އިސްރާއީލުން ޤަލަންދިޔާ ކޭމްޕަށް ވަދެގަނެ ފަލަސްޠީނުގެ ކުޑަކުއްޖަކު ޝަހީދުކޮށްލައިފި

ހިފާފައިވާ ހުޅަނގު ބޭރުން އޮންނަ ޤަލަންދިޔާ ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން ވަދެގަނެ ހިންގި ލޭއޮހޮރުވުމެއްގައި، ފަލަސްޠީނުގެ އުމުރުން 16 އަހަރުގެ ކުޑަކުއްޖަކު ބަޑީގެ ހަމަލާތަކުގައި ޝަހީދުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ރަސްމީ ނޫސް އެޖެންސީ "ވަފާ" އިން ބުނިގޮތުގައި، ޔަހޫދީ ސިފައިންގެ ރަހުމެއްނެތް ހަމަލާތަކުގައި ޝަހީދުވެފައިވަނީ ވަލީދު ނިޟާލް އަބޫ ސުނައިނާ (16 އަހަރު) އެވެ. މި ހަމަލާގައި އިތުރު ދެ ކުޑަކުއްޖެއްގެ ފައިގެ އެކި ހިސާބުތަކަށް ވަޒަންއަރައި ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ.

އިސްރާއީލު ސިފައިން ކޭމްޕަށް ވަދެގަތް ވަގުތު، އުސް އިމާރާތްތަކުގެ މައްޗަށް ފިލާ ތިބެގެން ބަޑިޖަހާ ސްނައިޕަރުން އަރުވައި، އާންމުންގެ ގަޔަށް ވަނީ އަމާޒުކޮށް ބަޑި ޖަހާފައެވެ. އަދި މި ހަމަލާތަކުގެ ތެރެއިން ފަލަސްޠީނުގެ ޒުވާނުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްގެން ގެންގޮސްފައިވެއެވެ.

ޤުދުސާއި ރާމަﷲ ގުޅުވައިދޭ މައި މަގުގައި އޮންނަ ޤަލަންދިޔާ ކޭމްޕަކީ އަބަދުވެސް ޔަހޫދީ ޖެނޮސައިޑް އިސްތިއުމާރީ ސިފައިންގެ އަނިޔާވެރިކަން ބޮޑު ސަރަހައްދެކެވެ.

ފަލަސްޠީނުގެ "ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓެންސް އޮތޯރިޓީ" ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ހަމައެކަނި މިދިޔަ މޭ މަހުގެ ތެރޭގައިވެސް އިސްރާއީލު ސިފައިންނާއި ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ވެގެން ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި 1,659 އަށްވުރެ ގިނަ ލޭއޮހޮރުވުންތަކާއި ހަމަލާތައް ހިންގާފައިވެއެވެ. މީގެތެރެއިން 1,108 ހަމަލާއަކީ ސިފައިން ދީފައިވާ ހަމަލާތަކެވެ.

މި އަނިޔާވެރި އަމަލުތަކުގެ ތެރޭގައި:

  • އާންމުންގެ ގަޔަށް އަމާޒުކޮށް ޖިސްމާނީ އަނިޔާކުރުން
  • ދަނޑުބިންތަކުގައި ހުރި ޒައިތޫނި ގަސްތައް މޫތަކާއެކު އުފުރައި، ދަނޑުތަކުގައި ހުޅުޖެހުން
  • ދަނޑުވެރިން އެމީހުންގެ އަމިއްލަ ބިންތަކަށް ވަނުން މަނާކުރުން
  • ފަލަސްޠީނު ރައްޔިތުންގެ ގެދޮރާއި ދަނޑުވެރިކަމުގެ ބިނާތައް ތަޅާ ސުންނާފަތިކުރުން ހިމެނެއެވެ.

8 އޮކްޓޫބަރު 2023 އިން ފެށިގެން، ޣައްޒާގެ ޖެނޮސައިޑް ހަނގުރާމައާ އެކުއެކީގައި ހުޅަނގު އައްސޭރިއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ. ފަލަސްޠީނުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރިން އެކަނިވެސް 1,173 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

މީގެ އިތުރުން 12,666 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، 23,000 އެއްހާ މީހުން ވަނީ ވަގަށް ނަގައި ސަބަބަކާ ނުލައި ހައްޔަރުކޮށް ޖަލަށްލާފައެވެ. އަދި އިސްރާއީލުގެ މި އަނިޔާވެރި ސިޔާސަތުތަކުގެ ސަބަބުން ހުޅަނގު އައްސޭރީގެ 33,000 އަށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު ގެއްލި، މަގުމަތިވެފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.

ހިއްސާ ކުރައްވާ!