އިންތިޒާރުގައި ހުރި ކުއްތާ: ވަފާތެރިކަމުގެ ދާއިމީ ރަމްޒަކަށް

ޓޯކިޔޯގެ ޝިބުޔާ ސްޓޭޝަންގެ ބޭރުގައި މިލިއަނުން މީހުން ހިނގާބިގާވެ އުޅޭ މި މާހައުލުގައި ވަފާތެރިކަމުގެ އެއް ހާދިސާއެއްގެ ވާހަކަ ފަނޑުވެގެން ދިޔަ ނުދީ ހިފެހެއްޓިއެވެ. އެއީ އޭގެ ސާހިބު މީހާއަށް އިންތިޒާރު ކުރި ކުއްތާއެއްގެ ވާހަކައެވެ. އޭނާ ލޯބިވި ސާހިބުމީހާ ދުނިޔެ ދޫކޮށް ދިޔަތާ އެތައް ދުވަހެއް ފަހުންވެސް އެކުއްތާ އޭނާގެ އިންތިޒާރުގައި ހުއްޓެވެ.

ކުއްތާ ހާޗިކޯގެ ވާހަކަ ފެށެނީ މީގެ ގަރުނަކަށްވުރެ ގިނަ ދުވަސް ކުރިން، ނޮވެމްބަރު 1923 ގައެވެ. އެއީ ދިގު ރޭލު ދަތުރަކަށްފަހު، ދަނޑުވެރިކަމުގެ މާހިރެއް އަދި ކުއްތާތަކަށް އިންތިހާއަށް ލޯބިކުރެއްވި ޕްރޮފެސަރު ހިދެސާބުރޯ އުއެނޯގެ ގެއަށް ކުޑަ ކުއްތައެއް ގެނައި ހިސާބުންނެވެ. އެ ކުއްތާ ބަލިވެފައި އޮތްވަރުން، ގޭގެ މީހުންނަށް ފުރަތަމަ ހީވީ ދަތުރުމަތީގައި އެ ސޮރު މަރުވީ ކަމަށެވެ. ނަމަވެސް އުއެނޯ އާއި އޭނާގެ އަނބިމީހާ ޔައޭ، ހަ މަސް ދުވަަސްވަންދެން ކެތްތެރި ކަމާއެކު ފަރުވާދީ ބެލެހެއްޓުމަށްފަހު އެ ސޮރަށް އާ ދިރުމެއް ލިބުނެވެ.

އުއެނޯ އެ ސޮރަށް ނަން ދިނީ "ހާޗި" ޖަޕާން ބަހުން ނަސީބު ރަމްޒުކޮށްދޭ އަދަދު "އަށެއް" އެވެ. "ކޯ" އަކީ ޕްރޮފެސަރުގެ ދަރިވަރުން އޭނާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ބޭނުންކުރާ ފަހުބަހެވެ. އެހެންކަމުން އެ ކުއްތާގެ ނަމަކަށް "ހާޗިކޯ" ވެގެންދިޔައެވެ.

އެކުވެރިކަމުގެ އާދައެއް

ކޮންމެ ހެނދުނަކު ހާޗިކޯ، ގޭގައި ގެންގުޅޭ އަނެއް ދެ ކުއްތާއާއެކު އުއެނޯއާއެކު ޝިބުޔާ ސްޓޭޝަނަށް ދެއެވެ. މި ތިން ކުއްތާ ސްޓޭޝަންގެ ދޮރުމަތީގައި މަޑުކޮށްގެން ތިބެނީ ހަވީރު އެމީހުންގެ ސާހިބުމީހާ އެނބުރި އަންނަންދެނެވެ. މިއީ އެމީހުންގެ ދުވަސްތަކުގެ ހިމޭން އާދައަކަށް ވެގެންދިޔައެވެ.

ނަމަވެސް 21 މެއި 1925 ގައި މި އާދަ މެދުކެނޑުނެވެ. އުމުރުން 53 އަހަރުގައި އުއެނޯ ސިކުނޑިއަށް ލޭ ފޭބުމުގެ ސަބަބުން ކުއްލިއަކަށް މަރުވިއެވެ. އެއާއެކު އެންމެ 16 މަސް ދުވަހަށް ދެމިގެންދިޔަ އެކުވެރިކަން ނިމުމަކަށް އައެވެ. ޖަނާޒާގެ ތެރޭގައި، ހާޗިކޯ ޕްރޮފެސަރުގެ ސަންދޯއް ދަށަށް ދެމިގަނެ، އެތަނުން ގުޑާލަންވެސް ދެކޮޅު ހެއްޖެވެ.

އެނބުރި އައި ކުއްތާ

އުއެނޯ މަރުވުމަށްފަހުވެސް ހާޗިކޯ ތިމާގެ މީހުންނާއި ދަންނަ މީހުންގެ ގެއަށް ބަދަލުވަމުން ދިޔަ ނަމަވެސް، އެއްވެސް ވަގުތީ ގެއަކުން އޭނާ ޝިބުޔާގެ ރޭލްވޭ ސްޓޭޝަނާ ދިމާއަށް ހުންނަ ޝައުގުވެރިކަން ކުޑަކޮށެއް ނުދިނެވެ. 1925 ގެ ހޫނު މޫސުމާ ހިސާބަށް އައިއިރު، އޭނާ ވަނީ ސްޓޭޝަން ސަރަހައްދަށް އެނބުރި އަންނާނެ މަގު ހޯދާފައެވެ. އެތަނުގައި އޭނާ ދިރިއުޅެމުންދިޔައީ އުއެނޯގެ ކުރީގެ ބަގީޗާ ބަލަހައްޓާ މީހާއާއެކުގައެވެ. އަދި ވާރެޔާ އަވީގައިވެސް މީހުން ސްޓޭޝަނުން ނުކުންނަ ދޮރުމަތީގައި އޭނާ އިންތިޒާރު ކުރަމުން ދިޔައެވެ. ކޮންމެ ހަވީރަކު، އޭނާ ހަތަރު ފައި މައްޗަށް ކޮޅަށް ހުރެ، ދަތުރުވެރިންގެ މޫނުތަކަށް ބަލަމުން ދިޔައީ ދުވަހަކުވެސް އެނބުރި ނާންނާނެ އެ އެންމެ މޫނެއް ހޯދުމަށެވެ.

އަނިޔާވެރިކަން، އެއަށްފަހު ހަމްދަރުދީ

ފުރަތަމަކޮޅު، އާންމުންނަށް ހާޗިކޯ ފެނުނީ އުނދަގުލެއްގެ ގޮތުގައެވެ. ސްޓޭޝަންގެ މުވައްޒަފުން އޭނާގެ ގަޔަށް ފެން ޖަހައި، ވިޔަފާރިވެރިން އޭނާ ފައްސާލައި، އަދި ކުޑަކުދިން އޭނާއަށް ގަނާކޮށް ހެއްޖެވެ. ދުވަހުން ދުވަހަށް އެއް ތަނެއްގައި ވަފާތެރިކަމާއެކު އިންތިޒާރު ކުރަމުންދިޔަ އެ ސޮރަށް އެކިވަރުގެ އަނިޔާ ކުރަމުންދިޔައެވެ.

ނަމަވެސް 1932 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ. އެއީ ޓޯކިޔޯ އަސާހީ ޝިމްބުން ނޫހުގެ ނޫސްވެރިއަކު، އޭނާގެ ސާހިބުމީހާއަށް އުންމީދު ކަނޑާނުލި ކުއްތާގެ ވާހަކަ ޝާއިއު ކުރުމުންނެވެ. އެއް ދުވަހުން ހާޗިކޯ ވެގެންދިޔައީ ވަފާތެރިކަމުގެ ގައުމީ ރަމްޒަކަށެވެ.

އެ ސޮރަށް ކާބޯތަކެތީގެ އެހީތައް އޮހެން ފެށިއެވެ. ޖަޕާނުގެ އެކި ކަންކޮޅުތަކުން މީހުން އޭނާ ދެކެލުމަށް ދަތުރުކުރިއެވެ. ޅެންވެރިން އޭނާގެ ޝަރަފުގައި ހައިކޫ (ޖަޕާނުގެ ޅެން) ލިޔުނެވެ. 1934 ގައި އޭނާގެ ބުދެއް ބިނާކުރުމަށް ފައިސާ ހޯދުމަށް ބޭއްވި ހަރަކާތަކަށް 3,000 މީހުން އެއްވިއެވެ. މިއީ އޭނާގެ ހިމޭން ވަފާތެރިކަން އެ ގައުމުގެ ހިތްތަކަށް އަސަރުކުރުވި މިންވަރު ހާމަކޮށްދޭ ހެއްކެކެވެ.

ނޫސްތަކުގެ ފަލަ ސުރުހީއަށް އެރި ތައުޒިޔާ

ހާޗިކޯ މަރުވީ 8 މާރޗް 1935 ގައެވެ. އަދި އޭނާގެ ވަކިވުން ވެގެންދިޔައީ ޖަޕާނުގެ ހުރިހާ ނޫސްތަކެއްގެ ފަލަ ސުރުހީއަށެވެ. އޭނާގެ ޖަނާޒާގައި ބުދުދީނުގެ ފާދިރީން ބައިވެރިވިއެވެ. އިއްޒަތްތެރިން ތައުރީފުގެ ބަސްތައް ވިދާޅުވިއެވެ. އަދި އޭގެ ފަހުން އައި ދުވަސްތަކުގައި އެތައް ހާސް ބަޔަކު އޭނާގެ ބުދަށް ޒިޔާރަތްކުރިއެވެ. އޭނާގެ ހަށިގަނޑުގެ ބައިތައް ފަސްދާނުލެވުނީ އަޔޯމާ ގަބުރުސްތާނުގައި އުއެނޯ އާއި ޔައޭގެ މަހާނަ ކައިރީގައެވެ. އެއީ ދިރިއުޅުމުގައި ނުލިބުނު ނަމަވެސް، މަރުވުމުން އެންމެ ފަހުން ހާސިލުވި ބައްދަލުވުމެކެވެ.

ފަނޑުވުމެއް ނެތް ތާރީޚެއް

1934 ގައި ބިނާކުރި އަސްލު ބްރޮންޒް ބުދު، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހަނގުރާމައިގެ ބޭނުމަށް ވިރުވައިލެވުނެވެ. ނަމަވެސް 1948 ގައި މުޅި ގައުމުގައި ހިންގި ޗަންދާ ހޯދުމުގެ ކެމްޕޭނަކުން 800,000 ޔެން (މިއަދުގެ ނިސްބަތުން ގާތްގަނޑަކަށް 4 ބިލިއަން ޔެން) ހޯދައިގެން އާ ބުދެއް ބިނާކުރެވުނެވެ.

މިއަދު ޝިބުޔާ ސްޓޭޝަންގެ ބޭރުގައި ހާޗިކޯގެ ބުދު ފެންނަން ހުރެއެވެ. މޫސުމާ ގުޅޭ ގޮތަށް އެސޮރު ހެދުން ލައްވައި ވެސް ހަދައެވެ. އެސޮރުގެ ވާހަކަ ވަނީ ފޮތްތަކާއި، ފިލްމުތަކާއި، އަދި 2009 ގައި ރިޗަޑް ގިއާ ކުޅުނު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ޗައިނާގެ ފިލްމެއްގައިވެސް އަލުން ކިޔައިދީފައެވެ.

ސްކޫލް ކުއްޖެއްގެ ގޮތުގައި އުޅުނުއިރު ކޮންމެ ދުވަހަކު ހާޗިކޯ ދެކުނު ނޫސްވެރިއަކު ފަހުން ލިޔެފައިވެއެވެ.

"ޑރ. އުއެނޯ ދުވަހަކުވެސް އެނބުރި ނާންނާނެކަން އެ ސޮރަށް އެނގޭނެއެވެ. ނަމަވެސް އޭނާ އިންތިޒާރު ކުރިއެވެ. ހާޗިކޯ އަހަރެމެންނަށް ދަސްކޮށްދިނީ އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަމެވެ."

އެ ކުއްތާ މަރުވިތާ ގާތްގަނޑަކަށް ގަރުނެއް ފާއިތުވެގެންދާއިރުވެސް، ހާޗިކޯގެ ވާހަކަ އަދިވެސް މީހުންގެ ހިތްތަކާ ކުޅެލަނީ އެއީ މުޅި އިންސާނިއްޔަތާ ގުޅިފައިވާ ކަމަކަށް ވާތީއެވެ. ގުޅުމަކަށް އެދޭ އެދުން، ވަކިވުމުގެ ވޭން، އަދި އެއްފަހަރު ލިބުނު ލޯތްބަކީ ފަސޭހައިން ފިލައިގެންދާނެ އެއްޗެއް ނޫންކަން އެސޮރު ކިޔައި ދެއެވެ. ވަފާތެރިކަން މިނެކިރެނީ އަހަރުތަކުންނެއް ނޫނެވެ. އެއީ ދެމިހުރުމުންނެވެ.

ހިއްސާ ކުރައްވާ!