އަލަށް ދަނެގަނެވުނު “ފިނިފެންމާ” މަހަށް މުޅި ދުނިޔޭގެ ސަމާލުކަން

އަލަށް ދަނެގަނެވުނު “ސީރިލާބްރޫސް ފިނިފެންމާ” ނުވަތަ “ސީ-ފިނިފެންމާ” އަކީ ސައިންޓިފިކް ނަން ފިޔަވައި ދިވެހި ބަހުން ކަނޑުގެ ދިރުމަކަށް ނަން ދެވުނު ފުރަތަމަ މަހެވެ. މި މަސް ހޯދިފައިވަނީ ކަނޑުގެ “ޓްވައިލައިޓް ޒޯން” ގައި ހުންނަ ފަރުތަކުގެ މާހައުލަށް އަމާޒުކޮށް ހެދި ފުރަތަމަ ދިރާސާގެ ތެރެއިންނެވެ.

ޒޫކީސް ގައި  (8 މާޗް 2022) ޝާޢިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ އަލަށް ދަނެގަނެވުނު “ސީ-ފިނިފެންމާ” އަކީ “ސީރިލާބްރޫސް ރުބްރިސްކުއާމިސް” ގެ ތަފާތު ވައްތަރެއްގެ ދޮށީ މަހެއް ކަމަށް ކުރިން ހީކުރެވުނު ކަމަށެވެ. އެހެންނަމަވެސް، މި މަހަކީ ރާއްޖޭގައި އުޅޭ ހިކާގެ ބާވަތެއްކަން ދަނެގަނެވިފައި މިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުރަކަ ފަރުތައް މިހާރަށްވުރެ ރަނގަޅަށް ދަނެގަނެ ޙިމާޔަތްކުރުމުގެ މަގްސަދުގައި ހޯޕް ފޯރ ރީފްސް އިނީޝިއޭޓިވްގެ ދަށުން ކެލިފޯނިއާ އެކަޑަމީ އޮފް ސައިންސަސް، ޔުނިވަރސިޓީ އޮފް ސިޑްނީ، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް އަދި ފީލްޑް މިއުޒިއަމްގެ ސައިންސްވެރިން ގުޅިގެން ހެދި ދިރާސާގެ ތެރެއިންނެވެ. މިއާއެކު، އަލަށް ދަނެގަނެވުނު ހިކާގެ ބާވަތަކަށް ދިވެހި ބަހުން ދީފައިވާ ނަމަށް މިހާރު ވަނީ ދުނިޔޭގެ ސަމާލުކަން ލިބިފައެވެ. އެގޮތުން، ދުނިޔޭގެ މަޝްހޫރު ބޮޑެތި ޖާނަލްތަކާއި ޚަބަރު ފަތުރާ ވަޞީލަތްތަކުން “ސީރިލާބްރޫސް ފިނިފެންމާ” ނުވަތަ “ސީ-ފިނިފެންމާ” އާއި ބެހޭ އެތައް ވާހަކަތަކެއް މިހާރު ވަނީ ގެނެސްދީފައެވެ.

ރާއްޖޭގެ ކަނޑުގެ ސަތަހައިގެ އަޑިން 50-150 މީޓަރު ދުރުން އޮންނަ މުރަކައިގެ އިކޯސިސްޓަމުން ހޯދުނު މިމަހަށް އާންމު ނަމެއްގެ ގޮތުގައި މި ދިރާސާ ހެދި ސައިންސްވެރިން ކަނޑައަޅާފައިވަނީ “ރޯޒް ވެއިލް ފެއަރީ ރަސް” އެވެ. އަލަށް ރާއްޖެއިން ފެނުނު ކަނޑުގެ ދިރުމެއް، މަހުގެ އާ ބާވަތެއްގެ ގޮތުގައި ކަނޑައަޅައި، ނަން ދިނުމުގެ ސައިންޓިފިކް މަސައްކަތުގައި ދިވެހި ދިރާސާވެރިއަކު ވަނީ އިސް ރޯލެއް ކުޅެފައެވެ. އެގޮތުން، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ މެރިން ބަޔޮލޮޖިސްޓް އަޙްމަދު ނަޖީބު ވެގެން ގޮސްފައިވަނީ ރާއްޖެއިން ފެނުނު އާ ބާވަތެއްގެ މަހެއް ދަނެގަތުމުގެ ސައިންޓިފިކް މަސައްކަތުގައި ބައިވެރިވި އެންމެ ފުރަތަމަ ދިވެއްސަށެވެ.

މާލެ ސިޓީގެ ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރަސްދޫގެ ކަނޑުގެ ސަތަހައިން ފެނުނު “ސީ-ފިނިފެންމާ” ތަކުގެ ފޮޓޯތައް މި ދިރާސާއާއެކު ޝާޢިއުކޮށްފައިވާއިރު، ޢާންމު ނަމަކަށް “ރޯޒް ވެއިލް ފެއަރީ ރަސް” ގެ ނަން ދީފައިވަނީ މި ވައްތަރުގެ މަހުގެ މޫނުމަތީގެ ސިފަތަކާއި ގުޅުވައިގެންނެވެ. ވިއްސާރަދުނީގެ ކުލަތައް ހިމެނޭ މި މަހަކީ، ރާއްޖެއާއި ސްރީލަންކާގެ ކަނޑުތަކުގެ ސަތަހައިގެ އަޑިން 40 މީޓަރާއި 70 މީޓަރާއި ދެމެދު ސަރަޙައްދެއްގައި އުޅޭ މަހެކެވެ. މި މަހުގެ ބާވަތް އަދި ކިރިޔާ ދަނެގަނެވިފައި ވީނަމަވެސް، މަސް ޓޭންކު ނުވަތަ ޕޮންޑު ފަދަ އެކުއޭރިއަމްތަކުގައި މިހާރުވެސް މި މަސް ގެންގުޅޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

 

ހިއްސާ ކުރައްވާ!