ސުއިޑެންގައި އިސްލާމް ދީން

ޔޫރަޕްގެ ބައެއް ގައުމުތަކުގައި ޚާއްސަ ކޮށް ސުއިޑްންގައި އިސްލާމޯފޯބިއާގެ މައްސަލަ ބޮޑުވެފައި ވުމާއެކު މިއަދު މި ހުށަހަޅާލަނީ، ސުއިޑްންގައި އިސްލާމް ދީން ފެތުރި އާންމު ވުމާބެހޭގޮތުން ލިޔެފައިވާ ފޮތެއްގެ ޚުލާސާއެވެ.

ސްވިޑެންގެ ދިރާސާވެރިޔާ “ގޯރަން ލާސަން” އޭނާގެ ފޮތް “އިސްލާމް އެންޑް މުސްލިމުން އިން ސްވިޑެން” ސުއިޑްންގައި އިސްލާމް ދީން ފެތުރިގެން އައި ގޮތް ކިޔައދީފައި ވެއެވެ. އާންމު ކޮށް ޔޫރަޕްގެ އެހެން ގައުމުތަކުގައި އިސްލާމް ދީން ފެތުރިފައި ވަނީ ވަޒީފާއަށް ހޖުރަ ކުރި މުސްލިމުންގެ ފުށުންނެވެ. ނަމަވެސް ލާސަން ކިޔައި ދޭ ގޮތުގައި ސުއިޑްންގައި އިސްލާމް ދީން ފެތުރެން ފެށީ އިސްލާމް ދީން އެމީހުންނާ ހަމައަށް ފޯރުމުން އޭގެ ސައްޙަ މައުލޫމާތު ހޯދައި އެކަން ގަބޫލު ކުރެވުމުންނެވެ.

މިއަދު ސުއިޑްންގެ އާބާދީގެ 10 އިންސައްތަ އަކީ މުސްލިމުންނެވެ.   ސްވިޑެންގައި އިސްލާމް ދީނުގެ ހިދާޔަތު އެންމެ ފުރަތަމަ ޙާސިލު ކުރި ބަޔަކީ އަދަބީ މަސައްކަތުގައި އުޅުނު ލިޔުންތެރިންނެވެ. އެއީ 20 ވަނަ ގަރުނުގެ ކުރީކޮޅުގައެވެ. ސުއިޑްންއަކީ ޔޫރަޕްގެ އެހެން ގައުމުތަކާ ޚިލާފަށް ހަންފަތުރައި އިސްތިއުމާރުގައި މާބޮޑު ދައުރެއް އަދާކުރި ގައުމެއް ނޫނެވެ.

ސުއިޑްންއަށް އިސްލާމް ދީން އައުމަށް އިސްކޮށް މެދުވެރިވީ، ސްވިޑެންގެ ލިޔުންތެރިޔާ އަދި ކުރެހުންތެރިޔާ “އިވާން އަގީލީ” އެވެ. އޭނާ އިސްލާމް ވުމަށްފަހު ނަން ބަދަލު ކުރީ “އަބްދުލް ހާދީ އަލްއަގީލީ” އަށެވެ. އޭނާ ކުރެހުމުގެ ފަންނު ދަސްކުރީ ސްވިޑެން އާއި ފްރާންސްގައެވެ. ފްރާންސްގައި އޭނާ ކިޔެވީ، އިންސްޓިޓިއުޓް އޮފް އޮރިއަންޓަލް ސްޓަޑީޒްގައެވެ. އަދި އޭނާއަކީ ކުރެހުމުގައި އުޅެ، ތަސައްވުފަށް ޝައުގުވެރިވި މީހެކެވެ. އެހެންވެ، ރޫޙާނީ ދިރިއުޅުމެއް އޭނާ އިޚުތިޔާރު ކުރިއެވެ.

މީލާދީން 1895 ވަނަ އަހަރު މިޞްރަށް ދަތުރުކޮށް، ޤާހިރާގައި މަޑުކުރިއެވެ. އޭނާގެ ގިނަ ކުރެހުންތައް ކުރަހައި ގުދުރަތީ މަންޒަރު ދައްކާފައި ވަނީ މިސްރުގެ އަސްޔޫޠުގައެވެ. މީލާދީން 1898 ވަނަ އަހަރު އޭނާ ވަނީ ކީރިތި ޤުރުއާނާއި އަރަބި ބަސް ދިރާސާކޮށް، ޢަރަބި ބަހަށް ފަރިތަވެފައެވެ. އެއަށްފަހު އޭނާ ކިޔަވަން ނިންމީ އަލްއަޒުހަރުގައެވެ. ނަމަވެސް މިސްރުގައި އޭނާގެ ދުވަސްތައް ނިމުމަކަށް އައީ އޭނާ އަޒުހަރުގެ ޝެއިޚުންނާއި މާބޮޑަށް ރައްޓެހިވުމުން އިނގިރޭސިންގެ ހިތް ނުބައި ވުމުންނެވެ. އިނގިރޭސިން ހީކުރީ އޭނާއަކީ އުސްމާނީ ޚިލާފަތުން ފޮނުވާފައި ހުރި ޖާސޫސެއް ކަމަށެވެ.

ސުއިޑްންގައި ކުރީ ޒަމާނުގައި ދެން އެންމެ މަޝްހޫރު ނަން ހިނގާ ނަމަކީ ސްވިޑެންގައި ތަރުޖަމާގެ މަސައްކަތުގައި އުޅުނު “އެރިކް ހަރމެލިން” އެވެ. އޭނާއަކި އަރަބި ފޮތްތައް ސުއިޑްންގެ ބަހަށް ތަރުޖަމާ ކުރުމުގައި މުހިންމު މެދުވެރިއެކެވެ.

އެއަށްފަހު ސުއިޑްންއަށް އިސްލާމީ ބޮޑު ރޯޅިއެއް އައިސްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ސޯވިއެޓް ރޫސީންގެ އަނިޔާވެރިކަމުން ސަލާމަތް ވެގެން ފިންލޭންޑް މެދުވެރިކޮށް ސްވިޑެންއަށް ވަން ތާތާރު މުސްލިމުންގެ ފުށުންނެވެ. ތާތާރު މުސްލިމުންނަކީ ސުއިޑްންގައި މުސްލިމު ބޮޑު އާބާދީއެއް އުފެއްދި ފުރަތަމަ އިސްލާމީ ޖަމާއަތެވެ. އެމީހުން ވަނީ 1949 ވަނަ އަހަރު ތުރުކީގެ ދަންނަބޭކަލުންގެ އެހީގައި ސްޓޮކްހޯމްގައި ފުރަތަމަ އިސްލާމީ ޖަމުއިއްޔާ އުފައްދާފައެވެ.

އެއަށްފަހު ދެން ފެށުނީ ވިހިވަނަ ގަރުނުގެ ހަތްދިހަ ވަނަ އަހަރުން ފެށިގެން، ސުއިޑްންއަށް މުސްލިމުން ހިޖުރަ  ކުރުމުގެ ރާޅެކެވެ.

އެއަށްފަހު ސްޓޮކްހޯމް، މަލްމޯ، ފަދަ ސްވިޑެންގެ ބޮޑެތި ސިޓީތަކުގައި މިސްކިތްތައް އާރާސްތުކޮށް ފަޅަށް ހުރި ގިނަ ނަސާރާ ފައްޅިތައް ގަނެ، މިސްކިތްތަކަށް ބަދަލުކުރަން ފެށުނެވެ.

އޭގެ ފަހުން މުސްލިމުން އަނެއް ދެ އޮއިވަރު އައީ، ސައްދާމް ހުސެއިންގެ ވެރިކަން ވެއްޓުމަށްފަހު އިރާޤުން އައި ކިޔަވައިގެން ތިބި ތަނަވަސް މުސްލިމުންނާއި އަދި ސޫރިޔާ ހަނގުރާމައިން ފިލައިގެން އައި ކިޔަވައިގެން ތިބި ސޫރިޔާ މުސްލިމުންގެ ފަރާތުންނެވެ.

މިއެންމެނާއެކު ސުއިޑްންގައި މުސްލިމުންގެ އަދަދަކީ 10.5 މިލިއަން ކަމަށް ލަފާ ކުރެވެއެވެ.

ސްވިޑެންގެ ދިރާސާވެރިޔާ ގޯރަން ލާރސަން ބުނަނީ މުސްލިމުންގެ މެދުގައި ބޮޑެތި ތަފާތުކަމާއި ދެބަސްވުންތައް ހުރި ކަމަށެވެ. އެގޮތުން ޝީއީ މުސްލިމުންނަކީވެސް ތަފާތު ބޮޑު ބައެއް ކަން އޭނާ ފާހަގަ ކޮށްފައި ވެއެވެ.

އެކަމަކު ސްވިޑެންއާއި އިސްލާމްދީނާ ދެމެދު އޮތް ގުޅުމުގެ ތާރީޚާއި، މިދިޔަ ވިހި އަހަރުގެ ތެރޭގައި އިސްލާމްދީނާމެދު ސުއިޑްންގައި އުފެދިފައިވާ ޢަދާވާތްތެރިކަން އިތުރުވުމަކީ ލާރސަން ބުނާ ގޮތުގައި މުސްލިމުންގެ ބައިބައި ވުމާއި އެމީހުން ދައުލަތް އެމީހުން ބޭނުންވާ ގޮތަށް ބައްޓަން ކުރަން ބޭނުން ވުމުގެ ނަތީޖާއެވެ. (ސުއިޑްންގައި އިސްލާމީ ޝަރީއާ ގާއިމް ކުރުމަށްވެސް މުސްލިމުންގެ ބަޔަކު ޑޮކިއުމެންޓެއް ލިޔެގެން މުޒާހަރާ ކުރިއެވެ.)

ލާސަން ބުނާ ގޮތުގައި އިސްލާމްދީނާ ޢަދާވާތްތެރިކަން އިތުރުވުމުގެ ސަބަބުތަކަކީ، އިސްލާމްދީނާއެކު ސްވިޑެންގެ ތާރީޚާއި ހަޤީޤަތާ ދުރު ކަމެކެވެ. އަދި އެއީ ޔޫރަޕް ބައްރާއި އާންމުކޮށް ހުޅަނގުގައި “އިސްލާމޯފޯބިއާ” ގެ ކަންކަމުގެ ބައެއް ކަމަށެވެ.

އެކަމުގައި އިސްކޮށް އުޅެނީ ދާދި ފަހުން ބޭއްވި ސްވިޑެންގެ އާންމު އިންތިހާބުގައި ދެވަނަ ހޯދި އެންޓި އިމިގްރޭޝަން ޕާޓީ ސްވިޑެން ޑިމޮކްރޭޓުން އިސްކޮށް ތިބެގެންނެވެ.

ހިއްސާ ކުރައްވާ!