އިންޑިއާ ޕާކިސްތާން ގުޅުން ހަ ބޮޑު ވަޒީރުންނާއެކު

“އިން ޕާސުޓް އޮފް ޕީސް: އިންޑިއާ-ޕާކިސްތާން ރިލޭޝަންސް އަންޑަރ ސިކްސް ޕްރައިމް މިނިސްޓަރސް” އަކީ އިންޑިއާ ބައިބައިވުމުން ފެށިގެން މިއަދާ ހަމައަށް އިންޑިއާ-ޕާކިސްތާންގެ ގުޅުމުގެ ފުރިހަމަ ތަހުލީލެއް ދީފައިވާ ފޮތެކެވެ. ދެގައުމުގެ ދެމެދުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމް ކުރުމަށް ކޮށްފައިވާ މަސައްކަތާއި އެ މަސައްކަތަށް އެޅިގެން ދިޔަ ހިޔަނިތައް މި ފޮތުގައި ބަޔާން ކޮށްފައި ވެއެވެ.

ކުރީގެ ބޮޑު ވަޒީރު ޑރ. މަންމޯހަން ސިންގ އިސްބަސް ލިޔުއްވައި ތައާރަފް ކޮށްދެއްވި މިފޮތް “އިން ޕާސުޓް އޮފް ޕީސް: އިންޑިއާ-ޕާކިސްތާން ރިލޭޝަންސް އަންޑަރ ސިކްސް ޕްރައިމް މިނިސްޓަރސް” ގައި ހިމެނެނީ ޖުމްލަ ނުވަ ބާބެވެ.

މި ފޮތަކީ، އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީދު އަޖިތު ޑޮވަލްގެ ބަހުންނަމަ، ޕޮލިސީ އެކުލަވާލާ ފަރާތްތަކާއި މުސްތަގްބަލުގެ ޑިޕްލޮމެޓުންނަށް އަގު ހުރި ފޮތެކެވެ. ފޮތުގެ ބާބުތަކަށް ބަލާލާފައި އެވަނީއެވެ.

  1. ތަޢާރަފް: އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން

މި ތަޢާރަފުގައި އިންޑިއާއާއި ޕާކިސްތާނުގެ ގުޅުމާއި، ދެ ގައުމު އުފެދުމުގެ ތާރީޚާއި، ދެޤައުމަށް ދެމެހެއްޓެނިވި ސުލްޙައެއް ހޯދުމަށް ހިޔަނި އެޅިގެން ދިޔަ ގޮންޖެހުންތަކުގެ ތަފްސީލީ މަންޒަރެއް ކުރަހައި ދީފައި ވެއެވެ.

  1. ނެހްރޫއާއި އިންޑިއާ ޕާކިސްތާން ބަހާލުން

މި ބާބުގައި އިންޑިޔާ ބައިބައިވުމުގައި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރުލާލް ނެހްރޫގެ ދައުރާއި ވަކި ޤައުމެއްގެ ގޮތުގައި ޕާކިސްތާން އުފެދުމާ ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ. ސެކިއުލަރ އަދި ޑިމޮކްރެޓިކް އިންޑިއާއަކަށް ނެހުރޫ ގެންގުޅު ތަސައްވުރާއި ޕާކިސްތާނާ އެކު އެކުވެރި ގުޅުމެއް ގާއިމް ކުރުމަށް އޭނާ ކުރެއްވި މަސައްކަތްތަކަށް ބަލާފައި ވެއެވެ.

  1. ބޮޑު ވަޒީރު ލާލް ބަހާދުރު ޝާސްތުރީ އާއި 1965 ވަނަ އަހަރުގެ ހަނގުރާމަ

މި ބާބުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ލާލް ބަހާދުރު ޝާސްތުރީގެ ބޮޑުވަޒީރުކަމުގެ ދައުރާއި 1965 ވަނަ އަހަރު އިންޑިއާ ޕާކިސްތާންގެ ހަނގުރާމައިގެ މައްޗަށެވެ. އެ ހަނގުރާމައިގެ ސަބަބުތަކާއި އަދި އެކަމުން ނިކުތް ނަތީޖާތަކާއި، އެ އިރު ހިނގި ހަމަނުޖެހުންތަކަށް ޝާސްތުރީ ދެއްވި ރައްދުތަކާއި، ދެ ގައުމުގެ ހަތުރުވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވުނު ތަކްޝަންދު މުއާހަދާގެ ތަފްސީލު ހިމަނާފައި ވެއެވެ.

  1. އިންދިރާ ގާންދީގެ ވެރިކަމާއި ބަންގްލަދޭޝް ހަނގުރާމަ

މި ބާބުގައި ބަންގްލަދޭޝް ވަކި ޤައުމެއްގެ ގޮތުގައި އުފެދުމަށް މެދުވެރިވި 1971 ވަނަ އަހަރު ހިނގި ބަންގްލަދޭޝް ހަނގުރާމައިގެ ވާހަކަ ތަފްސީލުކޮށްފައި ވެއެވެ. އެގޮތުން އިންޑިއާގެ ފުރަތަމަ އަންހެން ބޮޑުވަޒީރު އިންދިރާ ގާންދީ ބަންގާޅު މިނިވަން ކުރެއްވުމަށް އަދާ ކުރެއްވި ދައުރާއި  އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުމަށް އެ ހަނގުރާމައިން ކުރި އަސަރުތަކާ ބެހޭ ގޮތުން ބަލާފައި ވެއެވެ.

  1. ރާޖީވް ގާންދީގެ ވެރިކަމާއި ކަޝްމީރުގެ ހަމަނުޖެހުންތައް

މި ބާބުގައި ބަލާލާފައިވަނީ 1980 ގެ އަހަރުތަކުގެ ފަހުކޮޅު ކަޝްމީރުގައި އުފެދުނު ފހަމަނުޖެހުންތަކާއި އެ މައްސަލައަށް ރާޖީވް ގާނދީ ސަރުކާރުން ދީފައިވާ ރައްދުތަކުގެ މައްޗަށެވެ. އެގޮތުން ބޯޑަރު ހުރަސްކޮށް ޕާކިސްތާނާ ވީފަޅިން އަންނަ ޓެރަރިސްޓް ހަމަލާތަކާ ކުރިމަތިލުމުގައި އިންޑިއާއަށް ދިމާވި ގޮންޖެހުންތަކާއި އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުމަށް އެކަމުން ވެރިވެގެން ދިޔަ ހަތުރުވެރިކަމާއި އެކަމުގެ އަސަރާ ބެހޭ ގޮތުން ބަލާފައި ވެއެވެ.

  1. ވަޖްޕޭއީ އާއި ލާހޯރު ސުލްހައިގެ މަސައްކަތް

މި ބާބުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ބޮޑުވަޒީރުކަމުގެ މަގާމުގައި އަޓަލް ބިހާރީ ވަޖްޕާއީ ހުންނެވި ދުވަސްވަރު ޕާކިސްތާނާއެކު ސުލްހައިގެ މަސައްކަތްތަކެއް ފެށްޓެވުމަށް އޭނާ ކުރެއްވި މަސައްކަތްތަކުގެ މައްޗަށެވެ. ކުރީގެ ޚާރިޖީ ވަޒީރެއްގެ ހައިސިއްޔަތުން، ވަޖުޕާއީ ވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުނިމި ހުރި މައްސަލަތައް ހައްލުކުރެއްވުމަށް އަމާޒުހިތްޕަވާފައެވެ. 1999 ވަނަ އަހަރު އޭނާ ލާހޯރަށް ވަޑައިގެން ކުރެއްވި ލާހޯރު ޑިކްލެރޭޝަންއާއި، އޭގެ ފަހުން ޖެނެރަލް މުޝައްރަފް ހިންގި ކަރްގިލް ހަނގުރާމައިގެ އަސަރުތަކާ ބެހޭ ގޮތުން މި ބާބުގައި ތަފްސީލުކޮށް ބަލާފައި ވެއެވެ. އަދި މި ބާބުގައި، 2001 ވަނަ އަހަރުގެ އަގްރާ ސަމިޓާއި މުޖޝައްރަފްގެ އިންޑިއާ ދަތުރުފުޅާއި، އާގަރާ ސަމިޓް ނާކާމިޔާބުވި ސަބަބުތަކާއި އަދި 9/11 ގެ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުމަށް ކުރި އަސަރުތަކާ ބެހޭ ގޮތުން ވެސް ބަލާފައި ވެއެވެ.

  1. މަންމޯހަން ސިންގްގެ ސަރުކާރާއި ވަށާ ޖެހޭ މަޝްވަރާތައް

މި ބާބުގައި ބަލާފައި ވަނީ ބޮޑުވަޒީރުކަމުގެ މަގާމުގައި މަންމޯހަން ސިންގް ހުންނެވި ދުވަސްވަރު، ޕާކިސްތާނާއެކު ސުލްހައިގެ މަރުހަލާ އަލުން ފެށްޓެވުމަށް އޭނާ ކުރެއްވި މަސައްކަތްތަކުގެ މައްޗަށެވެ. އެއީ 2004 ވަނަ އަހަރު ފެށި ވަށާ ޖެހޭ ސުލްހައިގެ މަޝްވަރާއާއި، އެކަމަށް އެއްބަސްވި އޮނިގަނޑުގެ ދަށުން މަޝްވަރާކުރެވުނު އެކިއެކި މައްސަލަތަކާ ބެހޭގޮތުން ތަފްސީލީ ގޮތަކަށް ބަލާފައި ވެއެވެ.

  1. މުމްބާއީ ހަމަލާތަކާއި އޭގެ ފަހުން ދިމާވި މުސީބާތްތައް

މި ބާބުގައި ބަލާލާފައިވަނީ 2008 ވަނަ އަހަރު މުމްބާއީގައި ޕާކިސްތާނު ޓެރަރިސްޓުން އަޑީގައި ތިބެގެން ހިންގި ޓެރަރިސްޓް ހަމަލާތަކާއި، އިންޑިއާއާއި ޕާކިސްތާނުގެ ގުޅުމަށް އެ ހަމަލާތަކުން ކުރި ފޫނުބެއްދޭ ވަރުގެ ގެއްލުމާ ބެހޭ ގޮތުންނެވެ. އަދި އެ ހަމަލާތަކަށް މަންމޯހަން ސިންގް ސަރުކާރުން ދިން ރައްދުތަކާއި، އެ ހާދިސާގެ ސަބަބުން ސުލްހައިގެ މަސައްކަތަށް ކުރި އަސަރުތަކާ ބެހޭ ގޮތުން ބަލާފައި ވެއެވެ.

  1. މޯދީ އާއި ބާލަކޮޓް ހަމަލައާ ރައްދު

މި ބާބުގައި ނަރެންދުރަ މޯދީގެ ބޮޑުވަޒީރުކަމުގެ ދައުރާއި 2019 ވަނަ އަހަރުގެ ބާލަކޮޓް ހަމަލައިގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ. އެ ހަމަލާގެ  ރައްދު ސަބަބުތަކާއި ނަތީޖާތަކާއި، ޕާކިސްތާނާ މުއާމަލާތްކުރުމުގައި މޯދީ ގެންގުޅުއްވި ސިޔާސަތާއި، މިއަދުގެ މިހާރުގެ ހާލަތުގައި އިންޑިއާއާއި ޕާކިސްތާނުގެ ގުޅުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް މި ބާބުގައި ތަފްސީލު ކޮށްފައި ވެއެވެ.

މި ފޮތަކީ އިންޑިއާއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާގެ ކުރީގެ ހައިކޮމިޝަނަރު އެސް ކޭ ލަމްބާ ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތް ޝާއިއުކޮށްފައި ވަނީ 2021 ވަނަ އަހަރު އެވެ.

މިއީ ޕާކިސްތާނާއެކު މުއާމަލާތް ކުރުމުގެ ތަނަވަސް ތަޖުރިބާގެ މައްޗަށް ބިނާކޮށް އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ބައްޓަން ވެގެން ގޮސްފައިވާ އުނދަގޫ މައްސަލަތަކާއި ގޮންޖެހުންތަކުގެ ހިމުން ތަފްސީލުތަކާއި ދުރު ވިސްނުމުގެ ނަޒަރަކުން ހނުށަހަޅާފައިވާ ސަރަހައްދީ ޖިއޮޕޮލިޓިކްސްގެ ދިރާސީ ތަހުލީލެކެވެ.

ދެކުނު އޭޝިއާއާއި އިންޑިއާ ޕާކިސްތާން ގުޅުން ދިރާސާ ކުރާ ފަރާތްތަކުން މި ފޮތަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މިއީ ދެކުނު އޭޝިއާގެ ދިރާސާތަކުގެ ދާއިރާއަށް ލިބުނު އަގުހުރި ޙިއްޞާއެއްގެ ގޮތުގައި ބެލެވިފައިވާ ފޮތެކެވެ.

ހިއްސާ ކުރައްވާ!