ވެނެޒުއެލާ މުއްސަނދި ގައުމަކުން ފަގީރު ގައުމަކަށް

މި ފޮތަކީ މުއްސަނދި ގައުމެއްގެ ގޮތުގައި އޮވެ، ވެނެޒުއޭލާ ފަގީރުކަމަށް ވެށްޓުނު ގޮތުގެ ވަރަށް ތަފާތު ތަސްވީރެއް ގެނަސްދޭ ފޮތެކެވެ. މިއީ ފުން އަސަރުތަކެއް ކުރުވި ހާދިސާތަކާއި ވެނެޒުއެލާފަދަ ހާލަތެއް ދުނިޔޭގެ ގައުމަކަށް ކުރިމަތިވާ އިރު އޭގެ މާނައަކީ ކޮބައިކަން ހަގީގީ މިސާލުތަކުން ކިޔައިދޭ ފޮތެކެވެ.

މިއަދުގެ ވެނެޒުއޭލާއަކީ ދާއިމީ ކާރިސާއެއް ކުރިމަތިވެފައިވާ ޤައުމެކެވެ. ވެނެޒުއޭލާއަކީ ކަޅުފައިސާ ދައުރުވާ އަމިއްލަ ފައިސާގެ އަގެއް ނެތް ގައުމެކެވެ. ސާބު ބޯފެން ލިބޭނެ ކަން ނުވަތަ ކާނާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ގައުމެކެވެ. ފަގީރުކަން ވަނީ އިންތިހާއަށް ބޮޑުވެގެން ގޮސްފައެވެ.

ވެނެޒުއެލާއަކީ ހަމަ އެ ބިމުގައި، ދުނިޔޭގެ ތެލުގެ މުއްސަނދިކަމުގެ އެންމެ ބޮޑު ރިޒާވް ބިމުގެ އަޑީގައި ބޮކިޖަހަމުންދާ ގައުމެކެވެ. ރަނާއި އެހެނިހެން މައުދަންތައް ގިނަ ގައުމެކެވެ.

ސަރުކާރުން އުމުރާނީ ތަރައްގީގެ ނަމުގައި އެތައް ބިލިއަން ޑޮލަރެއް ހޭދަކުރާ އިރު، ސުޕަމާކެޓް ހަރުތައް ހުރީ ހުސްވެފައެވެ. ހޮސްޕިޓަލްތަކުގައި ބޭސް ލިބޭނެ ގޮތެއް ނެތެވެ.

އާބާދީގެ 20 އިންސައްތަ މީހުން ވަނީ ގައުމު ދޫކޮށް ހިޖުރަކޮށްފައެވެ. ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީއާބާދީއެއް އުފެއްދި ގައުމެވެ. މިއީ އަހުލީ ހަނގުރާމައިން ހަނާވަމުންދާ ސޫރިޔާއާ އެއްވަރަށް ރެފިއުޖީން ބޭރުކުރި ގައުމެކެވެ.

މުއްސަނދިކަމުން ފަގީރުކަމަށް ވެނެޒުއޭލާ ވެއްޓުމުގެ އަސަރު މުޅި ލެޓިން އެމެރިކާގެ އިތުރުން އެމެރިކާ އަށާއި ބައިނަލްއަގްވާމީ މުޖުތަމައަށް ވެސް ފޯރާނެއެވެ. އެމެރިކާގެ ރިޕަބްލިކަން ޕާޓީން ބުނާ ގޮތުން މިއީ ސޯޝަލިޒަމް ނިމޭނެ ކަމުގެ ހެއްކެކެވެ.

އެހެންނަމަވެސް މިއީ އެހެން ކަމަކަށް ވުރެ ފާހަގަ ކުރެވޭ ނަމޫނާއެކެވެ. އެއީ މީހުންގެ މެދުގައި މަގްބޫލު ހަރުކަށި ޝަޚުސިއްޔަތެއް ގައުމުގެ ވެރިކަމާ ހަވާލުވެ ގައުމު ހަލާކުކޮށްލާ ގޮތުގެ ކުޅަދާނަ ނަމޫނާއެކެވެ.

މަރުވެފައިވާ ލީޑަރު ހޫގޯ ޗާވޭޒް ފަދަ އެތައް ވެރިންނެއް ދުނިޔޭގެ ކަންކޮޅުތަކުން ފެނެއެވެ. އޭނާ އިސްވެ އޮތް ކޮރަޕްޓް އިޤްތިޞާދުގެ ކާމިޔާބީ ދެމިއޮތީ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދުނިޔޭގެ ބާޒާރުގައި ވެކެމުން ދިޔައ އިރުގައެވެ.

އެއަށްފަހު ވެރިކަމަށް އައި ރައީސް ނިކޮލަސް މަޑޫރޯގެ ޒަޢާމަތުގައި ވަރުގަދަކޮށްފައިވާ ޗާވޭޒްގެ ސިޔާސަތުތަކުގެ ސަބަބުން ގިނަ ވަސީލަތްތަކެއް ގައުމުގައި އިސްރާފުވެ، ޤައުމު ބަނގުރޫޓުވެގެން ދިޔައެވެ. ފައިސާގެ އަގު ވެށްޓިގެން ދިޔައެވެ.

މި ފޮތް Things Are Never So Bad That They Can’t Get Worse މިއީ ކަންކަން ހިނގަމުން ދިޔައިރުގެ ހާދިސާތަކާއި ނޫސްވެރިކަމާއި އެއްވެގެން ވެނެޒުއެލާގެ މިހާރުގެ ތާރީޚާއި ހާލަތުގެ ހިތާމަވެރި ދައުރު ތަމްސީލުކޮށްދޭ ވަރަށް މުނާސިބު ތަސްވީރެއް ކުރަހައިދޭ ފޮތެކެވެ.

މި ފޮތުގެ މުސައްނިފު ވިލިއަމް ނިއުމަން އަކީ ވެނެޒުއެލާގެ ވެރިރަށް ކަރާކަސްގައި ހުންނަ ނިއުޔޯކް ޓައިމްސްގެ ބިއުރޯ ޗީފްގެ މަގާމުގައި ހުރި މީހެކެވެ.

ހިއްސާ ކުރައްވާ!