ޤަތުލުޢާންމާ ހެދި ސްޓާބަކްސްގެ ވިޔަފާރި ދަށްވެފައި

ޔޫރަޕްގައި ސްޓާބަކްސްގެ ވިޔަފާރިތަކާ އާންމުން ދެކޮޅު ހެދުމުގެ ސަބަބުން، ސްޓާބަކްސްގެ ވިޔަފާރި ޖައްސަޖައްސައިގެން ދެ ކުއާޓާގައި ދަށްވެފައިވާ ކަމަށް ދައްކައިފިއެވެ. ނަމަވެސް ސްޓާބަކްސްގެ މައި ކުންފުނި އެލްސީން ބުނެފައި ވަނީ ދެކުނު އެމެރިކާގައި އެކުންފުނީގެ ވިޔަފާރި ކުރިއަރަމުންދާ މިންވަރު ރަނގަޅުކަމުން ޔޫރަޕުން ލިބުނު ގެއްލުން ފޫބެއްދޭ ކަމަށެވެ.

މެކްސިކޯގައި އޮފީސް ހުންނަ އެލްސީ ކުންފުނިން ބުނިގޮތުގައި ދެކުނު އެމެރިކާގައި 1825 ސްޓާބަކްސްގެ ފިހާރައެއް ހުޅުވާފައި ވެއެވެ. އަދި ޣައްޒާގެ ޤަތުލުޢާންމާ ގުޅިގެން އެމެރިކާއާއި ޒަޔަނިސްޓުންނާ ގުޅިފައިވާ ކުންފުނިތައް އާންމުން ބޮއިކޮޓް ކުރުމުގެ ސަބަބުން ސްޓާބަކްސްގެ ޔޫރަޕްގެ ވިޔަފާރި 10 ޕަސެންޓަށް ދަށްވެފައި ވެއެވެ.

މިކަމުން އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ ފަރަންސޭސިވިލާތާއި ނެދަރލެންޑްސްގެ ވިޔަފާރިތަކަށެވެ. ފްރާންސްގައި ސްޓާބަކްސްގެ 252 ފިހާރައެއް ހުޅުވާފައި ވެއެވެ. އަދި ނެދަރލެންޑްސްގައި 101 ފިހާރައެއް ހުޅުވާފައި ވެއެވެ.

ޔޫރަޕްގައި ސްޓާބަކްސްއަށް ގެއްލުނު ވިޔަފާރި ފޫބައްދައި ދީފައި ވަނީ މެކްސިކޯގައި އެކުންފުނީގެ ވިޔަފާރި ކުރިއަށް ވުރެން 7 ޕަސެންޓު އިތުރަށް ތަރައްގީވުމުންނެވެ.

ސްޓާބަކްސްގެ އެންމެ ގިނަ ފިހާރަތައް ހުންނަނީ މެކްސިކޯގައެވެ. މެކްސިކޯގައި ސްޓާބަކްސްގެ 844 ފިހާރަ ހުޅުވާފައި ވެއެވެ.

ޣައްޒާގެ ޤަތުލުޢާންމާ ގުޅިގެން މިހާތަނަށް ސްޓާބަކްސްއަށް ޖުމުލަކޮށް، 13 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައި ވެއެވެ. އޭގެތެރޭގައި އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ މެދުއިރުމަތީގެ ޤައުމުތަކުގައި ހިންގާ ފިހާރަތަކާއި މެލޭޝިއާގައި ހިންގާ ފިހާރަތަކުންނެވެ.

ހިއްސާ ކުރައްވާ!