ކަޝްމީރު ހިފުމަށް ޕާކިސްތާނުން ކުރި މަސައްކަތް

ކަޝްމީރުގައި ހަމަނުޖެހުން އުފެއްދުމުގައި ޕާކިސްތާނުގެ ސީދާ އަތެއް ވާކަމަށް އިންޑިއާއިން އަބަދުވެސް ތުހުމަތު ކުރެއެވެ. ނަމަވެސް މިވާހަކައަށް ބާރު ލިބޭ ގޮތަށް މިހާރު ވާހަކަ ދައްކާފައި ވަނީ ޕާކިސްތާންގެ ރިޓަޔަރޑް މޭޖަރ ޖެނެރަލް އަކްބަރު ޚާން އެވެ. އޭނާ ލިޔެފައިވާ ރައިޑަރޒް އިން ކަޝްމީރު ފޮތުގައި ޕާކިސްތާނުން އޮޕަރޭޝަން ގުލްމަރްގް ހިންގި ގޮތް ކިޔައިދީފައެވެ.

ކަޝްމީރުގައި ޕާކިސްތާނުން ހަމަނުޖެހުން އުފައްދަނީ ޕާކިސްތާންގެ ސިޔާސީ ލީޑަރުންގެ ރުހުމާއެކު ކަމަށާއި އަދި އޮޕަރޭޝަން ގުލްމަރްގް ރާވާފައިވަނީ، ލާހޯރުގައި ކަމަށް މިފޮތުގައި ވަރަށް ތަފްސީލުކޮށް ކިޔައި ދީފައި ވެއެވެ.

އަކްބަރު ޚާންއަކީ 1947ގައި ކަޝްމީރު ބަހާލުމުގެ މަސައްކަތުގެ ސަބް ކޮމިޓީގައި ހިމެނުނު މީހެކެވެ. އެއިރުގެ މަހާރާޖާ ހަރީ ސިންގ ގެ ސިފައިންގެ އަދަދާއި ބާރު އޭނާ އޮޅުން ފިލުވިއެވެ. ހަރީސިންގ ގެ ލަޝްކަރަކީ، 9 ހާސް ފުލުހުންގެ ލަޝްކަރެކެވެ. މިމަޢްލޫމާތުގެ އަލީގައި ޕާކިސްތާނުން ކުއްލި ހަމަލައެއް ދީ މަހާރާޖާގެ ފުލުހުންގެ ލަޝްކަރު ސިއްސުވާލިއެވެ. އެއިރު ޕާކިސްތާނުން ކަޝްމީރަކީ ޕާކިސްތާންގެ ބައެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް މަހާރާޖާ އޮތީ ކަޝްމީރު އިންޑިއާއާ ޙަވާލުކުރުމަށް ސޮއިކޮށް އެއްބަސްވެވަޑައިގެންފައެވެ.

އަކްބަރު ޚާންގެ ފޮތުގައި ކިޔައިދީފައިވާ ގޮތަށް ޕާކިސްތާން ސިފައިން ވަނީ ކަޝްމީރުގެ އެކި ހިސާބުތަކުގެ ގަބީލާ މީހުންނާ ގުޅިގެން އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން އުފައްދާފައެވެ. މި ފޮތުގައި 1947އަދި 1948ގެ ފުރަތަމަ އަށް މަސް ދުވަސް ތެރޭގައި ޕާކިސްތާނުން ހިންގާފައިވާ ހަމަނުޖެހުން ކިޔައި ދީފައި ވެއެވެ. މި ހަމަނުޖެހުން ތަކުގެ ތެރޭގައި ތަންތަން ފޭރުމާއި ލޫޓުވުމާއި، އަންހެނުން ރޭޕް ކުރުމާއި މީހުން މެރުމުގެ މަސައްކަތް ހިންގާފައިވާ ގޮތް ތަފްސީލުކޮށްދީފައި ވެއެވެ.

އަކުބަރު ޚާން ބުނަނީ، ހިފުމަށް މަސައްކަތް ކުރުމަށް އޭނާއަށް ޕާކިސްތާން ސިފައިން ކަޝްމީރު އިރުޝާދު ދިން ކަމަށާއި އިޓަލީވިލާތުން ހޯދި ހަތިޔާރު ކަޝްމީރުގެ ހަނގުރާމަވެރި ފަރާތްތަކަށް ސަޕްލައިކޮށްދިން ކަމަށެވެ.

މި ފޮތުގައި މި ޖެނެރަލް ކިޔައިދިން ގޮތުގައި ކަޝްމީރުގައި ހަމަނުޖެހުން އުފައްދާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލީ އޭނާއެވެ. އަދި މި ޕްލޭންގެ 12 ކޮޕީ ތައްޔާރުކޮށް، ހުށަހެޅުމުން، ލާހޯރުގައި އޮތް ކޮންފަރެންސެއްގައި އެއިރުގެ ބޮޑު ވަޒީރު ލަޔާގަތު އަލީ ވަނީ މި ޕްލޭން ތަސްދީގް ކޮށްދެއްވާފައެވެ.

މި ރޭވުންތަކަށް ފަހު 22 އޮކްޓޯބަރު 1947 ގައި ޕާކިސްތާން ސިފައިން އިންޑިއާ ޕާކިސްތާންގެ ސަރަހައްދު ހުރަސްކޮށް، މުޒައްފަރުއާބާދަށް ހަމަލަ ދިނެވެ. އަދި އެތަން ހިފުމަށް ފަހު ޖެހިގެން އައި ދުވަހު ޑޮގްރާސްއާއި އޫރީ، ޕާކިސްތާން ސިފައިން ހިފިއެވެ. އަދި އެއަށްފަހު ބަރަމުއްލާއަށް ހަމަލަދީ އެތަން ވެސް ހިފިއެވެ. އެތާނގެ 14ހާސް މީހުންގެ ތެރޭން ސަލާމަތްވީ ތިން ހާސް މީހުންނެވެ. އެއިރު ޕާކިސްތާން ސިފައިން ތިބީ ސްރީނަގަރާ 30 މޭލު ދުރުގައެވެ.

އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި ޕާކިސްތާނުން ނަސްލުތައް ނައްތާލަން މަސައްކަތް ކޮށްފައިވާކަން މިއިން އެނގެއެވެ. މަހާރާޖާވެސް އޭނާގެ ޑޮކިއުމެންޓްތައް އަވަސްއަވަހަށް އިންޑިއާއަށް ފޮނުއްވައި އިންޑިއާ ސިފައިންގެ އެހީއަށް އެދިވަޑައިގަތެވެ.

މިކަމުގައި އަކްބަރު ޚާންގެ ޚިޔާލަށް ޕާކިސްތާން ސަރުކާރުން އެދުމުން އޭނާ ހުށަހެޅީ ކަޝްމީރަށް އިންޑިއާއަށް ސަޕްލައި ގެންދިއުމަށް އޮތް ހަމައެކަނި މަގު ބަންދުކުރުމަށްޓަކައި އެތާނގައި އިންޑިއާ ސިފައިންނަށް ހަމަލަތައް ދެމުން ގެންދިއުމަށެވެ.

ޕާކިސްތާނަށް ޖައްމޫ މުހިންމު މިންވަރު ހާމަ ކޮށްދިނުމުގެ ގޮތުން އޭނާ ބުނަނީ، ސިފައިންނާއި އޭނާގެ ޓީމުން ކަޝްމީރުގެ ހާލަތާމެދު މަޝްވަރާ ކުރަމުން ދަނިކޮށް، ޕާކިސްތާންގެ ރައީސް މުހައްމަދު އަލީ ޖިނާހް ވަނީ، ޖައްމޫއަށް އަސްކަރީ ހަމަލައެއް ދިނުމަށް އޯޑަރު ދެއްވާފައެވެ. ޖެހިގެން އައި ދުވަހު ކަޝްމީރަށް ޕާކިސްތާން ސިފައިން ވަން ކަމަށާއި އަދި ހާލަތު ވަޒަންކުރިކަމަށް އަކުބަރު ޚާން ކިޔައި ދެއެވެ. އަދި އޭނާއާއެކު ސިފައިންގެ ބޭކަލުން ޔުނިފޯމް ނުލައި ހަތިޔާރާއެކު ކަޝްމީރަށް ވަދެ ހަމަލަ ދިން ގޮތްވެސް އޭނާ ސިފަކޮށްދީފައި ވެއެވެ.

ހަފްތާތަކަށް ފަހު މިހަމަލަތަކާ ގުޅިގެން އިންޑިއާ ސިފައިން ކަޝްމީރަށް އަންނަކަން އެނގުމުން ޕާކިސްތާން ސިފައިން އޫރީ ސަރަހައްދަށް ފަހަތަށް ޖެހުނެވެ. އަދި ޕާކިސްތާން ސިފައިން އިންޑިއާ ސިފައިންނާ ކުރިމަތިލާކަށް ބޭނުމެއް ނުވިއެވެ. މިއީ ޕާކިސްތާނުން ކަޝްމީރުގައި ކަން ކޮށްފައިވާ ގޮތުގެ ހަގީގަތް ޕާކިސްތާންގެ ޖެނެރަލަކު އަމިއްލަ އަށް ކިޔައިދީފައިވާ ގޮތެވެ.

ކަޝްމީރުގެ ހަމަނުޖެހުމުގެ ހާލަތަށް ދިޔަ ގޮތް ދަނެގަތުމަށް މި ފޮތް ކިޔާލުން މުހިންމެވެ. ޕާކިސްތާނުން ދީފައިވާ ހަމަލަތައް ފާހަގަ ކުރުމަށް އިންޑިއާއިން އޮކްޓޯބަރު 22 ވަނަ ދުވަސް ކަޝްމީރުގައި ފާހަގަ ކުރަނީ ކަޅު ދުވަހެއްގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!