ހަމަނުޖެހުން ބޮޑު ޒަމާނެއްގައި ވަޑައިގަތް ސުލްޙައިގެ ނަބިއްޔާ

ސަލާމާއި ސަލަވާތްލެއްވި މާތް ނަބިއްތާ  ރިސާލަތާގެން ދުނިޔެއަށް ފޮނުއްވި ދުވަސްވަރުގެ ދުނިޔޭގެ ހާލަތު އޮތް ގޮތާމެދު އަބަދުވެސް އޮރިއެންޓަލިސްޓުންނާ ސުވާލު ކުރެވެއެވެ. އަދި އެހެން ރަސޫލުންނާއި ނަބީބޭކަލުންގެ ރިސާލަތާ ޚިލާފަށް މި ރިސާލަތު މަތިވެރިވެގެން ވަނީ ކޮން ސަބަބަކާ ހެދިތޯ ސުއާލު ކޮށްހަދައެވެ.

އިސްލާމްދީން އައި ދުވަސްވަރަކީ ހަމަނުޖެހުމާއި ހަނގުރާމަ ބޮޑު ދުވަސްވަރެކެވެ. ފާރިސީން ދިޔައީ 603 ވަނަ އަހަރުން ފެށިގެން ރޯމަނުންގެ ސަރަހައްދުތަކަށް އިސްތިއުމާރު ކުރަމުންނެވެ. ފާރިސީން ވަނީ 614 ވަނަ އަހަރު ގުދުސް އިސްތިއުމާރު ކުރުމަށްވެސް ހަމަލައެއްވެސް ދީފައެވެ.

ދުނިޔޭގެ އެމްޕަރަޔތަކުގެ މެދުގައި ހަނގުރާމަ ބޮޑު ޒަމާނެއްގައި ފާޅުވި ސުލްޙައަށް ގޮވާލެއްވި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާ ބެހޭ ގޮތުން ދިރާސާ ކުރެއްވުމަށްފަހު، އެމެރިކާގެ އެކަޑެމިކް ބޭފުޅެއްކަމަށްވާ ހުއާން ކޯލް ލިޔުއްވި ފޮތް ވަނީ ޝާއިއުކޮށްފައެވެ.

އޭނާ ވިދާޅުވަނީ ފަރުވާތެރިކަމާއެކު ޤުރްއާން މުތާލިއާ ކޮށްލުމުން ދޭހަކޮށްދެނީ، ޞުލްޙައިގެ މައްޗަށް ބިނާވެފައިވާ، އަދި ޒަމާނުގެ އާންމު އާދަކާއާއި ހަމަނުޖެހުންތަކުން މިނިވަންވެފައިވާ ސުލްޙަވެރި މުޖުތަމައެއް ބިނާކުރެއްވުމަށް މާތް ނަބިއްޔާ صلى الله عليه وسلم މަސައްކަތް ކުރެއްވި ގޮތް އެކަލޭގެފާނުގެ ސީރަތުން ފެންނާން ހުރި ކަމަށެވެ.

ހުއާން ކޯލް، އޭނާގެ ފޮތް Muhammad: Prophet of Peace Amid the Clash of Empires ލިޔުއްވާފައި ވަނީ ރަސޫލާގެ ޒަމާނުގެ ޙާލަތު ދިރާސާކުރައްވައި އެކަލޭގެފާނުގެ ޙަޔާތްޕުޅު މުޠާލިޢާ ކުރެއްވުމަށް ފަހުއެވެ.

އޭނާ ލިޔުއްވާ ގޮތުގައި އިސްލާމީ ދީން ތަޢާރަފްވި ޒަމާނަކީ ރޯމަން އެމްޕަޔަރއާއި އީރާނުގެ ސާސާނީ އެމްޕަޔަރއާ ދެމެދު ބޮޑެތި ކޮޅުންތަކެއް އޮތް ޒަމާނެއް ކަމަށެވެ. އަދި މި ދެބައި މީހުންގެ ހަމަނުޖެހުންތައް ތިރީހަކަށް އަހަރުވަންދެން ދެމިގެން ދިޔަކަމަށެވެ.

ޒަމާނުގެ ހަލާތަށް ބަލައި އިސްލާމް ދީނުން ގޮވާލާފައި ވަނީ، ކޯލް ލިޔުއްވާ ގޮތުން، ދެކޮޅުވެރިންނާ މެދު ޞުލްޙަވެރިކަމާއި މައާފް ކުރުމުގެ ހަމަތައް ގެންގުޅުމަށެވެ.

އެހެން ލިޔުންތަކަށް ރައްދު ދެއްވަމުން، އިސްލާމް ދީނަކީ ހަނގުރާމައަށް ގޮވާލާ ދީނެއްކަމަށް ބައެއް އޮރިއެންޓަލިސްޓުން ލިޔެފައި ވަނީ އެމީހުންނަށް އިސްލާމް ދީން އޮޅުން ފިލާފައި ނުވުމުގެ ސަބަބުން ކަމަށާއި އަދި ކީރިތި ޤުރުއާން ފަހުމުވުމުގައި އެމީހުންނަށް ދަތިތަކެއް ދިމާވުމުން ކަމަށް ވެސް ކޯލް ލިޔުއްވައެވެ.

މީލާދީން 603 ވަނަ އަހަރު ކީރިތި ރަސޫލާ ގެ އުމުރުފުޅުން 30 ގެ އަހަރުތަކުގައި ފާރިސްކަރައިގެ އެމްޕެރަރ ކިސްރާ 2 ރޯމަން އެމްޕަޔަރ އަށް ގަދަވެގަނެ، ޖެހިގެން އައި 16 އަހަރު ދުވަހުގެ ތެރޭގައި ގްރޭޓަރ ސޫރިޔާ އާއި މިޞްރު އިސްތިޢުމާރުކޮށް، އަނަޓޯލިއާގެ ބޮޑުބައެއް ހިފައި، ކޮންސްޓެންޓިނޯޕްލް ވަށާލިއެވެ. މި ހަނގުރމަތަކަކީ ވަރަށް އަނިޔާވެރި އަދި ފުޅާ ސަރަހައްދެއްގައި ކުރެވުނު ހަނގުރާމައެކެވެ.

އަލިފާނަށް އަޅުކަން ކުރި ފާރިސްކަރައިގެ މީހުންނާއި ކްރިސްޓިއަނިޓީ ގަބޫލުކޮށްގެން ތިބި ރޯމަނުންގެ ދެމެދު 50 އަހަރު ވަންދެން ސުލްހަ ގާއިމްވެފައި އޮތެވެ. މި ސުލްހައިގެ އެއްބަސްވުން ނިމިގެން ދިޔައީ 572 ވަނަ އަހަރުއެވެ.

ފަހުން ދެ

ފަރާތުގެ ދެމެދުގައި 603 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ފެށިގެން ދިޔައެވެ.

މީލާދީން 610 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރޯމަން އެމްޕެރަރ ހަރކިއުލިސް ދަ ގްރޭޓް، ފާރިސީ ސާސާނީދު ދަރުބާރަށް ޞުލްޙަ ގާއިމް ކުރުމަށް އެދިވަޑައިގެން ޚާއްޞަ ދެ މިޝަންވެސް ފޮނުއްވިއެވެ. ނަމަވެސް ކިބުރުވެރިކަމާއެކު ކިސްރާ 2 ވަނީ ހަރކިއުލަސްގެ މި އިސްނެގުންތަކާ ދެކޮޅު ހައްދަވައި، ބައެއް ރޯމަން ސަފީރުން މަރައި، އަނެއްބައި މީހުން ޖަލުގައި ބަންދު ކޮށްހަދާފައެވެ.

ޢަރަބި ޖަޒީރާ އޮތީ މި ދެ އެމްޕަޔަރގެ ދެމެދުގައި ބަފަރ ޒޯނެއްގެ ގޮތުގައެވެ. މި ސަރަހައްދަކީ ބާރުގަދަ ދައުލަތެއް ނެތް ބޯޑަރު ސަރަޙައްދެކެވެ.

އެދުވަސްވަރު، އަރަބި ޖަ

ޒީރާގެ މުލީގައި އޮންނަ ޔަމަން އޮތީ 570 ވަނަ އަހަރުން ފެށިގެން ފާރިސީންގެ އަތްދަށުގައެވެ. އަދި އިރުމަތީ އުރުދުން އިން ފެށިގެން އުތުރު ހިޖާޒް އާ ހަމައަށް ރޯމްގެ ބާރު ފެތުރިފައި އޮތެވެ.

އަރަބި ޖަޒީރގައިވެސް ބައެއް ސަރަހައްދުތަކުގައި މީހުން ފާރިސީންނަށް ތާއީދު ކުރި އިރު އަނެއް ސަރަހައްދުތަކުގައި މީހުން ރޯމަނުންނަށް ސަޕޯޓް ކުރިއެވެ.

ކޯލު ލިޔުއްވާ ގޮތުގައި ހަނގުރާމައާ ނުލައި ސުލްޙައަށް ކީރިތި ރަސޫލާ ބޭނުންފުޅު ކުރެއްވީ ސޮފްޓް ޑިޕްލޮމެސީއެވެ.

މިއީ އިސްލާމޯފޯބިއާގެ ހަމަލަތައް ގިނަ ދުވަސްވަރެއްގައި ތަފާތު ގޮތަކަށް ކިޔާލުމަށް މުހިންމު ފޮތެކެވެ.

ހިއްސާ ކުރައްވާ!