އިންޑޮނޭޝޮއާގެ އައު ވެރިރަށް ބިނާ ކުރުމުގައި އޭޑީބީން އެހީވާނެ

އިންޑޮނޭޝިއާގެ އައު ވެރިރަށް ބިނާ ކުރުމުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އެހީވާނެ ކަމަށް ބުނެފިއެވެ. އިންޑޮނޭޝިއާގެ އައު ވެރިރަށް ބިނާ ކުރުމަށް ހަމަޖެހިފައި ވަނީ ބޯނިއޯގެ ރެއިންފޮރެސްޓްގައެވެ. މިއީ “ކާބަން ނިއުޓްރަލް އަދި އިންކްލޫސިވް ސިޓީއަކަށް” ހެދުމަށް އެހީ ތެރި ވެދޭނެ ކަމަށް އޭޑީބީން ބުނެއެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ޖެނުއަރީ މަހު އިއުލާން ކުރެއްވި އައު ކެޕިޓަލް “ނުސަންތަރާ” އަކީ، ޖަކާޓާގެ ބަދަލުގައި އެގައުމުގެ ސަރުކާރުގެ އޮފީސްތައް ބަދަލުކުރުމަށް އިރުމަތީ ކަލިމަންޓާން ޕްރޮވިންސްގައި ބިނާކުރާ ވެރިރަށެވެ. ރައީސް ވިޑޯޑޯ ބޭނުންފުޅުވަނީ 17 އޯގަސްޓް 2024 ގެ ނިޔަލަށް އިންޑޮނޭޝިއާގެ މިނިވަން ދުވަހާ ދިމާކޮށް، ދިފާއީ ވުޒާރާއާއި، ދާޚިލީ އަދި ހާރިޖީ ވުޒާރާތަކާއި، ސްޓޭޓް ސެކްރެޓޭރިއެޓް އައު ކެޕިޓަލްއަށް ބަދަލު ކުރުމަށެވެ.

ރައީސްގެ ދެކަނބަލުން ވަނީ މި މަހުގެ ކުރީކޮޅު ވެރިރަށް ބިނާ ކުރާ ސައިޓަށް ކޭމްޕް ދަތުރެއް ކުރައްވައި، އެ ސިޓީގެ “ގްރައުންޑް ޒީރޯ” ގައި ރަސްމިއްޔާތެއް ބާއްވަވާފަ އެވެ.

ޖަކާޓާ ޕޯސްޓުން ބުނެފައިވާ ގޮތުން އިންޑޮނޭޝިއާގެ ސަރުކާރުން އައު ވެރިރަށް ބިނާ ކުރުމުގެ ޚަރަދުގެ 19 އިންސައްތަ ކަވަރު ކުރާނެއެވެ. މިއަހަރުގެ ބަޖެޓްގައިވެސް ގިނައިން ހިމަނާފައި ވަނީ އައު ވެރިރަށާ ގުޅޭ ހޭދަތަކެވެ. އަދި އިތުރަށް ބޭނުންވާ ފައިސާ ހޯދާނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އާއި ޕްރައިވެޓް އިންވެސްޓްމަންޓްތަކުންނެވެ.

ހިއްސާ ކުރައްވާ!