ލުބުނާނުން ހުޅަނގުގެ ޤައުމުތަކުގެ ރައްތިޔުން ބޭރުވާން އަންގައިފި

ލުބުނާނުގެ ޙިޒްބުالله އާއި ޒަޔަނިސްޓް ދައުލަތާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއެކު ހުޅަނގުގެ ޤައުމުތަކުގެ ރައްޔިތުން ލުބުނާނުން ފޭބުމަށް އެޤައުމުތަކުން ރައްޔިތުންނަށް ނަޞޭޙަތްތެރި ވެއްޖެއެވެ. މަޖްދަލް ޝަމްސަށް ޙިޒުބުﷲ ބަދުނާމު ކުރުމަށް ޒަޔަނިސްޓުން ދީފައިވާ ޙަމަލައާ ގުޅިގެން ސަރަހައްދީ ހަނގުރާމައެއް އުފެދިދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ބެއިރޫތުގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ވަނީ އެޤައުމުގެ ރައްޔިތުން ލުބުނާނަށް ދަތުރުކުރުމުގައި ސަމާލު ވުމަށާއި ދަތުރު ރޭވުމުގެ ކަންކަން އަލުން މުރާޖަޢާ ކުރުމަށް ގޮވާލާ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެމެރިކާ އެމްބަސީން ވަނީ އެސަރަހައްދުގައި މަތިންދާބޯޓު ދަތުރުތަކުގެ ތާވަލްތައް މުރާޖަޢާ ކުރަމުންދާތީ އެކަމަށް ވެސް އަލިއަޅުވާލާފައެވެ. އަދި ރައްޔިތުންނަށް އަންގާފައި ވަނީ ކުއްލިއަކަށް މަތިންދާބޯޓުގެ ދަތުރުތަކަށް ބަދަލެއް އައިސްފާނެ ކަމަށްވެސް ބަލައިގެން ތައްޔާރުވެ ރައްކާތެރިވެ ތިބުމަށެވެ.

މީގެ އިތުރުން އިޓަލީގެ ނޫސް އެޖެންސީ އަންސާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓައިއާނީ ވަނީ އެޤައުމުގެ ރައްޔިތުން ލުބުނާނުން ފުރައިގެން ދިއުމަށް އިލްތިމާސް ކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ އެޤައުމުގެ ރައްޔިތުން ލުބުނާނަށް ދަތުރު ނުކުރުމަށް ނަސޭހަތްތެރިވެ، ލުބުނާންގައި ތިބި އިނގިރޭސިން ފުރައިގެން ދިއުމަށް ހިތްވަރުދީފައެވެ. އިނގިރޭސި ފޮރިން އޮފީހުން ވަނީ ދަތުރުފަތުރުގެ އިންޒާރު އަޕްޑޭޓްކޮށް، ރައްޔިތުންނަށް އިންތިހާއަށް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

ޑެންމާކުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެޤައުމުގެ ރައްޔިތުންނަށް ލުބުނާނަށް ނުދިއުމަށް ނަސޭހަތްތެރިވެފައެވެ. އަދި ސުއިޑްންއާއި ނޯވޭއާއި ބެލްޖިއަމްއާއި ހޮލެންޑުންވެސް ވަނީ ލުބުނާނަން ދަތުރު ނުކުރުމަށް އިންޒާރުތައް ނެރެފައެވެ.

މިސްރާއި އުރުދުން އިން ވަނީ އިޒްރޭލުން އައު މައިދާނެއްގައި ހަނގުރާމަ ނުފެށުމަށް އަންގާފައެވެ. އަދި ލުބުނާންގެ ރައްޔިތުންނަށް ވާގިވެރިވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!