ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ބަޖެޓް ރިޕޯޓުން ފެންނަން އޮތް އަދަދަކީ ކަރުދާހުގެ މަތިން ބަލާއިރު ވަރަށް ކުލަގަދަ ކާމިޔާބީއެކެވެ. ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނާއި، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް 120 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ލިބިއްޖެއެވެ. ނަމަވެސް، އިޤްތިޞާދީ ނަޒަރަކުން ބަލާއިރު، މި ފާޅުކުރާ އުފަލަކީ ދުރުވިސްނުމެއް ނެތް، ކުރު މުއްދަތުގެ މާލީ ރާޅުތަކަކުން ސަލާމަތްވުމަށްޓަކައި ޤައުމުގެ އެންމެ އަގުބޮޑު ޤުދުރަތީ ރައުސްމާލު "ޑިސްކައުންޓް ސޭލް" އެއްގައި ވިއްކާލުން ފަދަ ކަމެކެވެ.
މި ބޮޑު މާލީ ސޭލްގެ އަސްލަކީ 2025 ވަނަ އަހަރުގެ މާޗު މަހު ޓޫރިޒަމްގެ ޤާނޫނަށް ގެނައި އިޞްލާޙެވެ. އެ އިޞްލާޙުގެ ދަށުން، ފައިސާ އަވަހަށް ދައްކާ ފަރާތްތަކަށް ސަރުކާރުން ދިނީ ބޮޑު ލުޔެކެވެ.
- 49 އަހަރުގެ އިތުރުވުން: ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެއްފަހަރާ ފައިސާ ދެއްކި ރިސޯޓުތަކަށް 49 އަހަރުގެ މުއްދަތު އިތުރުކޮށްދިނީ އެންމެ 5 މިލިއަން ޑޮލަރަށެވެ. އެ މުއްދަތު ހަމަވުމުން އެކަމުގެ އަގު އުޅެނީ 10 މިލިއަން ޑޮލަރުގައެވެ.
- ތަރުޙީބު: މި "އަވަސް ސޭލް" ގެ ބޭނުން ހިފައިގެން 18 ފަރާތަކުން މުއްދަތު އިތުރުކުރިއެވެ. އަދި ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި 15 ފަރާތަކުން 196 މިލިއަން ރުފިޔާ ދައުލަތަށް ދެއްކިއެވެ.
މިއީ ބަޖެޓުގެ ތާށިކަން ފިލުވާލުމަށްޓަކައި އެއްފަހަރާ ލިބުނު ބޮޑު ނަގުދު ފައިސާ ކޮޅެއް ކަމަށް ވިޔަސް، މީގެ ސަބަބުން ދައުލަތަށް މާދަމާ ލިބެން އޮތް ބާރާއި މާލީ ކުރިއެރުން މިވަނީ ހަނިވެފައެވެ.
އިޤްތިޞާދީ މާހިރުން އަބަދުވެސް އިންޒާރުދޭ އެއް ކަމެއް އޮވެއެވެ. އެއީ ދައުލަތެއްގެ ދަރަނި މެނޭޖްކުރުމަށް ނުވަތަ ދުވަހުން ދުވަހަށް ވިކުރާއަށް ހޯދާ ފައިސާއާއި ކުރަންޖެހޭ ޚަރަދުތައް ފޫބެއްދުމަށްޓަކައި، ދިގު މުއްދަތުގެ ޤައުމީ މިލްކިއްޔާތު އަގުހެޔޮކޮށް ސޭލްގައި ދޫކޮށްލުމަކީ ދެމެހެއްޓެނިވި ސިޔާސަތެއް ނޫން ކަމެވެ.
49 އަހަރަކީ ބައި ގަރުނެވެ. މާނައަކީ، ކުރިއަށް އޮތް ބައި ގަރުނަށް (ބޭރު މީހުންނަށް) ދޫކުރެވޭ އެ ރަށްތަކުގެ މާކެޓް އަގު ކިތަންމެ މައްޗަށް ދިޔަ ނަމަވެސް، ދައުލަތަށް އެއިން އިތުރު ބަދަލެއް ނުވަތަ ބޮޑު ފައިދާއެއް ހޯދުމުގެ ފުރުޞަތު މިވަނީ ބަންދުވެފައެވެ. ޤައުމެއްގެ ތަބީޢީ މުއްސަނދިކަން، އަވަސް ނަގުދު ފައިސާކޮޅަކަށް ބަދަލުކޮށްލުމަކީ އައު އާމްދަނީއެއް އުފެއްދުމެއް ނޫނެވެ. އެއީ ހަމައެކަނި މާދަމާގެ ޖީލުތަކަށް ލިބެން އޮތް މުއްސަނދިކަމެއްގެ ބޭނުން މިއަދު ހިފުމެކެވެ.
މިިދިޔަ އަހަރުގެ މި ނިންމުމަކީ ހަގީގަތުގައި ސްޓްރަކްޗަރަލް ރިފޯމެއް ނޫނެވެ. މިއީ ވަގުތީ ގޮތުން ބަޖެޓުގެ ތާށިކަން ފިލުވާލުމަށް ހިންގި އެކައުންޓިންގްގެ އުކުޅެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންތަކަކީ އަބަދުވެސް އަގު އުފުލެމުންދާ، ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު ރިއަލް އެސްޓޭޓެވެ. އެފަދަ އެސެޓްތައް "ބާޒާރު އަގަށްވުރެ" ދަށްކޮށް، ވަގުތުން އަވަހަށް ފައިސާ ބޭނުންވެގެން ދޫކޮށްލުމުން ދޭހަވަނީ އިޤްތިޞާދު ދިގު މުއްދަތަކަށް ރޭވުމުގައި ހުރި ބަލިކަށިކަމެވެ.
ލިބުނު 120 މިލިއަން ޑޮލަރުން މިއަދުގެ ބިލްތައް ދެއްކިދާނެއެވެ. ނަމަވެސް، މާދަމާގެ ޖީލުތަކަށް ބޯހިޔާވަހިކަމާއި، ތަޢުލީމާއި، ސިއްޙީ ޚިދުމަތް ދޭންޖެހޭއިރު، ދައުލަތުގެ އަތުގައި ބާރުވެރިކަމެއް ނޯންނާނެ އެވެ. ކުއްޔަށްދޫކުރި ފަޅުތަކާއި ރަށްތަކުގެ މިލްކުވެރިންނަށް ތިބޭނީ ބިދޭސީންގެ ބައެކެވެ. އެމީހުން އެތަންތާނގައި ތަޅު އަޅުވައިގެން ސަރުކާރާ ޒުވާބުކޮށްލަ ކޮށްލަ ތިބެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
ދުނިޔޭގައި ޓްރިޕިކަލް ޖަންގަލީއެއް އޮތް ހަމައެކަނި ކުޑަ ޖަޒީރާ އައްޑޫ ވިލިނގިލި މިސާލަކަށް ނުފުދޭ ހެއްޔެވެ؟ އެތަން ބޭރު ބަޔަކަށް ދީގެން އައްޑޫ މީހުންނަށް ވެސް އަދި ސަރުކާރަށްވެސް ލިބުނީ ކޮން މޮޅެއް ހެއްޔެވެ؟





