ޤަތަރުން އިންޑިއާއަށް ކަނޑައަޅާފައިވާ 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް އިޤްތިޞާދީ ޙަޤީޤަތަކަށް ހެދުމުގައި، ޤަތަރުގައި ހަރަކާތްތެރިވާ އިންޑިއާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރު އަދާކުރާނެ ކަމަށް ދޯހާގައި ހުންނަ އިންޑިއާ އެމްބަސީން ހާމަކޮށްފިއެވެ. ޤަތަރުގައި އިންޑިއާ މީހުން ހިންގާ ނުވަތަ ޙިއްޞާވާ 20،000 އަށްވުރެ ގިނަ ކުންފުނި އޮތުމަކީ ދެޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.
އިންޑިއާގެ "ވިކްސިޓް ބާރަތު 2047″ ތަރައްޤީގެ އަމާޒާއި، ޤަތަރުގެ "ނޭޝަނަލް ވިޜަން 2030″ އާ ދެމެދު ހުރި އެއްގޮތްކަންކަމުގެ މައްޗަށް އަލިއަޅުވާލަމުން އިންޑިއާގެ ސަފާރާއިން ގަތަރުގެ ނިންމުމަށް މަރުޙަބާ ކިޔަމުން ބުނެފައި ވަނީ ދެޤައުމުގެ މެދުގައި އޮތް 14 ބިލިއަން ޑޮލަރުގެ ވިޔަފާރި 2030 ގެ ކުރިން ދެގުނައަށް އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން، ހަމައެކަނި ހަކަތައިގެ ދާއިރާއަށް ބަރޯސާވުމުގެ ބަދަލުގައި، އެޑްވާންސްޑް މެނުފެކްޗަރިންގ، ސެމީކޮންޑަކްޓަރ، ލޮޖިސްޓިކްސް، ފުޑް ސެކިއުރިޓީ އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.
މީގެ އިތުރުން، ދުނިޔޭގެ މުޅި ޑިޖިޓަލް މުއާމަލާތްތަކުގެ 50 އިންސައްތައަށްވުރެ ގިނަ މުއާމަލާތް އިންޑިއާގައި ހިނގަމުންދާކަން ފާހަގަކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ބްލޮކްޗެއިން ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ޒިންމާދާރު ކަމާއެކު ބޭނުންކުރުމުގައި ޤަތަރާއެކު ގުޅިގެން ކުރިއަށްދާން އިންޑިއާ ތައްޔާރަށް އޮތްކަން ވަނީ ހާމަކޮށްފައެވެ. މިގޮތުން ދެޤައުމުގެ ސަރުކާރުތަކުގެ މެދުގައި ބޭއްވޭ މަތީ ފެންވަރުގެ ބައްދަލުވުންތަކުން ދައްކުވައިދެނީ، ހަކަތައިގެ އިތުރުން އެކި ދާއިރާތަކުން އިޤްތިޞާދީ ގުޅުންތައް ފުޅާވަމުންދާކަމެވެ.





