ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު

ޚަލީފާގެ މަގާމަށް އިސްވެވަޑައިގެން ސިޔާސީ މައިދާނަށް ނުކުންނެވުމުން އެކަލޭގެފާނުގެ ޢިލްމީ ޚިދުމަތްތައް ފަނޑުވެގެން ދިޔައީއެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒަކީ އިސްލާމީ ތާރީޚުގައި ޢަދުލުވެރިކަމުގައި މިސާލު ޖެއްސެވޭ ބޭކަލެކެވެ.

ޚަލީފާ ޢުމަރުގެފާނުގެ ދަރިކަލުން އާސިމްގެ ދަރިފުޅު ލައިލާއަށް މަންމަ ވިދާޅުވާ ބޭފުޅެއްގެ ތަރުބިއްޔަތުން ޚާންދާނީ އުސޫލުތައް ހިފަހައްޓާނެ ކަމާމެދަކު ޝައްކެއް ނެތެވެ. ބައްޕަ އަބްދުލް ޢަޒީޒު ބިން މަރްވާނަކީ، އުމަވީ ދައުލަތުގެ އަމީރެކެވެ. އަދި 20 އަހަރު ވަންދެން މިސްރުގެ ގަވަރުނަރެވެ.

އުމަވީ ޝާހީ ޚާންދާނުގެ ތެރޭގައި ދައުލަތުގެ ބައިތުލްމާލުގެ ނާޖާއިޒު ފައިދާ ނެގުމާއި އިސްރާފް ބޮޑު ދިރިއުޅުމަކީ، އެކަލޭގެފާނު ކުރިފުޅުމަތިން ފެނިގެން ދިޔަކަންކަމެވެ. ކާފާފުޅު މަރުވާން ބިން އަލްޙަކަމް އަކީވެސް އުމަވީ ޚަލީފާއެކެވެ. އާންމުންގެ ފަރާތުން އިވެމުން ދިޔައީ، ރައްޔިތުންނަށް ވެރިން ކުރިމަތި ކުރަމުން ދިޔަ އަނިޔާވެރިކަމުގެ ވާހަކަތަކެވެ.

ފަސްޖެހުމެއް ނެތި ލޭ އޮހޮރުވާލުމަށް ތައްޔާރަށް ހުންނަވާ އިރާގްގެ ގަވަރުނަރު ހައްޖާޖު ބިން ޔޫސް އައްސަގަފީގެ އަނިޔާގެ ވާހަކަތަކަކީ ޚަލީފާގެ ދަރުބާރާ ހަމައަށް އައިސްފައިވާ އެކަމަކު އެނާގެ ނުފޫޒާހެދި، ޚަލީފާވެސް ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިގަންނަވާ ޝަކުވާ ތަކެކެވެ.

ޢުމަރު ބިން ޢަބްދުލްޢަޒީޒު ސިޔާސީ މައިދާނަށް މިސްރާބު ޖެއްސެވީ އެކަލޭގެފާނުގެ ބައްޕަ ނިޔައުވުމަށް ފަހުއެވެ. އެއަށްފަހު ކަންކަން ބެލެހެއްޓެވީ، ބޮޑު ބޭބެ ޢަބްދުލް މަލިކު ބިން މަރުވާންއެވެ. ބައްޕަ ޢަބްދުލްޢަޒީޒަކީ ބަހަވީ އިލްމުވެރިއެކެވެ. އަދި ބޮޑު ބޭބެ ޢަބްދުލްމަލިކަކީ ފިޤުހު ޢިލްމުގައި އަރާ ހުންނެވި ޝަޚުސިއްޔަތެކެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ޢިލްމަށް ލޯބިކުރެއްވުމަކީ، ޚަލީފާ ޢަބްދުލް މަލިކު ނިކަން ލޯބި ކުރެއްވި ސިފައެވެ.

ސަލާމާއި ސަލަވާތް ލެއްވި ރަސޫލާގެ ސިޓީ، މަދީނާއަކީ ޖުމުލަ ކޮށް ދިމިޝްގްގައި ހިނގަމުން ދިޔާ ސިޔާސީ ކަންކަމާއި ނުބެހި އޮތް ސިޓީއެކެވެ.

ޢިލްމީ މަރުކަޒެއްގެ ގޮތުގައި ސަހާބީ ބޭކަލުންނާއި ތާބިއީ ބޭކަލުންގެ ދަރުސްތައް ދެއްވައި މަދީނާގައި ދީނީ ޢިލްމީ މާހައުލެއް ގާއިމް ކުރެއްވިއެވެ. ޚަލީފާއާއި ސިޔާސީ މައްސަލަތަކުގައި ޚިޔާލު ތަފާތުވާ މީހުންނަށްވެސް މަރުޙަބާ ކިޔާ ސިޓީއަކީ މަދީނާ އެވެ.

ދައުލަތުގެ ކޮރަޕްޝަނާއި އަނިޔާވެރިކަމާ ހެދި ގިނަ ބަޔަކު ނުރުހިގެން މަދީނާގައި ހިމާޔަތުގައި ތިބެ، އެވާހަކަ ދައްކައެވެ. ޚަލީފާގެ ވެރިކަމަށް މަދީނާގެ ރައްޔިތުންގެ ރުހުން ހޯދުމަށް އެކަށީގެންވާ މާހައުލެއް ގާއިމް އެސިޓީއަށް އެކަށީގެންވާ ފެންވަރުގެ ވެރިއެއްގެ ބޭނުން އޮތީ ވަރަށް ބޮޑުވެފައެވެ.

މަދީނާއަކީ ޙިޖާޒު ކަރައިގެ ބައެކެވެ. ޙިޖާޒު ކަރައަށް އައްޔަން ކުރައްވާ ގަވަރުނަރު ހުންނަވަނީ މަދީނާގައެވެ. މަދީނާގެ ސިޔާސީ ޢިލްމީ އިޖުތިމާއީ މައިދާނަށް އެކަށީގެންވާ ވެރިއަކީ ޢުމަރު ބިން ޢަބްދުލްޢަޒީޒު ކަމަށް ޚަލީފާ ވަލީދު ބިން ޢަބްދުލްމަލިކަށް ފެނިވަޑައިގަތެވެ. އޭނާގެ ދެބޭންގެ ދެދަރި އެ ޝަޚިސިއްޔަތަކީ، ޙަދީސް ޢިލްމާއި ތަފްސީރާއި ފިގުހު އިލްމުގެ ފުންނާބު އުސް ބޭކަލެކެވެ.

ހިޖުރީ ސަނަތުން 87 ގައި މަދީނާގެ ގަވަރުނަރުގެ މަގާމަށް ޢުމަރު ބިން ޢަބްދުލްޢަޒީޒު އައްޔަން ކުރެއްވުމުން އާންމުންނާއި ކަމުވޮށިގެންވާ މީހުންނާއި މަދީނާގެ ޢިލްމީ މާހައުލުގެ ބޭފުޅުން އެކަމަށް މަރުޙަބާ ކިޔެވެ. މަދީނާގެ ސިޔާސީ އިޖުތިމާއީ މާހައުލުގައި އިދާރީ މަސައްކަތް ތަރުތީބު ކޮށްލެއްވި ގޮތުން ވެރިންނާއި އާންމުންގެ މެދުގައި އެކަލޭގެފާނުގެ ނަންފުޅު އިތުރަށް ވިދައިގެން ދިޔައެވެ.

ޢުމަރު އެޅުއްވި އެންމެ ފުރަތަމަ ފިޔަވަޅަކަށްވީ މަދީނާގައި ކަންކަން ނިންމެވުމަށް މަޝްވަރާ މަޖިލީހެއް އުފެއްދެވުމެވެ. އެ މަޖިލީހުގައި މަދީނާގެ އެންމެ އިސް ފިޤުހު އިލްމުގެ ހަތް ބޭކަލުންނާއި ކަމުވޮށިގެންވާ ބޭލަކުން ބައިވެރި ކުރެއްވިއެވެ.

“އަޅުގަނޑު ތިޔަ ބޭފުޅުންނަށް މި ދައުވަތު އަރުވަނީ، ތިޔަބޭފުޅުންނަށް އެކަމުގައި ހެޔޮ ދަރުމައެއް ލިބިވަޑައިގަންނަވާނެ ކަމަކަށެވެ. އަދި ހައްގު ގޮތުގައި ކަންކަން ނިންމުމަށް އަޅުގަނޑަށް އެހީތެރިވާ ބޭފުޅުންގެ ގޮތުގައެވެ. ތިޔަ ބޭފުޅުންގެ މަޝްވަރާއާ ނުލައި ނުވަތަ ތިޔަބޭފުޅުންގެ ތެރޭން ހާޒިރުވެ ވަޑައިގެން ތިއްބެވި ބޭފުޅުންގެ މަޝްވަރާއާ ނުލައި ނޫނީ ކަމެއް ނިންމާކަށް އަޅުގަނޑު ނެތީމެވެ. އަދި އެއްވެސް ފަރާތަކުން މީހަކަށް އަނިޔާވެރި ވަނީނަމަ، ނުވަތަ އަޅުގަނޑުގެ ފަރާތުން މީހަކަށް އަނިޔާއެއް ލިބިގެން އެކަން ތިޔައިން ބޭފުޅަކާ ހަމައަށް ގޮސްފިނަމަ އެކަން އަޅުގަނޑުގެ ސަމާލުކަމަށް ގެންނަވާށެވެ.”

މިއީ ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ މަޝްވަރާ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި ހާޒިރީންނާ މުޚާތަބުކޮށް ވިދާޅުވި ބަސްފުޅެވެ. އެ މަޝްވަރާ މަޖިލީހުގެ ރައީސަކު ހޮވާފައެއް ނުވެއެވެ. އެހެންނަމަވެސް އެބޭފުޅުންގެ ތެރޭން އެންމެ ދޮށީ، އަދި ޢިލްމީ ގޮތުން އެންމެ ފުންނާބު އުސް ބޭފުޅެއްކަމަށްވާ ސަޙާބީ ސަޢީދު ބިން އަލްމުސައްޔިބު ކަމަކަށް ބާރުއަޅުއްވައިފިނަމަ އެގޮތަކަށް އެކަމެއް ޢުމަރު ބިން ޢަބްދުލްޢަޒީޒު ނިންމަވައެވެ. ސަޢީދު ބިން އަލްމުސައްޔިބުއަކީ ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ކުރިން ވެރިންނާ ދުރުން އުޅުއްވި ބޭކަލެކެވެ. ނަމަވެސް ފަހުން ޢުމަރު ބިން ޢަބްދުލްޢަޒީޒާ ގާތްގުޅުމެއް ބޭއްވެވިއެވެ.

އެހެން ބޮޑު މެޓްރޯޕޮލިޓަން ސިޓީއެކޭ އެއްފަދައިން މަދީނާގައިވެސް އައު ސަރުކާރަކުން ހައްލު ކުރަން ޖެހުނު އިޖުތިމާއީ މައްސަލަތަކެއް ހުއްޓެވެ. ކުރިން ވިޔަފާރި ސިޓީއެއްގެ ގޮތުގައި އޮތް މަދީނާ ބަދަލުވެފައި އޮތީ ޢިލްމު ހާސިލުކުރުމަށް ދުރުހިސާބުން އައިސް މީހުން އާބާދުވެފައިވާ ސިޓީއަކަށެވެ.

ވެރިކަމުގައި ދެވަނަ ފިޔަވަޅެއްގެ ގޮތުން ޢުމަރު ބިން ޢަބްދުލްއަޒީޒު މަސައްކަތް ކުރެއްވީ މަދީނާގައި އަމަން އަމާންކަން ގާއިމް ކުރައްވާށެވެ. ރާވިއްކާ ތަންތަނާއި މުނުފޫހި ފިލުވުމުގެ ކްލަބުތައް ވަގުތުން ބަންދު ކުރުމަށް އެންގެވިއެވެ. އަދި އަމިއްލަފުޅަށް ރޭނަގޑު ހިންގަވައި އަމާންކަން ގާއިމް ކުރެވިފައިވާ މިންވަރު ކަށަވަރު ކުރައްވައި ހެއްދެވިއެވެ.

ތިންވަނަ ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެއްވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވިއެވެ. ފަގީރުން ހޯއްދަވައި އެމީހުންނަށް އެހީ ބައްސަވައި ހެއްދެވިއެވެ. އަދި އެކަލޭފާނަށް މުސާރަ ދެއްވުމުގެ ކުރިން ސިޓީގެ އާންމު ރައްޔިތުންނަށް އެހީ ދިނުން އިސްކުރެއްވުމަށް ޚަލީފާއަށް ޢުމަރު ބިން ޢަބްދުލްޢަޒީޒު ސިޓީއަކުން ދެންނެވިއެވެ.

މަދީނާގައި ޢުމުރާނީ ތަރައްގީއަށް މަސައްކަތް ކުރެއްވުމަކީވެސް އައު ގަވަރުނަރު ކުރައްވަން ޖެހިވަޑައިގަތް މަސައްކަތެކެވެ. މަސްޖިދުއްނަބަވީއަށް ޖާގަ ތަނަވަސް ކުރައްވަން ޖެހިފައި އޮތުމުން، ޚަލީފާ ވަލީދު، ޢުމަރު ބިން ޢަބްދުލްޢަޒީޒަށް އިރުޝާދު ދެއްވީ، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ އަނބިއަނބި ކަނބަލުންގެ ކޮޓަރިކޮޅުތައް މަސްޖިދުއްނަބަވީގެ އިމާރާތުގެ ތެރެއަށް ވައްދަވައި މިސްކިތް ބޮޑު ކުރެއްވުމަށެވެ. އަދި އެމަސައްކަތުގައި ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅު ނުހިމެނުއްވުމަށާއި މިހުރާބުގެ ފުން ކުރެއްވުމަށްވެސް އިރުޝާދު ދެއްވިއެވެ. އޭގެ އިތުރުން ފުރަތަމަ ފަހަރަށް މަސްޖިދުއްނަބަވީގެ އިމާރާތަށް މުންނާރުތައް އިތުރު ކުރުމަށްވެސް އެންގެވިއެވެ.

ޙިޖާޒު ކަރައިގެ ގަވަރު ނަރުގެ ހައިސިއްޔަތުން އަމީރުލްޙައްޖުގެ ގޮތުގައި އުޅުއްވައި ހައްޖު މޫސުމުގައި ޚުތުބާ ވިދާޅުވެ ދެއްވައި ހެއްދެވިއެވެ. މީހުންނަށް ދީނުގެ ޙުކުމްތައް ބަޔާންކޮށްދެއްވައި ހެއްދެވިއެވެ.

ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ވެރިކަމުގައި ފާހަގަ ކުރެވުނު އަނެއް ކަމަކީ، ޢަލީގެފާނާއި މުއާވިޔާގެ ސިޔާސީ ދެބަސްވުމުގެ ތެރޭން ސިޔާސީގޮތުން ބައިބައިވެފައި ތިބި ބަނީ ހާޝިމްގެ ދަރިކޮޅުގެ ގަބީލާތަކުގެ މެދުގެ ސިޔާސީ ދެބަސްވުންތައް ހައްލުކޮށްދެއްވައި ވެރިކަމުގެ ފަރާތުން އެމީހުންނަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތައް ބައްލަވައި ދެއްވިކަމެވެ. އަދި އުމަވީ ވެރިންނާއި ކީރިތި ރަސޫލާގެ އަހުލު ބައިތުންނާ ދެމެދު ހުރަހެއް އޮތުމަށް އެދިވަޑައި ނުގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.

“ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ އަހުލު ބައިތުގެ ތެރޭން އެއްވެސް ބޭފުޅަކު (ތިމަން މަނިކުފާނަށް) ޒިޔާރަތް ކުރައްވާ ހިނދު ވަގުތުން އެބޭފުޅަކަށް (ތިމަން މަނިކުފާނާ) ބައްދަލު ނުކުރެއްވޭނަމަ، (ތިމަން މަނިކުފާނު) ﷲއަށް އެކަމުގައި ލަދުވެވަޑައިގަންނަވަމުއެވެ.” އަދިވެސް ޢުމަރު ވިދާޅުވެއެވެ. “މި ބިންމަތީގައި ތިޔަ ބޭފުޅުންނަށް ވުރެން (ތިމަން މަނިކުފާނު) އިތުރަށް ލޯބިވާ ބަޔަކު ނުތިބޭނެއެވެ. އަދި ތިޔަ ބޭފުޅުންނީ ތިމަން މަނިކުފާނުގެ އާއިލާއަށް ވުރެން ބޮޑަށް ލޯބިވާ ބަޔެއްކަން ކަށަވަރެވެ.”

ޢަލީގެފާނާއި މުޢާވިޔާއާ ދެމެދު ސިޔާސީ ދެބަސްވުމުން ފައިދާ ނަގައިގެން މަގާމުގެ ދަހިވެތިކަމުގައި އުޅުނު މީހުންވެސް މަދެއް ނޫނެވެ. އެއިން އެކަކީ އިރާގުގެ ގަވަރުނަރު ހައްޖާޖް ބިން ޔޫސުފް އައްސަގަފީއެވެ.

ޢަދުލުވެރިކަމާއި އޯގާތެރިކަމާއި ކުލުނާއެކު ޢުމަރު ބިން ޢަބްދުލްޢަޒީޒު މަދީނާގައި ވެރިކަން ކުރައްވަމުން ގެންދެވިއިރު، އިރާގްގައި ހައްޖާޖު ވެރިކަން ކުރެއްވީ ގޮށްމުށުގެ ބާރުންނެވެ. އަނިޔާވެރިކަން އިންތިހާއަށް އިތުރުވެ، ސިޔާސީ ހިމާޔަތަށް އަރުވާލެވެން ބޭނުންވި ކޮންމެ މީހަކު މިސްރާބު ޖެހީ، ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ވެރިކަމުގެ ހިޔާވަހިކަމުގެ ދަށަށް، މަދީނާ ސިޓީއަށެވެ.

ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ވެރިކަމުގެ ވައްޓަފާޅިން ޚަލީފާ ވަލީދުގެ ވެރިކަން ހީނަރުވާކަމަށް ޙައްޖާޖުގެ ކުޓުވަމުން ގެންދެވިއެވެ. އެ ސިޓީބިޓީ އެޅުމުގެ ނަތީޖާއަކީ، ގަވަރުނަރުކަމުން ޢުމަރު ބިން ޢަބްދުލްޢަޒީޒު ވަކި ކުރެއްވިކަން ޚަލީފާ ވަލީދު އެންގެވުމެވެ.

އެކަލޭގެފާނުގެ އުފަން ސިޓީ މަދީނާއިން ނިކުންނެވީ ކީރިތި ކުރައްވަމުންނެވެ.

“އަހަރަމެންނަކީ މަދީނާ ސިޓީން ބަލައި ނުގަނެ ބޭރުކޮށްލި ބައެއްކަމުގައި ވެދާނެތީ އަހަރެން ބިރު ގަންނަމެވެ.” ޝާމުކަރައަށް ވަޑައިގަތް މަގުމަތީގައި އެކަލޭގެފާނުގެ ޚާދިމު މަޒާހިމްއަށް ވިދާޅުވިއެވެ. އެކަލޭގެފާނު އިޝާރާތް ކުރެއްވި ޙަދީސްފުޅަކީ، “ޖިރުބާއިން ދަނގަނޑުގެ ދަގުއި ބޭރުކޮށްލާ ފަދައިން މަދީނާއިން އެސިޓީގެ ނުލަފާ މީހުން ބޭރު ނުކުރާހައި ހިނދަކު ގިޔާމަތެއް ނުވާނެ” ކަމަށް އައިސްފައިވާ ހަދީސެވެ.

ބަރު ހިތަކާއެކު، ޢުމަރު ބިން ޢަބްދުލްޢަޒީޒު ދިމިޝްޤަށް ވަޑައިގަތީ އާންމުންނަށް ކުރިމަތިވަމުން ދިޔަ އަނިޔާގެ ވާހަކަތައް ޚަލީފާއަށް ދަންނަވައި، އެކަލޭގެފާނުގެ އަމިއްލަފުޅު ދިފާއުގައި ވަކާލާތު ކުރައްވާށެވެ. އެކަމަކު ހައްޖާޖުގެ ނުފޫޒުގެ ދަގަކަމުން ޚަލީފާ ވަލީދު އަވަހާރަވުމާ ހަމައަށްވެސް ޢުމަރު ބިން ޢަބްދުލްޢަޒީޒަށް ޚަލީފާގެ ފައިންޕުޅެއް ފެނިވަޑައެއް ނުގަތެވެ. ދެބެއިންގެ ދެދަރި ބޭފުޅެއް ކަމުގައިވިއަސް ސިޔާސީ ކަންކަން އަޚުވަންތަކަމެއް ނުދަންނާނެއެވެ. ޚަލީފާ ވަލީދު އަވަހާރަވެ، ސުލައިމާން ބިން ޢަބްދުލްމަލިކު ޚަލީފާކަމަށް އިސްވެވަޑައިގަތުމާ ހަމައަށް ޢުމަރު ބިން ޢަބްދުލްޢަޒީޒު ހުންނެވީ އެކަހެރި ކުރެވިފައެވެ.

ޚަލީފާ ސުލައިމާނަކީ ހެޔޮ ތަމްރީން ލިބިވަޑައިގެން ހުންނެވި، މަޝްވަރާއަށް ލޯބި ކުރެއްވި ވެރިއެކެވެ. ސުލައިމާނުގެ ވެރިކަމުގައި ޢުމަރު ބިން ޢަބްދުލްޢަޒީޒު އެޑްވައިޒަރެއްގެ މަގާމަށް އައްޔަން ކުރެވުނެވެ.

ޢުމަރާއެކު، ޚަލީފާ ސުލައިމާނުގެ މުޝީރަކަށް އަދި ޚާރިޖީ ވަޒީރަކަށް ހުންނެވީ، ޢިމްލާއި ދީންވެރިކަމުގައި ޢުމަރު ބިން ޢަބްދުލްޢަޒީޒާ ބަދަހި ގުޅުމެއް ބެހެއްޓެވި ސުލައިމާނުގެ އިސް އެދުރު ކަމަށްވާ ފަލަސްތީނުގެ “ރަޖާ ބިން ޙައިވާ އަލްކިންދީ” އެވެ. ރަޖާއަކީ، ޢުމަރު ބިން ޢަބްދުލްޢަޒީޒު ޚަލީފަކަމަށް އައްޔަން ކުރެއްވުމަށް ސުލައިމާނުގެ މަރުމަތީގައި މަޝްވަރާ ދެއްވި ވަޒީރެވެ. އެމަޝްވަރާއަކީ، ސުލައިމާނުގެ އެއްބަނޑު އެއްބަފާ ބޭފުޅުން ކަމަށްވާ ޔަޒީދުއާއި ހުޝާމުއާއި ސައީދުއާއި މުސްލިމާ އަށް ވުރެން ވެރިކަމަށް ޢުމަރު އިސް ކުރެއްވުމަށް ދެވުނު މަޝްވަރާއެކެވެ.

“ﷲ ގަންދީ ހުވައިކޮށް ބުނަމެވެ. އަހުރެން، ޝައިނާޠާނާއަށް ބައިވެރި ނުވެވޭ ވަރުގެ އެއްބަސްވުމެއް އެއުރެންނަށް ހަދައި ދޭނަމެވެ.” އެހެންވެ ވިދާޅުވަމުން، ޢުމަރު ބިން ޢަބްދުލްޢަޒީޒު މުސްލިމުންގެ ޚަލީފާގެ މަގާމަށް އިސްކުރެއްވުމަށް ލިޔުއްވައި ޚަލީފާ ސުލައިމާނު ސިއްކަގައްސަވައި ދެއްވިއެވެ.

ހިޖުރީ ސަނަތުން 99 ވަނަ އަހަރުގެ ސަފަރު މަހު ޢުމަރު ބިން ޢަބްދުލްޢަޒީޒު މުސްލިމުންގެ ޚަލީފާގެ މަގާމަށް ދިމިޝްގްގައި ބައިއަތު ހިފުމާއެކު މީހުން އުފާފާޅު ކުރަން ފެށިއެވެ. ނަމަވެސް ޚުޝާމަދު ކުރުމަކީ ޢުމަރު ދުވަހަކުވެސް ގަޔާވެ ވަޑައިގަތް ކަމެއް ނޫނެވެ. އެކަލޭގެފާނު މީސްތަކުންނާ އެދުވަހު މުޚާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަގްރީރުގެ އަޑު މީހުން ފަނޑުކޮށްލީ “އެކަމަކު އަހަރަމެން މަނިކުފާނު އިޚުތިޔާރު ކޮށްފިން” އެފަދައިން ގޮވަމުންނެވެ.

ޚަލީފާގެ މަގާމާއި ހަވާލުވެ ވަޑައިގެން ޢުމަރު ބިން ޢަބްދުލްޢަޒީޒަށް އުދަނގޫ ނިންމުންތަކެއް ނިންމަވަން މަޖުބުރުވެ ވަޑައިގަތެވެ.

ވެރިކަމުގައި ހަރުލާފައިވާ ނެޕޮޓިޒަމާއި ކޮރަޕްޝަނާއި އަދުލު އިންސާފު ނެތުމުގެ މައްސަލައަށް ޙައްލު ހޯއްދަވައި ދެއްވުމަށް އައވަސް ފިޔަވަޅުތައް އެޅުއްވިއެވެ. ނެޕޮޓިޒަމާ ދެކޮޅަށް އެޅުއްވި ފިޔަވަޅުގައި މުސްލިމުންގެ ބައިތުލްމާލުން ބަނީ އުމައްޔާ ޚާންދާންގެ ބޭބޭފުޅުންނަށް ލިބިވަޑައިގަތް އިނާޔަތްތައް ކަނޑުއްވައި ލެއްވިއެވެ. ބަނީ އުމައްޔާގެ ބޭފުޅުން އެހެން ރައްޔިތުންނާ އެއްވަރުކޮށް ލެއްވިއެވެ. އަދި އާއިލާއަށް އިނާޔަތްތަކަށް އެދިވަޑައިގެން ފަރިޔާދު ދެންނެވި ބޮޑު ދައިތާފުޅަށް ވިދާޅުވިއެވެ. “ﷲގަންދީ ބުނަމެވެ. މުސްލިމުންގެ ދުރު މީހަކާއި ތިބާމެންނާ އަހަރެން ކައިރީގައި އިނާޔަތްތަކުގައި ހަމަހަމަ ވާނެއެވެ.”

ޢުމަރަށް ބައްޕަގެ ފަރާތުން ވާރުތަވި މުއްސަނދިކަންވެސް ޚަޒާނާއާ ހަވާލު ކުރެއްވިއެވެ.

ކޮރަޕްޝަނާއި އަދުލުއިންސާފު ގާއިމް ކުރެއްވުމަށް އެޅުއްވި ފިޔަވަޅުތަކުގައި ރައްޔިތުން ހަނާކުރަމުން ދިޔަ ގަވަރުނަރުން މަގާމުން ވަކި ކުރައްވައި އައު ބޭފުޅުން އައްޔަން ކުރެއްވިއެވެ.

މިކަންކަމުގެ އިތުރުން ގާނޫނީ ޙުކޫމަތެއް ހިންގެވުމަށް ތިން އަސާސެއްގެ މައްޗަށް ކަންކަން ނިންމެވުމަށް ވެރިންނަށް ތަކުރާރުކޮށް ބާރު އެޅުއްވިއެވެ. އެއީ ﷲގެ ކަލާމްފުޅާއި ކީރިތި ރަސޫލާގެ ސުންނަތަށް އަމަލު ކުރުމަށާއި މަޝްވަރާގެ މަތިން ކަންކަން ނިންމުމަށާއި އަދުލު އިންސާފަށް ނިޔާ ކަނޑައެޅުމަށެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ޚުތުބާތަކުގައި އަބަދުވެސް މިކަންކަމަށް ބާރުއެޅުއްވިއެވެ.

ތާބިޢީ ބޭކަލެއް ކަމަށްވާ ޙަސަނުލް ބަޞަރީ ވިދާޅުވެއެވެ. “ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ފަރާތްޕުޅުން އަހުރަމެންނަށް ފަތްތޫރައެއް އައިސްފިނަމަ އަބަދުވެސް އޭގައި ލިޔުއްވާފައި ވަނީ، ކީރިތި ރަސޫލާގެ ސުންނަތެއް ދެމެހެއްޓުމަށް، ނޫނީ ކޮންމެވެސް ބިދުޢައެއް ނެތިކުރުމަށް ނޫނީ ކޮންމެވެސް މައްސަލައެއްގައި އިންސާފު ދިނުމަށެވެ.”

ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ މަޝްވަރާ މަޖިލީހުގައި ތިއްބެވީ ދަންނަބޭކަލުންނާއި ސޯލިހު ކަމުވޮށިގެންވާ ބޭކަލުންނެވެ. ޅެންވެރިންނާއި ޚުޝާމަދު ކުރާ މީހުން ދުރަށް ޖެއްސެވިއެވެ. ޚަލީފާ މުޢާވިޔާގެ ޒަމާނުން ފެށިގެން އާއިލާތަކަށް ލިބިފައިވާ އަނިޔާތައް އެމީހުން ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒާ ހަމައަށް ގެންނަވައެވެ. އަދި އެކަންކަމަށް އެކަލޭގެފާނު އިންސާފު ދެއްވިއެވެ.

އިމާމް އަޙުމަދު ހަންބަލްއަކީ، ފިޤުހުގައި ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ރައުޔަށް ބުރަވެވަޑައިގަތް ބޭކަލެކެވެ. އިމާމް އަޙުމަދު ވިދާޅުވަނީ އުމަވީ ދަރިކޮޅުގެ މީހުންގެ ކަންކަމުގައި ޢުމަރަކީ ވަރަށް ހަރުކަށި ބޭފުޅެއް ކަމަށެވެ.

ސިޔާސަތަކީ ކެހިވެރި އެއްޗެކެވެ. ދެ އަހަރާއި ފަސް މަހުގެ ވެރިކަމުގައި ގިނަ ކަންކަން އިސްލާޙު ކުރެވޭއިރު ބައެއް މީހުންނަށް އެއިން ނުބައި އަސަރުތަކެއްވެސް ކުރާނެއެވެ.

ޢުމަރުގެ އިސްލާޙީ ފިޔަވަޅުތަކުން އަސަރު ކުރި އުމަވީ އާއިލާ މީހުންނާއި ދައުލަތުން މަންފާ ނަގައިގެން ތިބި މީހުން މަދެއް ނޫނެވެ. އަދުލުވެރި ޚަލީފާއާ ދެކޮޅަށް ބަޣާވާތު ކުރުމަށް އާއިލާ ތެރޭން ވެސް ދިޔައީ ރާވަމުންނެވެ. ރައްޔިތުންގެ ލޯއްބާއެކު ޚަލީފާ އަމިއްލަ ސަލާމަތީ ކަންކަމުގައި ގެންގުޅުއްވީ ވަރަށްވެސް ދޯދިޔާ ވިސްނުންފުޅެކެވެ. އުމަވީ ދަރިކޮޅުން ބައެއްގެ ޣަދަރުވެރި ރޭވުމާއެކު އެކަލޭގެފާނުގެ ފަރިއްކޮޅަށް ޒަހަރު ލެވުނީ، ނޯކަރު އެއްހާސް ދީނާރުގެ ރިޝްވަތަކަށް ހެއްލިގެންނެވެ.

ވިހައިގެ އަސަރުން 20 ދުވަސްވަންދެން ޚަލީފާ އާލާސްކަންފުޅުގައި އޮންނެވިއެވެ. އުމުރުފުޅުން 40 އަހަރުވެސް ފުރިހަމަ ނުކުރައްވައި ރަޖަބު މަހުގައި ހިޖުރީ ސަނަތުން 101ވަނަ އަހަރު އެކަލޭގެފާނު އަވަހާރަވިއެވެ.

ސޫރިޔާގެ ޙަލަބާ 45 މޭލު ދުރުގައި އޮންނަ މަޢައްތަރުއް ނުޢުމާން އަވަށުގައި އެކަލޭގެފާނުގެ މަޤްބަރާ ހަނދާނާއި ތާރީޚަށް ރައްކާކުރެވިފައި ވެއެވެ. އިސްވެ ކަށުނަމާދު ކޮށްދެއްވީ މުސްލިމާ ބިން ޢަބްދުލްމަލިކެވެ.

“މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ ލަފާ މީހާ މިދުނިޔެ ދޫކޮށް ދިޔައީއެވެ.” ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު އަވަހާރަވިކަމުގެ ޚަބަރާއެކު ޙަސަނުލް ބަޞަރީ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!