އެއް ދުވަހެއްގައި ދެ އިންތިޚާބު ބޭއްވުމަށް ތާއީދުކުރައްވަމުން، އަކުރަމް ކަމާލުއްދީން މުހިންމު ސަބަބުތަކެއް ފާހަގަކުރައްވައިފި

"ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވުމުން ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވާނެ" އަކުރަމް ކަމާލުއްދީން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގައުމަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އެކަމަށް ތާއީދު ކުރައްވައިފިއެވެ. އިދިކޮޅު އެމްޑީޕީގެ އިސް މެންބަރެއްގެ ގޮތުގައި ހުންނެވި އަދި ސަރުކާރަށް ފާޑު ވިދާޅުވާ އަކުރަމް ވަނީ މި ބަދަލުގެ ސަބަބުން ސިޔާސީ އަދި އިގްތިސާދީ ގޮތުން ލިބޭނެ ކުރިއެރުންތައް ތަފްސީލުކޮށްދެއްވާފައެވެ.

އަކުރަމް ފާހަގަކުރެއްވި ގޮތުގައި ދެ އިންތިޚާބު އެކުގައި އެއް ދުވަހެއްގައި ބޭއްވުމުން، ވެރިކަމަށް ކުރިމަތިލާ ފަރާތްތަކުން މަޖިލިސް ހޯދުމަށް ކުރާ މަސައްކަތާއި ނުފޫޒު ކުޑަވެގެންދާނެއެވެ. "ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވުމުން ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ވޯޓުލާ މީހާއަށް ވެރިކަމަށް އަންނާނީ ކޮން ޕާޓީއެއްގެ ކެންޑިޑޭޓެއްކަން ކުރިން ނޭނގޭތީ، މަޖިލީހަށް އެންމެ ގާބިލު މީހަކު ހޮވުމަށް ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ. މިއީ މަޖިލީހުގެ މިނިވަންކަން ދެމެހެއްޓުމަށް ލިބޭ ބޮޑު ބާރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިގްތިސާދީ ގޮތުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން އަކުރަމް ވިދާޅުވީ، ދެ އިންތިޚާބު ވަކިވަކިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ ޚަރަދުގެ އިތުރުން، ސިޔާސީ ޕާޓީތަކުން ކުރާ ޚަރަދުވެސް މި ބަދަލާއެކު ކުޑަވާނެ ކަމަށެވެ. އަދި އިންތިޚާބާ ދިމާކޮށް ސަރުކާރުތަކުން ސިޔާސީ ބޭނުމަށް ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކްސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އައުމުން، ސަރުކާރަށް އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތް ކުރާނެ މާހުލެއް ގާއިމްވެގެންދާނެ،" އަކުރަމް ވިދާޅުވިއެވެ. މީގެ ސަބަބުން ސަރުކާރުގެ ހިންގުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އަކުރަމް ފާހަގަކުރެއްވީ، ރިޔާސީ އިންތިޚާބާ އެކު މަޖިލިސް އިންތިޚާބު ބޭއްވުމުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމެވެ. މިއީ ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަކުރަމް ކަމާލުއްދީނަކީ 2008 އިން 2012 އަށް އަދި 2018 އިން 2023 އަށް ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ، ސިޔާސީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ.

އަކުރަމްގެ ޕޯސްޓް:

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގައި ބޮޑެތި ފައިދާތަކެއް އެބަހުރި:

  1. އެއް ކަމަކީ ، ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވުމުން ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވުން.

  2. ދެވަނަ ކަމަކީ ، މަޖިލިސް މެންބަރު ހޮވުމަށް ވޯޓްދޭ ފަރާތަށް، އެ ވޯޓު ދޭ އިރު ވެރިކަމަށް އާންނާނީ ވޯޓް ދިން ކެނޑިޑޭޓު ނިސްބަތްވާ ޕާޓީކަން ނޭނގުން، އެހެންވުމުން މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ރައްޔިތު މީހާ ހިތް އެދޭ ފަރާތެއް ހިޔާރުކުރަން ފަސޭހާވާނެ ކަމަށް ބެލެވޭ.

  3. ތިންވަނަ ކަމަކީ ، އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކްސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އައުން، އޭގެ ސަބަބުން ސަރުކާރަށް އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތް ކުރާނެ މާހުލެއް ގާއިމްވެގެންދާނެ.

  4. ހަތަރުވަނަ ކަމަކީ ، އިންތިހާބު ތައް ދައުރުގެ ގިނަ ދުވަސްތަކެއްގައި ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގަ އޮންނަ ސަރުކާރަކުން ކުރާ ހޭދަ، އިންތިހާބު ބާއްވާ ދުވަހުހުގެ އަދަދު މަދުވުމުން ކުޑަވެގެން ދިއުން.

  5. ފަސްވަނަ ކަމަކީ ، 2 އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމުން ކުޑަވެގެންދަނީ އިންތިހާބުތައް 2 ދުވަހު ބާއްވާނަމަ އިލެކްޝަނުން ކުރާ ހޭދަ އެކަނި ނޫންކަން، އޭގެ ބަދަލުގައި އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވުން.

  6. ހަވަނަ ކަމަކީ ، އެންމެ މުހިންމު އިންތިހާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވުން.

    އެހެންކަމުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރެވޭ.

ހިއްސާ ކުރައްވާ!