އެމެރިކާގައި ހުންނަވާ ލުބުނާނުގެ ސަފީރު ނަދާ ޙަމާދާ މުޢައްވަޟްއާ ދެކޮޅަށް ލުބުނާނުގެ އަސްކަރީ ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެމެރިކާގެ ޚާރިޖިއްޔާއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ ސިޔާސީ މަގުސަދެއްގައި ހިންގާ އަމަލެއްގެ ގޮތުގައި ސިފަކޮށްފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، ލުބުނާނުގެ ސަރުކާރުގެ އާންމު ސިޔާސަތުތައް ތަންފީޒުކޮށް، އެމެރިކާއިން އިސްނަގައިގެން ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ޑިޕްލޮމެޓުންނާ ދެކޮޅަށް އަސްކަރީ ކޯޓެއް މެދުވެރިކޮށް މައްސަލަ ބެލުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަދި ލުބުނާނުގެ އަސްކަރީ އަދުލުގެ ނިޒާމުގެ ވަސީލަތްތައް ބޭނުންކުރަންޖެހޭނީ ލުބުނާނުގެ ސަރުކާރާއި ރައްޔިތުންނާ ދެކޮޅަށް ރޭވުންތައް ރާވަމުންދާ ޙިޒްބުﷲގެ އުންސުރުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމަށާއި، ގައުމުގެ މަސްލަހަތުގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓުންނަށް އަމާޒުކުރުމަށް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު، ޤާނޫނީ ވަކީލު ޙަސަން ޢާދިލް ބަޒީ، ލުބުނާނުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. އެ ޝަކުވާގައިވާ ގޮތުން، އެމެރިކާގައި ހުންނަ އިސްރާއީލުގެ ސަފީރު ޔަޙީއީލް ލައިޓަރގެ ދަރިއަކަށް އަނިޔާވުމާ ގުޅިގެން ސަފީރު މުޢައްވަޟް ވަނީ އޭނާއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައި، ފޯނުން ގުޅުއްވާފައެވެ. އެއަށްފަހު، އޮކްޓޯބަރު 13 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ މި މައްސަލަ އަސްކަރީ ކޯޓުގެ ސަރުކާރުގެ ކޮމިޝަނަރަށް ފޮނުއްވާފައެވެ.
އެމެރިކާގެ ޚާރިޖިއްޔާއިން ބުނި ގޮތުގައި މި މައްސަލަ ހުށަހެޅި ވަކީލަކީ ޙިޒްބުﷲއަށް ތާއީދުކުރާ ފަރާތެކެވެ. އަދި ސިވިލިއަނުންނާއި ޑިޕްލޮމެޓުންނަށް ސިޔާސީ މަގުސަދުތަކުގައި އަމާޒުކޮށް، ފިޔަވަޚު އެޅުމާއި ޙިޒްބުﷲގެ އަމަލުތަކަށް ރައްކާތެރިކަން ދޭ ފަދަ ޤާނޫނުތަކާއި އުސޫލުތައް އުވާލުމަށް އެމެރިކާއިން ވަނީ ގޮވާލާފައެވެ. ސަފީރު މުޢައްވަޟް އިސްރާއީލުގެ ސަފީރަށް ގުޅުއްވި ކަމަށް އިސްރާއީލުގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ރިޕޯޓުކޮށްފައިވީ ނަމަވެސް، ލުބުނާނުގެ "އަންނަހާރު" ނޫހުން ވަނީ އެފަދަ ކޯލެއް ހިންގާފައިނުވާ ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.





