އދ އިން އިސްނަގައިގެން، ގިނަ ދުވަސްތަކެއް ވެފައިވާ އިޞްލާޙުތައް ގެނައުމަށް އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ގޮވާލައްވައިފިއެވެ. އޭނާ މިކަމަށް ގޮވާލެއްވީ އދ ދުވަހާ ގުޅުވައިގެން ބާރަތު މަންޑަޕަމްގައި ބޭއްވި "ނޮން-ޑުއަލިޒަމް ފޯ ވޯލްޑް އަަންޑަސްޓޭންޑިންގ" ބަހުސްގައެވެ.
ޖައިޝަންކަރު އިންޒާރު ކުރެއްވި ގޮތުގައި، ޔޫކްރޭނާއި ފަލަސްތީން ހުޅަނގު އޭޝިއާގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވަމުންދާ އިގްތިސާދީ ނޭދެވޭ އަސަރުތައް އެހެން ގައުމުތަކާއި އާންމުން އުފުލަންޖެހޭއިރު، ބައިނަލްއަގުވާމީ މުޖުތަމައުއަށް އެހީތެރިކަމެއް ނުދެވި ބަލަން ތިބެވިގެން ނުވާނެއެވެ.
އދގެ މާއްދާ 1 ގެ ދަށުން ބައިނަލްއަގުވާމީ ޙަރަކާތްތައް އެއްގޮތްކުރުމަށް އަށް ދަހަރު ކުރިން ގާއިމުކުރި އޮނިގަނޑަށް އަލިއަޅުވާލައްވަމުން، މިހާރު ހުރި އިދާރީ ހުރަސްތަކުގެ ސަބަބުން، ހަނގުރާމަތަކާ އެއްވެސް ގުޅުމެއް ނެތް ދުރުގައިވާ އާބާދީތަކަށް އޭގެ ހިތާމަ ތަހައްމަލުކުރަން ޖެހިފައިވާކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވާދަވެރިކަމާއި އެއްބާރުލުން ދިނުމާ ދެމެދު އަބަދުވެސް ބަހުސްތައް ހިނގާ ކަމަށެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު 80 އަހަރު ކުރިން ދުނިޔެ ޚިޔާރުކުރީ އެއްބާރުލުން ދިނުން ކަމަށާއި، އދ އުފެދުނީ އެ ސަބަބަށްޓަކައި ކަމަށް ވިދާޅުވިއެވެ.
"އިންސާނިއްޔަތު ވަނީ ވާދަވެރިކަމަށް ބާރުއަޅާ މީހުންނާއި އެއްބާރުލުމުގެ މުހިންމުކަން ދެކޭ މީހުންގެ މެދުގައި ހިނގާ ބަހުސްތަކަށް ހެކިވެފައި. ބައިނަލްއަގުވާމީ މަސްރަހުގައި މިއީ ގައުމުތަކުން އެކަކު އަނެކަކާއެކު އަމަލުކުރާ ގޮތް. ދުނިޔޭގެ އެކުވެރިކަމާއި އެއްބާރުލުމުގެ އިހުސާސްތައް ބަޔާންކޮށްދިނީ މީގެ 80 އަހަރު ކުރިން އދ އުފެދުމާއެކު. އެހެންކަމުން، އދ ދުވަސް ފާހަގަކުރާއިރު އެއްބައިވަންތަކަން އާކުރުމަކީ އެންމެ އެކަށީގެންވާ ކަންތައް،" ޖައިޝަންކަރު ވިދާޅުވިއެވެ.
ޔޫކްރޭނާއި މެދުއުރަމަތީގައި ހިނގަމުންދާ ދެ ހަނގުރާމައަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެ ހަނގުރާމަތަކާ އެއްވެސް ގުޅުމެއް ނެތް ދުރުގައިވާ ގައުމުތަކުން ތެލާއި ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ތަކުލީފު އުފުލަންޖެހޭ ކަމަށެވެ. އަދި އިންޑިއާއިން ގަބޫލުކުރަނީ މި މައްސަލަތަކަށް ޙައްލު ހޯދޭނީ ހަނގުރާމައިގެ މައިދާނުން ނޫން ކަމަށާއި، ވާހަކަދައްކައިގެން ޚާރިޖީ ސިޔާސަތުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
ސެކިއުރިޓީ ކައުންސިލް އިޞްލާޙުކުރުމަށް ގޮވާލައްވަމުން، ތަރައްގީވަމުން އަންނަ ގައުމުތަކާއި "ގްލޯބަލް ސައުތު" ގެ ގައުމުތައް ދުނިޔޭގެ ނިންމުންތައް ނިންމާ އޮނިގަނޑުން ބޭރުކޮށްފައި ނުބޭއްވޭނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. އަދި އދ އިން ދުނިޔޭގެ ނުތަނަވަސްކަންބޮޑު ދަނޑިވަޅުތަކުގައި ބަލަން ނުތިބެ އިސްނަގަންޖެހޭ ކަމަށް ވެސްވިދާޅުވިއެވެ.



