ޕާކިސްތާނުގެ ދާޚިލީ ނާކާމިޔާބީތައް ފޮރުވަން އަފްޣާނިސްތާނުގެ ބޮލުގައި އިލްޒާމް އަޅުވަނީ: ކާބުލް

ޕާކިސްތާނުގައި އުފެދިފައިވާ ސިޔާސީ، އިގްތިސާދީ އަދި ސެކިއުރިޓީ ނާކާމިޔާބީތަކުގެ އިލްޒާމް އަފްޣާނިސްތާނުގެ ބޮލުގައި އަޅުވައި، ދޮގު ޕްރޮޕެގަންޑާ ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އަފްޣާނިސްތާނުގެ ސަރުކާރުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އަފްޣާނިސްތާނުގެ ސަރުކާރުން މިފަދަ ރައްދެއް ދީފައިވަނީ، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބައްދަލުކުރައްވައި، އަފްޣާނިސްތާނުގެ ފަސްގަނޑު ބޭނުންކޮށްގެން ނުކުރައްވާ ނިރުބަވެރި ހަރަކާތްތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެންނެވެ. ޝެހްބާޒް ވަނީ އަފްޣާނިސްތާނުގައި ތިބި ނިރުބަވެރި ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައި، އެކަން ސާބިތުކޮށްދިނުމަށް އދގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން އަފްޣާނިސްތާނު ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު މީސް މީޑިއާގެ މަންސައެއް ކަމަށްވާ އެކްސްގައި ކުރެއްވި ހާމަކުރުމެއްގައި ވިދާޅުވީ، އިސްލާމްއާބާދަށް ކުރިމަތިވެފައިވާ ދާޚިލީ މައްސަލަތަކުގެ އިލްޒާމް އެހެން ގައުމުތަކުގެ ބޮލުގައި އަޅުވައިގެން ސަރަހައްދީ މަސްރަހު އޮތް ގޮތުން އެއްވެސް ހައްލެއް ނުހޯދޭނެ ކަމަށެވެ. އަދި ޕާކިސްތާނުގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކަކީ މުޅި ސަރަހައްދަށްވެސް މީގެ ނޭދެވޭ އަސަރު ކުރާނެ ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

" އަމިއްލަ ނާކާމިޔާބީތަކުގެ އިލްޒާމް އަފްޣާނިސްތާނުގެ ބޮލުގައި އެޅުވުމަކީ ޕާކިސްތާނުގެ އޮފިޝަލުންނަށް އޮތް ހައްލެއް ނޫން. މަޝްވަރާގެ މަރުހަލާތަކަށް ހުރަސްއަޅައި، މައްސަލަތަކަށް ހައްލު ހޯދުމުގެ ބަދަލުގައި ސީނިއާ އޮފިޝަލުން ދޮގު ޕްރޮޕެގަންޑާ ފެތުރުމަށް އިސްކަންދިނުމަކީ ނާކާމިޔާބު ސިޔާސަތެއް،" މުޖާހިދު ވިދާޅުވިއެވެ. އަދި ޕާކިސްތާނުން އަމިއްލަ ދާޚިލީ މައްސަލަތައް ހައްލުކުރުމަށް އުފެއްދުންތެރި ފިޔަވަޅުތަކެއް އަޅައި، އެ ގައުމުގެ ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެ ޚިޔާލާއި ހައްގުތަކަށް އިހުތިރާމްކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ޑެޕިއުޓީ ސަރުކާރުގެ ތަރުޖަމާނު ހަމްދުﷲ ފިތުރަތުވެސް ވަނީ އިސްލާމްއާބާދުގެ މި އަމަލުތަކަށް ފާޑުވިދާޅުވެފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިތުރަތު ވިދާޅުވީ، ކާބުލްއަށް ބޭކާރު ތުހުމަތުތައް ކުރުމާއި ޕްރޮޕެގަންޑާއަށް ބާރުދިނުމަކީ ޕާކިސްތާނުގެ އެތެރޭގެ ހަމަނުޖެހުންތަކަށް އޮތް ހައްލެއް ނޫން ކަމަށެވެ.

މި ހާދިސާއާއެކު އިސްލާމްއާބާދާއި ކާބުލްއާ ދެމެދު ނިރުބަވެރިކަމުގެ ތުހުމަތުތަކާ ގުޅިގެން އުފެދިފައިވާ ޚިލާފުތައް ވަނީ އިތުރަށް ބޮޑުވެފައެވެ. ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ހައްދުފަހަނައަޅާފައިވާ ގްރޫޕްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލަމުންދާއިރު، އަފްޣާނިސްތާނުން ދަނީ އެއީ އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ އެކަން މުޅިން ދޮގުކުރަމުންނެވެ.

ހިއްސާ ކުރައްވާ!