މިނިވަން 59ގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގެ އުސްއަލިތައް

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 59 ވަނަ މިނިވަން ދުވަހުގެ ޙަފްލާގައި ވާހަކަ ދައްކަވަމުން، މުހިންމު ސިޔާސަތުތަކެއް ޤައުމަށް ހާމަކޮށްދެއްވިއެވެ. އެމަނިކުފާނު ހާމަކޮށްދެއްވި ސިޔާސަތުތަކަކީ، ސަރުކާރު ހިންގުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި އިޤްތިޞާދީ ތަރައްޤީއަށާއި، ދައުލަތަށް ޚިޔާނާތުން ގެއްލިފައިވާ މާލީ މަންފާތައް އަނބުރައި ހޯދުމާ ގުޅޭ ސިޔާސަތުތަކެކެވެ. އަދި ބޯހިޔާވަހިކަމާއި ޢުމްރާނީ ތަރައްޤީއާއި މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި، އިޖުތިމާޢީ ދާއިރާގެ ބައެއް ސިޔާސަތުތައްވެސް ރައީސް ހާމަކޮށްދެއްވިއެވެ.

ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީއާއި ގެ ޚިޔާނާތާ ގުޅިގެން ހޯދަން ޖެހޭ ފައިސާތައް ހޯދުމަށް އެސެޓް ރިކަވަރިއާ ބެހޭ ޤާނޫނެއް ގެނައުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ސަރުކާރުން ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ދައުލަތަށް ލިބެން ޖެހޭ 13 ބިލިއަން ރުފިޔާ ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ. އެއީ ބިމުގެ ކުލީގެ ގޮތުން ނުލިބިފައިވާ 513 މިލިއން ޑޮލަރާއި ޓީޖީއެސްޓީގެ ގޮތުގައި ނުލިބިފައިވާ 102 މިލިއަން ޑޮލަރަށްވެސް އަލިއަޅުވައި ލެއްވިއެވެ. މި ފައިސާއަކީ މީގެ ކުރީގެ ސަރުކާރުތަކުން ހޯދާފައި ނުވާ ދައުލަތަށް ލިބެން ޖެހޭ ފައިސާއެވެ.

ރައީސް ވަނީ، ދައުލަތަށް ލިބެން ޖެހޭ، 3.3 ބިލިއަން ރުފިޔާ ޖިއެސްޓީގެ ގޮތުގައިއާއި އަދި ކޯޕަރޭޓް ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައި ނުވާކަންވެސް ފާހަގަ ކުރައްވާފައެވެ. މިފައިސާ ހޯދުމަށް ޝަރުޢީ މަރުޙަލާއަށް ދާންޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ބޭރުގެ ދަރަނިތައް މެނޭޖުކުރުމާ ބެހޭ ގޮތުން ރައީސްގެ ތަޤްރީރުގައި ވިދާޅުވީ ދަރަނި ލުއިކޮށް ދިނުމަށް އިންޑިއާއާއި ޗައިނާއިން އެހީތެރިކަން ފޯރުވައި ދެމުންގެންދާ ކަމަށެވެ. އިންޑިއާއިން 50 މިލިއަން ޑޮލަރުގެ ލޯނު ފަސްކޮށް ދިންކަމަށާއި ދެއަހަރު ދުވަހަށް ފުޑް ކޯޓާ އިތުރުކޮށްދެއްވިކަން ފާހަގަ ކުރައްވަމުން، އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާގެ އެގްޒިމް ބެންކުން ނަގާފައިވާ ލޯނު ފަސްއަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގުނަލު ލިބިފައިވާ ކަމަށް ވިދާޅުވަމުން، އެމުއްދަތުގައި އެއަށް އިންޓަރެސްޓު ނައަރާނެ ކަމަށްވެސް ވިދާޅުވެ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޔޫއޭއީއާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަށް އަލިއަޅުވައި ލައްވަމުން، ރާއްޖޭގައި ދެވޭ ފުރަތަމަ ބަންކަރިންގެ ޚިދުމަތް އަންނަ މަހު ފަށާނެ ކަމަށާއި ޤައުމީ އުފެއްދުންތެރިކަމަށް އެމަސައްކަތުން، ފުރަތަމަ އަހަރުގެ ތެރޭގައިވެސް 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަސައްކަތަކީ، ދަރަނިން ސަލާމަތް ވުމަށާއި އާމްދަނީ އިތުރު ކުރުމަށާއި ވަޒީފާތައް އުފެއްދުމުގެ މަޤްޞަދުގައި ކުރާ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

އެމޭރުމުން، އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި އަވިން ހަކަތަ އުފައްދާ ސޯލާ ސިޓީއެއް ޤާއިމު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. 100 މެގަ ވޮޓްގެ ހަކަތަ އުފައްދާ މި މަޝްރޫޢުން އުފައްދާ ހަކަތައިގެ ސަބަބުން، މާލޭ ސަރަހައްދަށް ބޭނުންވާ ހަކަތައިގެ ދެބައިކުޅަ އެއްބައި އެތަނުން ލިބޭނެ ކަމުގައި ވިދާޅުވިއެވެ. މާލޭ ސަރަހައްދަށް ބޭނުންވަނީ 150 މެގަވޮޓްގެ ހަކަތަ ކަމުގައި ވިދާޅުވިއެވެ.

ޤައުމުތަކާއެކު މަޝްވަރާ ކުރެވެމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ރައީސް ވިދާޅުވީ، ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ސެޕްޓެމްބަރު ނިމޭހާ ހިސާބުގައި ޢަމަލު ކުރެވެން ފަށާނެ ކަމަށެވެ. އަދި ރާއްޖޭގެ މަހުގެ ބާވަތްތަކާއި އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓު ކުރެވޭނެ މިންވަރުގެ މަޢުލޫމާތުވެސް ދެއްވިއެވެ.

ތުރުކީއާއެކު މަޝްވަރާ ކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށާއި އޭގެ ސަބަބުން 53 އައިޓަމަކުން ޑިއުޓީ ކުޑަ ކުރެވޭނެ ކަމަށާއި އެކަމުން، ދިވެހި ވިޔަފާރިތަކަށް ފަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. ޔޫކޭއާއެކުވެސް މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދެވޭ ކަމަށާއި އިންޑިއާއާއެކުވެސް އެފަދަ ގޮތްތަކެއް ހަމަޖެހިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، މިދިޔަ ސަރުކާރުތަކުން 2.4 ބިލިއަން ބަދަލުގެ ގޮތުގައި ދީފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ 8 މަސްތެރޭގައި އެއްވެސް ފަރާތަކަށް ބަދަލެއް ދީފައި ނުވާނެ ކަމަށާއި މި ސަރުކާރުން މަޤާމާ ޙަވާލުވެގެން، ދޭން ޖެހިފައިވާ 119.7 މިލިއަން ރުފިޔާ ދީފައިވާނެ ކަމުގައި ވިދާޅުވިއެވެ.

އޯގާތެރި އަޅާލާ މުޖުތަމަޢެއް ބިނާ ކުރުމަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އަންހެން ބޭފުޅުންނަށް 100 މިލިއަން ރުފިޔާގެ ލޯނު ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން، 25 ޕަސެންޓް ޚާއްޞަ ކުރާނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށް ކަމަށް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާއަށް ޙައްލެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތަށް އަލިއަޅުވައި ލެއްވިއެވެ. އެގޮތުން މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނަށް ބަދަލު ގެންނެވުމަށް ވިސްނަވާ ކަމުގައި ވިދާޅުވެ، އެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދޭން ސަރުކާރުން ގަސްތުކުރާ ސިޔާސަތު ހާމަކުރެއްވިއެވެ.

ރައީސް ވަނީ ގޭންގް ކުށްތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތު ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ، އޮކްޓޯބަރު މަހު ބޯހިޔާވަހިކަމަށް ލޯނު ސްކީމެއް ތަޢާރަފް ކުރައްވާނެ ކަމަށެވެ. އަދި އެލޯނުގެ އިންޓަރެސްޓު 5 ޕަސެންޓަށް ވުރެން އިތުރެއް ނުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މާލެއާއި ސިޓީތަކާއި އަތޮޅުތެރެއަށް އެލޯނުތައް ކަނޑައެޅޭނެ ގޮތްތައް ވިދާޅުވެ ދެއްވިއެވެ.

ޢުމުރާނީ ތަރައްޤީގެ ދާއިރާއަށް އަލިއަޅުވައި ލައްވަމުން މާލޭ ސަރަޙައްދުގައި ދެ ބުރިޖެއް ބިނާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެކަމާ ބެހޭ މަޝްވަރާތައް ވަޒީރު ބޭފުޅުން ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރިއަށް ގެންދެވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި އެމަސައްކަތަކީ 2026ގައި ފަށައިގެން 2029އަށް ނިންމުމަށް ގަސްތުކުރައްވާ މަސައްކަތެއްކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ވަނީ، ރަސްމާލެ ޕްރޮޖެކްޓަށް އަލިއަޅުވައި ލައްވާފައެވެ. އަދި ޗައިނާގެ ސޮފްޓް ލޯނުގެ ދަށުން ރަސްމާލޭގައި 30 ހާސް ހައުސިންގ ޔުނިޓު ބިނާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ސޯޝަލް އެޑިއުކޭޝަން ސެންޓަރގައި ބާއްވާފައިވާ ހަފްލާގައި ރައީސުލްޖުމްހުރިއްޔާގެ އަރިހު އެމަނިކުފާނުގެ އަނބިކަނބަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި ދައުލަތުގެ ކުރިއަށް ތިއްބެވި ބޭފުޅުން ބައިވެރިވެ ވަޑައި ގަތެވެ.

ހިއްސާ ކުރައްވާ!