވަނީ ޔަހޫދީންގެ އެތެރޭގެ ހަރުކަށިކަމާއި ބައިބައިވުމުން އުފަންވި، އެތެރޭގެ ދުޝްމަނަކާއެވެ.

ހިއްސާ ކުރައްވާ!