އީރާނުގެ ފާރްސް ސަރަހައްދުން ބޮޑު ގެސް ދަނޑެއް ފެނިއްޖެ: ހަނގުރާމައިގެ ގެއްލުންތަކުން އަރައިގަތުމަށް ބޮޑު އުންމީދެއް

އެމެރިކާއާއި އިސްރާއީލުން ފެށި ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން އިގްތިސާދީ އަދި ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އީރާނުގެ ދެކުނު ފާރްސް ޕްރޮވިންސްއިން ބިޔަ ތަބީއީ ގޭސް ދަނޑެއް ފެނިފައިވާކަން އެ ގައުމުގެ ސަރުކާރުން އިއުލާނުކޮށްފިއެވެ. މިއީ ހަނގުރާމައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް އީރާނަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ތެހެރާނުން ހާމަކުރި ގޮތުގައި، ފާރްސް ސަރަހައްދުން ފެނުނު މި ގޭސް ދަނޑުގައި 7.5 ޓްރިލިއަން ކިއުބިކް ފީޓު (212.4 ބިލިއަން ކިއުބިކް މީޓަރު) ގެ ގޭސް އެކުލެވިގެންވެއެވެ. އީރާނުގެ އޮއިލް މިނިސްޓަރު މުހްސިން ނަގަވީ ވިދާޅުވީ، އޭގެ ތެރެއިން ގާތްގަނޑަކަށް 5.7 ޓްރިލިއަން ކިއުބިކް ފީޓުގެ ގޭސް ނެގޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

އޮއިލް މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ކޭންޕުން ފެނިފައިވަނީ ކައްސަދުވާނީގެ މިންވަރު މަދު ތަބީއީ ގޭހޔގެ ވައްތަރެކެވެ. ކައްސަދުވާނި ގޭހުގައި މަދުވުމުގެ ސަބަބުން، ގޭސް ސާފުކުރުމަށާއި އުފެއްދުމަށް ހިނގާ ޚަރަދުތައް ނިސްބަތުން ކުޑަވެގެންދާނެއެވެ.

މި އާ ގޭސް ދަނޑު ފެނިފައިވަނީ އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ގޭސް އުފައްދާ މިންވަރު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އީރާނުގެ ގޭސް އުފައްދާ މަރުކަޒުތަކާއި ތެޔޮ ވަޅުތަކާއި ރައްކާ ކުރާ ތަންތަނަށް ދީފައިވާ ހަމަލާތަކާ ގުޅިގެން، ދުވާލަކު އުފައްދާ ގޭހުގެ މިންވަރުން 230 މިލިއަން ކިއުބިކް މީޓަރު ދަށަށް ގޮސްފައިވެއެވެ.

ހަނގުރާމައިގެ ކުރިން އީރާނުން ދުވާލަކު ގާތްގަނޑަކަށް 650 މިލިއަން ކިއުބިކް މީޓަރުގެ ގޭސް އުފެއްދި ނަމަވެސް، މިހާރު ދަނީ ގެއްލުންވި ވަސީލަތްތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އީރާނުގެ ސަރުކާރުން އުންމީދުކުރަނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ދުވާލަކު 100 މިލިއަން ކިއުބިކް މީޓަރުގެ ގޭސް އުފެއްދުމުގެ ގާބިލުކަން އަލުން އިއާދަކުރެވޭނެ ކަމަށެވެ.

ނަމަވެސް، ހަކަތައިގެ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުންނާއި "ބްލޫމްބާގް" އިން ފާހަގަކުރާ ގޮތުގައި، ފާރްސް ސަރަހައްދުން ފެނުނު މި އާ ދަނޑުން ވިޔަފާރީގެ އުސޫލުން ގޭސް ނަގައި ބޭނުންކުރަން ފެށުމަށް އަދި ގިނަ އަހަރުތަކެއް ނަގާނެއެވެ. އެއީ ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ އިތުރުން، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅަން ނިންމާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތަކާއި ވަސީލަތްތައް ހޯދުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެތީއެވެ.

މި އާ ދަނޑު ފެނުމަކީ އީރާނުގެ ހަކަތައިގެ މުސްތަގުބަލަށް ލިބުނު އުންމީދީ ކުރިއެރުމެއް ކަމަށްވިޔަސް، ހަނގުރާމައިގެ މަސްރަހާއި އިގްތިސާދީ ފިޔަވަޅުތަކުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި މީގެ ފައިދާ އީރާނުގެ އިގްތިސާދަށް ނުކުރާނެ އެވެ.

ހިއްސާ ކުރައްވާ!