ހެނދުނުގެ ކޮފީ ތަށި ހިފުމުގެ ކުރިންވެސް، ރަހުމަތްތެރިޔާގެ ހިތާމަވެރި ޝަކުވާ ފެށިއްޖެއެވެ. މިއީ ހުޅުމާލޭގެ ފްލެޓްތަކާއި މާލޭގެ ކުދި އެޕާޓްމަންޓްތަކުން އާންމުކޮށް އިވޭ، ނަމަވެސް މިއަދުގެ ހެނދުނު ކުރިއަށްވުރެ ބޮޑުކޮށް އިހުސާސްވީ ޝަކުވާއެކެވެ.
"ކޮންމެ ދުވަހަކު ހެނދުނު އަހަރެން ލިފްޓަށް އަރާއިރު ކުދިންނާއި މައިންބަފައިން ތިބޭ. އެ ކުދިން ދިވެހި ބަހަކުން ވާހަކަ ނުދައްކާ. މުޅިންވެސް ވާހަކަދައްކަނީ އިނގިރޭސިން. މައިންބަފައިންވެސް ބޯޖަހާލާފައި ޖަވާބުދެނީ އިނގިރޭސި ބަހުން. އަހަރެމެންގެ އަމިއްލަ ބަސް އަހަރެމެންގެ ކުރިމަތީގައި މަރުވަމުންދާ މަންޒަރު ހަމަ ބަލަން ތިބެންވީތަ؟" ކޮފީ ތަށިން އިޝާރާތް ކުރަމުން ރަހުމަތްތެރިޔާ ބުންޏެވެ.
އެއިރު، ކެފޭގެ ކަނެއްގައި ހުރި ޓީވީން ހެނދުނުގެ ޚަބަރު ފޮނުވަމުންދިޔައެވެ. އެއީ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ. ރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހެވެ. ޓީވީ ސްކްރީނުން ފެންނަމުންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ރަސްމީ ތަހުނިޔާގެ މެސެޖެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް’ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ލިޔުންތެރިންނަކީ "އިޖާބީ ވިސްނުންތަކާއި ބިނާކުރަނިވި ފިކުރުތައް ފަތުރާ ބަޔަކަށް" ވުމަށް އިލްތިމާސް ކުރައްވާފައެވެ. އިސްލާމްދީން ބާރުއަޅަނީ ތަޢުލީމަށާއި ލިޔުންތެރިކަން ކުރިއެރުވުމަށްކަން ހަނދާންކޮށްދެއްވަމުން، ރާއްޖޭގެ މުޞައްނިފުން "ތެދު މަޢުލޫމާތު ފެތުރުމަށާއި، ރީތި ބަސްމަގު ބޭނުންކުރުމަށާއި، ޚިޔާލުތަކާއި ވާހަކަތައް ހިއްސާކުރުމަށް" އެމަނިކުފާނު ނަޞޭޙަތްތެރިވެވަޑައިގަތެވެ. ރައިސްގެ މި ވާހަކައަކީ އަދަބީ މިނިވަންކަން ފާހަގަކުރުމަށްވުރެ ބޮޑަށް މީޑިއާ ރެގިއުލޭޓްކުރަން ނޫސްވެރިކަމުގެ މުނާސަބާއެއްގައި ދެއްވި ނަސޭހަތުގެ ލެކްޗަރަކާ ވައްތަރު އިލްތިމާސެކެވެ! އޮޅިވަޑައިގަތީ ތޯއްޗެކެވެ! ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުވެސް ވަނީ ދިވެހި އަދަބިއްޔާތަށް "އުޖާލާ" މުސްތަޤްބަލަކަށް އެދި ދުޢާކުރައްވައި މި ތަހުނިޔާގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
ލިޔުންތެރިކަމުގެ ދާއިރާ ފާހަގަކުރުމަށް ބާއްވާ މި ރަސްމިއްޔާތަކީ 1933 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ މަޖައްލާ "އަލް އިޞްލާޙް" ޝާއިޢުކުރަން ފެށުމާ ގުޅިގެން ފެށުނު ކަމެކެވެ. ނަމަވެސް، ސަރުކާރުގެ އޮމާން ޕްރެސް ރިލީޒްތަކާއި ޓީވީން ދައްކާ ފުރިހަމަ ތަޞައްވުރުތަކާ ދުރަށްޖެހިލާއިރު، ހިތްދަތި ސުވާލެއް ކުރިމަތިވެއެވެ. ދިވެހި ބަސް ހަގީގަތުގައި މިސްރާބު ޖަހާފައިވަނީ ކޮން ދިމާއަކަށް ހެއްޔެވެ؟
ސިޔާސީ އޮމާން ބަސްތައް ދޫކޮށްލާފައި، ވޭތުވެދިޔަ އެއް އަހަރު ދުވަހަށް ބަލާލަމާ ހެއްޔެވެ؟ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖޭގައި އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ދިވެހި ބަހުން އުފެއްދީ ކޮން އެއްޗެއްތޯ ތެދުވެރިކަމާއެކު ސުވާލުކޮށްފިނަމަ، ލިބޭ ޖަވާބަކީ ލަދުވެތި ޖަވާބެކެވެ.
ހަމައެފަދައިން އެފަދަ އުފެއްދުމަށް، ޔައުނ،ީ ފޮތްތެރިކަމުގެ މަސައްކަތް ކުރިއެރުވުމަށް ދައުލަތުން ހޭދަކުރީ ކިތައް ރުފިޔާތޯ އަހަމާ ހެއްޔެވެ؟
ދުނިޔޭގެ މުހިންމު ކިތައް ފޮތް ދިވެހި ބަހަށް އަހަރު ތެރޭ ތަރުޖަމާ ކުރެވުނު ހެއްޔެވެ؟
ޒުވާން ދިވެއްސަކަށް އޭނާގެ މާދަރީ ބަހުން ކިޔާލުމަށްޓަކައި ސައިންސް، ފިލޯސަފީ ނުވަތަ ދުނިޔޭގެ ތާރީޚާ ގުޅޭ ކުޑަ ކިތައް ފޮތް ނެރެވުނު ހެއްޔެވެ؟
ތެދުވެރި ޖަވާބަކީ: ސުމެކެވެ!
އޭގެ ބަދަލުގައި، މިއަދު ދިވެހި ބަހުން އުފައްދާ މައިގަނޑު "އިލްމީ" އުފެއްދުމަކީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން އިވޭ އަދި ސިޔަސީ ޕޯޑިއަމްތަކާއި ނޫސްތަކުން ފެންނަ ވިހަގަދަ، ސިޔާސީ ޒުވާބުތަކެވެ. ބަސް މިވަނީ ސިޔާސީ ދެބަސްވުންތަކާއި އަބުރުކަނޑާލުމުގެ ވަސީލަތަކަށް ބަދަލުވެފައެވެ.
ވޯޓު ގުނުމަށާއި ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތައް ރޭވުމަށް ދައުލަތުން ބަހައްޓާ ފަދަ ވަރުގަދަ ޝައުގުވެރިކަމެއް ބަސް ހިމާޔަތްކށް ދިރުވައި މުއްސަނދިކުރުމަށް ބެހެއްޓިނަމަ! ….. ދިވެހި ބަހަކީ މިއަދު އަމިއްލަ ބާރާއެކު ދިރިހުރި ބަހަކަށް ވީހެވެ.
ނަމަވެސް، ބަސް ހިމާޔަތްކުރުން މިވަނީ އިދާރީ ނިޒާމަކަށް ދޫކޮށްލާފައެވެ. އަހަރެމެންގެ އޮތީ ބަސް އުފައްދާ ރަސްމީ އެކަޑެމީއެކެވެ. އެތަނުން ބައެއް ފަހަރު ކުއްލި ގޮތަކަށް އާ ދިވެހި ބަސްތައް އުފައްދައެވެ. އެއީ ދިވެހިންގެ ކަންފަތަށް ގުދުރަތީ ގޮތުން އަޑުއަހަން ފަސޭހަ ބަސްތަކަކަށް ވުމުގެ ބަދަލުގައި، ބޮމެއް ގޮވުން ފަދަ ސިހުމެއް ގެނުވާ އަދި އަމަލީ ގޮތުން ބޭނުންކުރަން އުނދަގޫ ބަސްތަކެކެވެ.
ބައްލަވާށެވެ! ބަސްތައް ކުރިއަރައި ދަނީ އިދާރީ އަމުރުތަކުންނެއް ނޫނެވެ. ބަސް މުއްސަނދިވަނީ ގުދުރަތީ ގޮތުން މުއްސަނދި ކުރެވޭ ގޮތަށް ކުރިއަށް ގެންދެވޭ އިލްމީ މަސައްކަތްތަކުންނެވެ.
ފޮތް ޝާއިޢުކުރުމުގެ ދާއިރާއަށް ބަލާއިރު، މިހާރުގެ ސަރުކާރުން ގެންގުޅެނީ ވަރަށް ހަނި ތަޞައްވުރެކެވެ. އެކަމަކު ޝުކުރިއްޔާއެވެ! އެހެން ސަރުކާރަކުން އެވަރަށްވެސް ވިސްނާފައެއް ނުވެއެވެ.
މީޑިއާ އައުޓްލެޓްތަކަށް ސަރުކާރުން ބުރަސްފަތިދުވަހު ގަވާއިދު ގެޒެޓުކޮށްލައި އާދިއްތައަށް ފޯމުބަލައި ގަތުމަށް ކައިރާތު ފަންޑު ހުޅުވާލައެވެ. ނަމަވެސް މި ފައިސާއަކީ މައިގަނޑު ގޮތެއްގައި ސަރުކާރުގެ ޕްރޮމޯޝަނަށާއި ޕަބްލިކް ރިލޭޝަންސް އަށް ހޭދަކުރާ ފައިސާއެވެ. ފޮތް ލިޔުމަށާއި، ފޮތްތެރިކަމަށާއި ފިކުރީ މަސައްކަތަށް އަދި އީޖާދީ ގްރާންޓްތަކަށް ނުވަތަ ދުނިޔޭގެ އަދަބިއްޔާތު ތަރުޖަމާ ކުރުމަށް މިފަދަ ހޭދަ ކުރުމެއް ނުވެއެވެ.
ދައުލަތުގެ ސަގާފީ މުއައްސަސާތަކުގެ މަޑު ގޮނޑިތަކުގައި ތިއްބަވާ ބޭފުޅުންނަށް، ދިވެހި ބަހަކީ އަންނަން އޮތް ޖީލަށް ދިރިހުރި، ނޭވާލާ ބަހަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އަސްލު މަސައްކަތަކީ ކޮބައިކަމެއް އެނގިވަޑައިގަންނަވާނަމަ ޝުކުރިއްޔާއެވެ.
ބަހެއް ދިރިގެންދަނީ ހަމައެކަނި ސިޔާސީ ތަޤްރީރުތަކުން ނޫންނެވެ. ލިފްޓުތަކުގެ ތެރޭގައި ތިބޭ ކުދިން ކުރިމަގުގައިވެސް ވާހަކަދައްކާނީ އިނގިރޭސި ބަހުންކަން ޔަގީނެވެ. އަދި ޖުލައި 8 ވަނަ ދުވަހު ފޮނުވާ އެއްވެސް އެކްސް ޕޯސްޓަކުން އެކަން ބަދަލުވާނެ ހެނެއް އަދި ހިއެއް ނުވެއެވެ.





