ކީރިތި ޤުރުއާނުގެ މުޢުޖިޒާތް: ދެފެން ބަދަލު ވުން

ތަފާތު ދެ ކަނޑެއް ދިމާވާ ތަންތާނގައި އެ ދެ ކަނޑުގެ ދެމެދުގައި ހުރަހެއް ލައްވަވާފައިވާ ކަން ޒަމާނީ ސައިންސްގެ އަލީގައި ހޯދައިފައިވެއެވެ. ދެ ކަނޑުގެ ފެންގަނޑު ބަދަލުވާ ހިސާބުގައި ލައްވަވާފައިވާ މި ހުރަހުގެ ސަބަބުން ދެ ކަނޑު ބައިބައިވެ، ކޮންމެ ކަނޑެއްގައިވެސް ހިމެނޭ އެކަނޑެއްގެ ޚާއްސަ ސިފަތައް އެބައެއްގައި ވަކިން ހުރެއެވެ. މިސާލަކަށް، ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިނާއި، ލޮނުކަމާއި، ލޮނުގެ ބަރުކަން ތަފާތުކޮށް ހިފަހައްޓާފައި ހުރެއެވެ.

މިކަން އެންމެ ރަނގަޅށް އެނގޭނީ އަންނަނިވި މިސާލުންނެވެ. މެޑިޓެރޭނިއަން ކަނޑުގެ ލޮނުގަނޑު، އެޓްލާންޓިކް ކަނޑުގެ ލޮނުގަނޑާއި އަޅާބަލާއިރު ހޫނު ވެފައި، ލޮނުކަން ގަދައެވެ. އަދި އެކަނޑުގެ ލޮލުގަނޑު ބަރެއް ނޫނެވެ.

ޖަބަލު ޠާރިގު ނުވަތަ ޖިބްރޯލްޓަރ ގެ ކަނޑު އޮޅިން މެޑިޓެރޭނިއަން ކަނޑުގެ ފެން އެޓްލާންޓިކް ކަނޑަށް ވަންނައިރު، ގާތްގަނޑަކަށް 1000 މީޓަރު އަޑިން އެފެންގަނޑު އެޓްލާންޓިކް ކަނޑުގެ ތެރެއަށް އެތައް ސަތޭކަ ކިލޯމީޓަރަކަށް ދަތުރު ކުރެއެވެ. އެގޮތަށް އެފެންގަނޑު ވަދެގެން ދަތުރު ކުރާއިރު އޭގެ އަމިއްލަ ހޫނުކަމާއި، ލޮނުގަދަ ކަމާއި، އަދި އެ ފެންގަނޑުގެ އެހެން ޚާއްސަ ސިފަތައް އޭގެ ގޮތުގައި ދަމަހައްޓައެވެ.

މި ކަނޑުތަކުގައި ބޮޑެތި ރާޅުތައް ނަގައެވެ. އޮއިބާރުކޮށް ދަތުރު ކުރެއެވެ. އެހެން ނަމަވެސް، މި ހުރަސްތަކައެކުވެސް ކޮންމެ ފެންގަނޑެއް ވެސް އެފެންގަނޑެއްގެ ޚާއްސަ ކަން ދަމަހައްޓައެވެ.

މާތްﷲ ވަނީ ކީރިތި ޤުރުއާނުގައި ރަޙްމާނު ސޫރަތުގައި މިކަމަށް އަލިއަޅުވާލައްވާފައެވެ.

مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ ١٩ بَيْنَهُمَا بَرْزَخٌۭ لَّا يَبْغِيَانِ ٢٠

(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ އެކަލާނގެ ދެކަނޑު (އެބަހީ: ކޯރާއި، ކަނޑު) ހައްދަވައި، ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެތެވެ. އެ ދެކަނޑު ދެމެދުގައި، ހުރަހެއްވެއެވެ. އެ ދެކަނޑުވެސް އެއްކަނޑު އަނެއް ކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެތެވެ.

އެކަމަކު ޤުރުއާނުގައި ތާޒާ ފެނާއި ލޮނު ފެން ބައްދަލުވާ  ހިނދު އެ ދެމެދުގައި ވަރުގަދަ ހުރަހެއް ލައްވަވާފައިވާ ކަމުގައި ފުރުޤާން ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ.

۞ وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌۭ فُرَاتٌۭ وَهَـٰذَا مِلْحٌ أُجَاجٌۭ وَجَعَلَ بَيْنَهُمَا بَرْزَخًۭا وَحِجْرًۭا مَّحْجُورًۭا ٥٣

އަދި އެކަލާނގެއީ، ދެ ކަނޑު އެއްކުރެއްވި (އެބަހީ: ކޯރުފެނާއި ކަނޑުގެ ލޮނުގަނޑު އެކުއެކުގައި ހިނގާގޮތަށްލެއްވި) ރަސްކަލާނގެއެވެ. މިއީ މީރުކަންބޮޑު މީރު ފެނެވެ. އަދި މިއީ ލޮނުކަން ގަދަ ލޮނު ފެނެވެ. އަދި އެކަލާނގެ އެ ދެ ކަނޑު ދެމެދުގައި، ހުރަހެއްލައްވައި، އަދި އެ ދެމެދު މަނާކުރަނިވި ފަރުދާއެއް ލެއްވިއެވެ.

މިޒަމާނުގެ ސައިންސުން ހޯދިފައިވާ ގޮތުގައި ތާޒާ މީރު ފެން އަދި ލޮނުފެން ދިމާވެ ދެ ފެން ބެދޭ ތަނުގައި ދެ ފެނުގެ ފަށަލަ ވަކިކުރާ ސަރަހައްދެއް ލައްވަވާފައި ވެއެވެ. މިއީ އިންސާނުންގެ ހަމަ ލޮލަށް ނުފެންނަ ފަރުދާއެކެވެ. މި ފަރުދާ ހޯދިފައި ވަނީ މިޒަމާނުގެ ސައިންސްގެ އާލާތްތަކުގެ އެހީގައެވެ.

މިތަންތާނގައި ފެން ތިން ބަޔަކަށް ހުންނަކަން ސައިންސްގެ އަލީގައި ފާހަގަ ކޮށްފައި ވެއެވެ. އެއީ ތާޒާ ފެނާއި ލޮނާއި އަދި އެދެމެދުގައި ލައްވަވާފައިވާ ލޮލަށް ނުފެންނަ ހުރަސް ހިމެނޭ ފެނެވެ.

ހިއްސާ ކުރައްވާ!