ދުނިޔެއަކީ ރާޒުވާ ފިލާގަނޑެއް

ޔުކްރެއިންއާ ރަޝިޔާއާ ދެމެދު މިހާރު ހިނގަމުންދާ މައްސަލައާއި އަދި އެމެރިކާގެ ނިޔަތާއި ފަހަށް އެމެރިކާއިން ގެންގުޅޭ ވިސްނުން ދިރާސާ ކުރަން ބޭނުންވާ ފަރާތްތަކަށް އެންމެ ފަސޭހައިން މިކަމުގެ އަޑިއަށް ފީނައި ގަނެވޭނީ، The Grand Chessboard ދިރާސާ ކޮށްލުމުންނެވެ.

ދަ ގްރޭންޑް ޗެސްބޯޑަކީ ރައީސް ޖިމީ ކާޓަރގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޒެބިގްނީވް ބްރިޒެންސްކީ ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތަކީ 1997 ވަނަ އަހަރު ޝާއިއުކޮށްފައިވާ ފޮތެއްކަމުގައި ވިއަސް މިއީ ހަމަ މިއަދުގެ ހާލަތަށްވެސް ވަރަށް ތާޒާ ފޮތެކެވެ. އެއީ 1990 ގެ އަހަރުތަކާއި އޭގެ ފަހުން އެމެރިކާގެ ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން ލިޔެފައިވާ ޕްރޮގްރެސިވް ފޮތެކެވެ. މި ފޮތް ކިޔާލުމުން އެމެރިކާއިން އެކި ސަރަހައްދުތަކުގައި ނުފޫޒު ފޯރުވުމަށް ގެންގުޅޭ ސިޔާސަތު އެނގިގެން ދާނެއެވެ.

މިއީ އެމެރިކާއިން ގެންގުޅޭ ބާރު ދެއްކުމުގެ ސިޔާސަތު ހާމަކޮށްދީ އަދި ކުރިމަގުގައި ދުނިޔޭގެ ބާރަކަށް އެމެރިކާ އޮތުމަށްޓަކައި ކުރަން ޖެހޭ ކަންކަމާ މެދު ވިސްނުމަށް އޭނާގެ ދަރިވަރުންނަށް ބްރިޒެންސްކީ ލިޔުއްވި ފޮތެކެވެ.

ބްރިޒެންސްކީއަކީ ޕޮލެންޑްގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ 1928ގައި ޕޮލެންޑަށް އުފަންވެވަޑައިގަތް ބޭފުޅެކެވެ. އޭނާގެ ބައްޕައަކީ ޑިޕްލޮމޭޓެކެވެ. އޭނާގެ އާއިލާ އެމެރިކާއަށް ހިޖުރަ ކުރުމަށްފަހު އޭނާގެ ތައުލީމު ފުރިހަމަ ކޮށްފައި ވަނީ އެމެރިކާގައެވެ. 1953ގައި ހަރވަރޑް ޔުނިވަރސިޓީން އޭނާ ޕީއެޗްޑީ ހާސިލުކުރެއްވިއެވެ.

ޖިމީ ކާޓަރގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިރަކަށްވެސް އޭނާ އުޅުއްވިއެވެ. އަދި އޮބާމާގެ ޚާރިޖީ ސިޔާސަތުގެ މުޝީރަކަށްވެސް އުޅުއްވިއެވެ.

މި ފޮތުގައި އޭނާ ވަނީ އެމެރިކާއިން ޔޫރޭޝިއާގައި ގެންގުޅެންވީ ސްޓްރެޓެޖީ ކުރައްސަވައި ދެއްވާފައެވެ. ޔޫރޭޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއްބަރަކަށް ހިކިފައިވާ ބިމެވެ. މިއީ ޔޫރަޕާއި އޭޝިޔާގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް ދުނިޔޭގެ އެންމެ ބޮޑު ކޮންޓިނެންޓަލް ސަރަހައްދެވެ.

އެއް ފަރާތުން އިނގިރޭސި ޖަޒީރާތަކާ ހަމައަށް އަދި އަނެއް ބިތުން ޖަޕާނާ ހަމައަށް މި ފަސްގަނޑު އޮންނަނީ މާސިންގާ ސަރަހައްދެއްގައި ފެތުރިފައެވެ.

އަނެއްފަރާތުން އެޓްލާންޓިކް ކަނޑާއި އެފްރިކާއެވެ. އަދި އިރުމަތިން ޕެސިފިކް ކަނޑެވެ.

ބްރިޒެންސްކީ ބޭނުންފުޅު ވަނީ ސިޔާސީ އަދި ބައިނަލްއަޤުވާމީ ގުޅުންތައް ދިރާސާ ކުރާ ހުރިހާ ދަރިވަރުން ވެސް މި ފޮތް ކިޔާށެވެ. އަދި މިއީ އެމެރިކާގެ ޚާރިޖީ ސިޔާސަތާ ބެހޭ ފުރިހަމަ މަޢުލޫމާތާއި، ބަދަލުވަމުންދާ ސްޓްރެޓެޖީތަކުގެ ފަހަތުގައިވާ އަސާސްތައް ދަނެގަނެ، ދުނިޔޭގެ ޖިއޯ ޕޮލިޓިކްސްގެ އެންމެ ކުރީސަފުގައި ދެމި ތިބުމަށް ބޭނުންވާ ސިޔާސީ ސައިންޓިސްޓުންނާއި ޑިޕްލޮމެޓުންނަށް ވެސް ވަރަށް އެކަށީގެންވާ ލިޔުމެކެވެ.  ބްރިޒެންސްކީ މި ފޮތުގެ ތަޢާރަފުގައި ލިޔުއްވާފައިވަނީ “ވަށާޖެހޭ އަދި އިންޓަރގްރޭޓެޑް ޔޫރޭޝިއަން ޖިއޯ-ސްޓްރެޓެޖީއެއް އެކުލަވާލުމަކީ މި ފޮތުގެ މަޤްޞަދު” ކަމުގައެވެ.

“ދަ ގްރޭންޑް ޗެސްބޯޑް” ގައި ބްރިޒެންސްކީ ވަނީ ފިނި ހަނގުރާމައިގެ ފަހުން ޖިއޯ ސްޓްރެޓެޖީއަށް އޭނާ އަދާކުރި ދައުރާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި، އެމެރިކާއަކީ ދުނިޔޭގެ ލީޑަރަކަށްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ލައްވަމުން، ޔޫރޭޝިއަން ޖިއޯޕޮލިޓިކްސްގައި ބަސްވިކޭ ގައުމެއްގެ ގޮތުގައި އެމެރިކާ ދެމިއޮތުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އޭނާ ބައްލަވާ ލައްވާފައި ވެއެވެ. އޭނާގެ  ތިއަރީއަކީ، އެމެރިކާގެ ބާރު ދެއްކުމާއި، ދުނިޔޭގެ ސިޔާސީ މައިދާނުގައި، ޔޫރޭޝިއާއަށް އެހެން ގައުމަކުން ބާރު ނުދެއްކޭ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ފުރުސަތު ކުޑަކޮށް އިޤްތިޞާދީ އަދި ސިޔާސީ މައިދާނުގައި އެމެރިކާ ގަދަވެގަތުމެވެ.

އޭނާ ވަނީ ޔުރޭޝިއާ ހަތަރު ސަރަހައްދަކަށް ބައްސަވައި، އެމެރިކާއިން އެ ސަރަހައްދުތަކުގައި ބާރުގަދަކޮށް އޮތުމަށްޓަކައި ގެންގުޅެންވާނެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނެ ގޮތްތައް ހުށަހަޅުއްވާފައެވެ. ބްރިޒެންސްކީ ވިދާޅުވާ ގޮތުގައި ސޯވިއެޓް ޔޫނިއަން އުވި ދިއުމަށްފަހު ދުނިޔޭގައި އޮތް ވަށާ ޖެހޭ ހަމައެކަނި ބޮޑު ބާރަކީ އެމެރިކާ އެވެ. “އެމެރިކާ އަކީ މިހާރު ޔުރޭޝިއާގެ މައްސަލަތުގައި ފަހު ބަސް ބުނާނެ ފަރާތެވެ. އެމެރިކާގެ ބައިވެރިވުމެއް ނެތި ނުވަތަ އެމެރިކާގެ މަސްލަހަތާ ޚިލާފަށް ޔޫރޭޝިއާގެ މައްސަލައެއް ނިމިގެނެއް ނުދާނެއެވެ.” ބްރިޒިންސްކީ ލިޔުއްވައެވެ.

މި ފޮތް ކިޔާލުމުން، 1992 ވަނަ އަހަރު އެމެރިކާގެ ދިފާއީ ވުޒާރައިން ނެރުނު ޕްލޭނިންގ ޑޮކިއުމަންޓްގެ ފަހަތުގައިވާ ވިސްނުންތައް ވަރަށް ރަނގަޅަށް ސާފުވެގެން ދެއެވެ. އިޝާރާތް ކުރެވުނު މި ލިޔުމަކީ، އެމެރިކާއިން އިރާގާއި އަދި އޭގެ ކުރިން އަފްޣާނިސްތާނަށް ހަމަލަ ދިނުމަށް ރޭވި ވިސްނުމެވެ. މިވާހަކައިގައި ބްރިޒެންސްކީ ލިޔުއްވަނީ ކުރިއަރާފައިވާ އަދި ޞިނާޢީ އެހެން ޤައުމުތަކަށް އެމެރިކާގެ ލީޑަރޝިޕަށް ގޮންޖެހުމަށް ނުވަތަ ކުރިއަރައިގެން ދިއުމަށް ފުރުސަތެއް ދީގެން ނުވަނެ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ނިޒާމު ކޮންޓްރޯލްކުރުމުގައި އެމެރިކާ ދެމިއޮންނަން ޖެހޭނެކަމަށެވެ. ބްރިޒެންސްކީ ވަކާލާތު ކުރައްވާ ގޮތުގައި އެމެރިކާގެ ލީޑަރޝިޕް ދައުރު އަދާކުރުމުގެ މާނައަކީ، ޔޫރަޕާއި އިރުމަތީ އޭޝިޔާގައި ހިމެނޭ މުއްސަނދި އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ދައުލަތްތަކުގެ މައްޗަށް އެމެރިކާއިން ގަދަވެގަތުމަކީ ކުރަން ޖެހޭނެކަމެކެވެ. އަދި ޢިރާޤުގެ ސައްދާމް ޙުސައިނާއި، ސަރބިއާގެ ސްލޮބޮދާން މިލޮސެވިޗް އާއި، އުތުރު ކޮރެއާގެ ކިމް ޖޮންގް އުން ފަދަ ފަރާތްތަކުގެ މައްޗަށް ގަދަވެގަތުމަކީ، ޖަރުމަނު ނުވަތަ ޖަޕާނު ފަދަ ބާރެއް އަލުން ވުޖޫދަށް އަޔަ ނުދީ، ސަރަހައްދީ މައްސަލަތައް ހައްލުކޮށް އެމެރިކާގެ ބަރުވެރިކަމާއި ހައިބަތު ދަމަހައްޓަން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

މި ފޮތުގައި އިސްލާމީ ހަރުކަށި ވިސްނުމާ ބެހޭ ގޮތުންވެސް ބަހުސްކޮށްފައި ވެއެވެ. މިކަމަށް ތަފްސީލުކޮށް އަލި އަޅުވާލައްވަމުން ވިދާޅުވަނީ އެމެރިކާއާ ދެކޮޅުވެރި ދީނީ ޝުއޫރުތައް މީހުންގެ މެދުގައި އާލާކޮށް، ޢަރަބިންނާއި އިސްރާއީލުގެ ހަމަނުޖެހުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، އެމެރިކާއަށް ތާއީދުކުރާ މެދުއިރުމަތީގެ ދައުލަތްތަކެއްގެ ބާރު ކަނޑުވާލަން ހަރުކަށި ފިކުރުގެ މީހުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެމެރިކާގެ ސަރަހައްދީ މަސްލަހަތަށް ނުރައްކާ ވުމުން ސަލާމަތް ކުރެވޭނީ ބްރިޒެންސްކީ ފާހަގަކުރައްވާ ގޮތުގައި ސިޔާސީ ގޮތުން ސަރަހައްދުގެ ގައުމުތަކުން އެއްގަލަކަށް އަރައި ގެންނެވެ. އަދި ބަސްވިކޭ، އެމެރިކާގެ ސަޕޯޓް އޮންނަ އިސްލާމީ އެއް އެއް ގައުމު މެދުއިރުމަތީގައި އޮންނަން ޖެހޭނެ ކަމަށްވެސް ލިޔުއްވައެވެ. މީގެ އިތުރުން މިފޮތުގެ އެހެން ބައެއް ޗެޕްޓަރުތަކުގައިވެސް ހަރުކަށި އިސްލާމީ ފިކުރުގެ ސަބަބުން ދުނިޔޭގެ ސަލާމަތަށް ކުރާނެ ނުރައްކަލާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ވެއެވެ.

ބްރިޒެންސްކީ ވަނީ ބްލެކް ސީ ސަރަހައްދު އެމެރިކާއން ކޮންޓްރޯލްކޮށް އީރާނާއި ތުރުކީގެ ނުފޫޒު ކުޑަކޮށް، މިހިސާބުގެ ތެލާއި ގޭސް ފަސޭހައިން ލިބޭގޮތް ހެދުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވާހަކ ދައްކަވާފައެވެ. އޭނާ ވިދާޅުވަނީ މި ސަރަހައްދުގައި ހުރި ގޭހުގެ ރިޒާވްއަކީ ކުވެއިތާއި ގަލްފް އޮފް މެކްސިކޯ އަދި ނޯރތު ސީގެ ރިޒާވަށް ވުރެން މާ ބޮޑު ރިޒާވެއްކަމަށެވެ.

ދަ ގްރޭންޑް ޗެސް ބޯރޑަކީ އެމެރިކާ ފިޔަވައި އެހެން ސުޕަރ ޕަވައެއް ވުޖޫދުގައި އޮތުމަ ނުދިނުމަށްޓަށް ސިޔާސަތު އެކުލަވާލުމަށް ގިނަ ޚިޔާލުތަކެއް ދިރާސާ ކޮށްލެވޭނެ ފޮތެކެވެ. ހަތް ޗެޕްޓަރަކަށް ބަހާލައިފައިވާ މި ފޮތުގައި ހިމެނެނީ 220 ސަފްހާއެވެ.

ހިއްސާ ކުރައްވާ!