އެމެރިކާގައި ހަމަކަން ހޯދުމަށް ކަޅު ނަސްލުމުގެ މީހުން ކުރާ ހަނގުރާމަ

ކިޔުންތެރިންނަށް ހުށަހެޅޭ އެންމެ މުހިންމު ފޮތްތަކުގެ ތެރޭގައި ހިމެނޭ އެއް ފޮތަކީ ދެ ނޫސްވެރިއަކު އެކުލަވާލާފައިވާ ޖޯޖް ފްލޮއިޑްގެ ހަޔާތާ  ބެހޭ އަސަރުގަދަ ވާހަކައެވެ. އެމެރިކާގެ ވޮޝިންޓަން ޕޯސްޓްގެ ދެ ރިޕޯޓަރަކު ތައްޔާރުކޮށްފައިވާ މި ތާރީޚީ ބަޔޮގްރަފީގައި ޖޯޖް ފްލޮއިޑްގެ ދިރިއުޅުމާއި މަރުވުމަށްފަހު އޭނާގެ ހަނދާންތައް ބައްޓަން ވެފައިވާ ގޮތް ހާމަކޮށްދީފައިވެއެވެ.

ފްލޯއިޑްގެ އާއިލާއަކީ ނޯތު ކެރޮލައިނާގެ ދުންފަތުގެ ދަނޑުތަކުން ހަރުފަތްތަކުން ހަރުފަތަކަށް އަރައި ދިރިއުޅުމުގައި ކުރި ހޯދާފައިވާ އާއިލާއެކެވެ. މި ފޮތުގައި ކިޔައިދީފައިވާ ވާހަކަތަކުގައި އެމެރިކާގެ ބޯހިޔާވަހިކަމުގެ ހާލަތާއި ތައުލީމާއި، ސިއްހީ ފަރުވާއާއި، ޖިނާއީ އަދުލު އިންސާފު ބައްޓަންވެފައިވާ ގޮތާއި، ފުލުހުން އަމަންއާންމު ބަލަހައްޓާ ގޮތާއި ނަސްލުތަކުގެ މެދުގެ ހަމަހަމަކަން ނެތް ކަން ވަށައި ޖެހޭ ގޮތަށް ކިޔައިދީފައި ވެއެވެ.
ފްލޮއިޑް މަރާލި ދުވަހުގެ ހާދިސާތައް މިހާރު ވަނީ ހިތާމަވެރި ގޮތަކަށް މުޅި ދުނިޔެއަށް އެނގިފައެވެ. ޖޯޖް ފްލޮއިޑް އަކީ 25 މެއި 2020 ގައި މިނިއެޕޯލިސްގެ ފިހާރައަކުން އެއްޗެއް ގަނެގެން ދަނިކޮށް، ހުދު ޕޮލިސް އޮފިސަރު ޑެރެކް ޗައުވިން މަރާލި ކަޅު ނަސްލުގެ މީހާއެވެ. މިއީ ފުލުހުންގެ އަނިޔާއިން މަރުވި މިފަދަ ފުރަތަމަ ކަޅު މީހާއެއްވެސް ނޫނެވެ.

ކަޅު ނަސްލުގެ ޒުވާން އަންހެނާ ޑާނެއްލާ ފްރޭޒާ، ފްލޮއިޑްގެ މަރުގެ ވީޑިއޯ ރެކޯޑް ކުރުމުގެ ސަބަބުން އެމެރިކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު މުޒާހަރާކުރަން ހިތްވަރު ލިބިގެން ދިޔައެވެ. އެމެރިކާގެ ފުލުހުންގެ އަނިޔާތަކަށް މީހުންގެ ފާޑު ކިޔުން އަމާޒު ވިއެވެ.

މި ހާދިސާއާ ގުޅިގެން ގުނާ އަދަދު ނުކުރެވޭހާ ގިނަ ކުރެހުންތައް ދުނިޔޭގެ ކަންކޮޅުތަކުގެ ފާރުތަކާއި ޕޯސްޓަރުތަކަށް އެރުމުން ފްލޮއިޑްގެ މޫނު މަދަނީ ހައްގު ހޯދުން ރަމްޒުކޮށްދިނެވެ. އަދި ދިރިއުޅުމުގެ މައިދާނުގައި ހަނގުރާމަ ކުރަމުން ދިޔަ އެކެއްގެ ދިރިއުޅުން އެތައް ބަޔަކަށް ރަމްޒަކަށް ވެގެން ދިޔައެވެ.
ޖޯޖް ފްލޮއިޑްގެ މި ބަޔޮގްރަފީގައި ދައްކުވައިދެނީ ހިއުސްޓަންގެ އަވަށެއްގައި ބޮޑުވި ކުޅިވަރަށް ލޯބި ކުރި ޒުވާނާ، ބައްޕައަކަށް، ހަޔާތުގެ ބައިވެރިއަކަށްވެ،  ރަހުމަތްތެރިއަކަށްވެ އަބަދުވެސް ފަހި ދިރިއުޅުމެއް ހޯދުމުގެ މަސައްކަތުގައި އުޅުނު ތަނެވެ. ފްލޮއިޑްގެ ދިރިއުޅުމުގެ ވާހަކަ އަލުން ޓްރޭސް ކުރުމުގައި ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓަރުން ކަމަށްވާ ރޮބަރޓް ސެމިއުލްސް އާއި ޓޮލޫސް އޮލޮރޫންނިޕާ ވަނީ އެމެރިކާގައި ކަޅު ނަސްލުގެ މީހެއްގެ ގޮތުގައި ފްލޮއިޑް ކެނޑިނޭޅި ބުރަކޮށް މަސައްކަތް ކޮށް ކުރި ހިތްވަރު އާކޮށްދީފައެވެ. އެމެރިކާގައި މުޖުތަމައުގައި މުއައްސަސާތަކުގެ ފެންވަރުގައި އޮންނަ ނަސްލީ ދެކޮޅުވެރިކަމުގެ ހިތްދަތި ތާރީޚުގެ ވާހަކަތަކާއެކު “ހިޒް ނޭމް އިޒް ޖޯޖް ފްލޮއިޑް” ގައި އޭނާގެ އާއިލާގެ ފެށުމާއި އއިލާ އަޅުންގެ ގޮތުގައި އުޅުމާއި އަދި ފަހުން އެއާއިލާ ހިއުސްޓަންގައި ނަސްލުތައް ވަކިކޮށްގެން އުޅުނު ޒަމާނުގައި ދުވަސްތައް ހޭދަ ކުރި ގޮތް ކިޔައި ދީފައި ވެއެވެ. އަދި ކަޅު މީހުންނަށް ފުލުހުންގެ ފަރާތުން ދިމާވެފައިވަ ނޭއްގާނި ކަންތައްތަކާއި އަނިޔާވެރި ޖަލުގެ ނިޒާމާއި މަސްތުވާތަކެތީގެ ކަސްތޮޅުތަކުން މިންޖުވުމަށް އޭނާ ކުރި މަސައްކަތްވެސް ގެނެސްދީފައި ވެއެވެ.

މި ފޮތް ލިޔުމުގައި ދެ ނޫސްވެރިން ވަނީ އެތައް ބަޔަކާ އިންޓަރވިއުތައް ކޮށްފައެވެ. ފޮތް ބިނާ ކޮށްފައި ވަނީ އެމީހުން ހޯދާފައިވާ ހަގީގީ ރިޕޯޓްތަކުގެ މައްޗަށެވެ.

ސެމިއުލްއާއި އޮލޮރުނިޕާ ވަނީ ޖޯޖް ފްލޮއިޑްގެ އެމެރިކާގެ ވަރަށް އަސަރުގަދަ އަދި ލޯހުޅުވެނިވި ގޮތަކަށް ހުށަހަޅައި ދީފައެވެ. ދުނިޔެއަށް މިނިވަންކަމާއެކު ނޭވާލާން ހުންނަން ބޭނުންވި ފިރިހެނެއްގެ ކަރަށް ފުލުހަކު ފައިން އަރައި އޭނާގެ ނޭވާ ހޮޅި ފިއްތާލައި މަރާލީއެވެ.

ހިއްސާ ކުރައްވާ!