ކެމެޑާ ބައިބައި ކުރުމަށް ތްރަމްޕް ކުރަން އުޅުނު މަސައްކަތް ކާމިޔާބެއް ނުވި

ކެނެޑާގެ އިއްތިހާދުން ވަކިވެ، އަމިއްލަ މިނިވަން ދައުލަތެއް އުފެއްދުމަށް އަލްބާޓާ ޕްރޮވިންސްގައި ކުރަން އުޅުނު މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ. ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ވޯޓުދީ، ކެނެޑާގެ އިއްތިހާދު ދެމެހެއްޓުމަށެވެ. އޮކްޓޯބަރު 19، ގައި ބެއްވި ނުރަސްމީ ފެންނަނުފެންނަ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން، ވޯޓުލީ މީހުންގެ 75 އިންސައްތަ ރައްޔިތުން ވަނީ ކެނެޑާގެ ބައެއްގެ ގޮތުގައި އަލްބާޓާ ބެއްވުމަށް ތާއީދުކޮށްފައެވެ. ޓްރަމްޕުގެ ވާހަކައިން ހިތްވަރު ލިބިގެން ވަކިވުމަށް ތާއީދުކުރީ ވޯޓުލީ މީހުންގެ 25 އިންސައްތަ މީހުންނެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ އަލްބާޓާގައި ލާފައިވާ މި ވޯޓުގެ މި ނަތީޖާއަކީ ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީގެ ސަރުކާރަށް ލިބުނު ސިޔާސީ ކާމިޔާބީއެކެވެ.

އެމެރިކާއިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، ކެނެޑާގެ ބިންތައް އެމެރިކާގެ ބަޔަކަށް ހެދުމަށް ޓްރަމްޕް ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ފެނިގެން ދިޔަ މި ނަތީޖާއާ ގުޅިގެން ބޮޑުވަޒީރު ކާނީ ވިދާޅުވީ، އަލްބާޓާގެ ރައްޔިތުން އެ ނިންމީ ގައުމީ އެއްބައިވަންތަކަމަށް ޓަކައި "ސާފު ނިންމުމެއް" ކަމަށެވެ. އަދި ކެނެޑާގެ އިއްތިހާދުގެ ބަދަހިކަން އޮތީ ސާބިތުކޮށް ކަން އޭނާ ފާހަގަކުރެއްވިއެވެ. އަލްބާޓާގެ ޕްރިމިއާ ޑެނިއެލް ސްމިތުވެސް ވަނީ ވޯޓުގެ ނަތީޖާއަށް މަރުހަބާ ވިދާޅުވެ، އޭނާގެ ވެރިކަމުގެ ދައުރުގައި ކެނެޑާއިން ވަކިވުމުގެ އިތުރު ފެންނަނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ވިދާޅުވެފައެވެ.

މި ފެންނަނުފެންނަ ވޯޓުގައި ކެނެޑާއިން ވަކިވުމުގެ މައްސަލައިގެ އިތުރުން 9 ކަމަކަށް ވޯޓު ނެގުނެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ކަންކަން ބެލެހެއްޓުމުގެ ބާރު ޕްރޮވިންސަށް ބޮޑުކުރުމަށާއި، ވަގުތީގޮތުން އުޅޭ މީހުންނަށް ދޭ އިޖުތިމާއީ ޚިދުމަތްތައް ހަނިކުރުމަށާއި، ޕްރޮވިންސްގެ އިންތިޚާބުތަކުގައި ވޯޓުލުމަށް ރައްޔިތެއްކަން އަންގައިދޭ ކާޑު މަޖުބޫރުކުރުމަށް ހުށަހެޅުނު ކަންކަން ފާސްވެފައި ވަނީ ހަނި އަޣުލަބިއްޔަތަކުންނެވެ. ނަމަވެސް، ގާނޫނުއަސާސީއަށް ބަދަލުގެނަސް ފެޑެރަލް ގާނޫނުތަކަށް ވުރެ ޕްރޮވިންސްގެ ގާނޫނުތަކަށް އިސްކަންދިނުމަށާއި، ސެނެޓު އުވާލުމަށް ހުށަހެޅުނު ހުށަހެޅުންތައް ވަނީ ރައްޔިތުންގެ ވޯޓުން ނާކާމިޔާބުވެފައެވެ.

މި ނަތީޖާއާއެކު ކެނެޑާގެ ހަކަތައިގެ ދާއިރާއަށާއި ސިޔާސީ މަސްރަހަށް އޮތް ނުތަނަވަސްކަން ކުޑަވެގެން ގޮސްފައި ވެއެވެ.

ހިއްސާ ކުރައްވާ!