މުނައްވަރުގެ ޤާބިލުކަމަށް އޭނާގެ ވަނަވަރު ހެކިދޭ!

ރައްޔިތުންގެ މަޖިލީހުން އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް އައްޔަން ކުރުމަށް ފާސްކޮށްފައިވާ އަޙުމަދު މުނައްވަރުގެ ޤާބިލުކަމަށް އޭނާގެ ވަނަވަރު ހެކިދެއެވެ.

2016 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފިނޭންސްގެ ޙައިސިއްޔަތުން އަޙްމަދު މުނައްވަރު ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތައް ޙާޞިލު ކުރައްވާފައެވެ. މުނައްވަރަކީ އިޤްތިޞާދީ އަދި މާލީ ދާއިރާގައި ގިނަ ދުވަސްވަންދެން އެކި ފެންވަރުގައި މަސައްކަތް ކުރައްވާފައިވާ  ބޭފުޅެކެވެ. އޭނާ މަޤާމާ ހަވާލުވެވަޑައިގަތް އޮތް އިރު ދެ އަދަދުން އޮތް ޑެފިސިޓް 3 ޕަސެންޓަށް ވުރެން ދަށްކުރެއްވިއެވެ.

އިޤްތިޞާދީ ދާއިރާއާއި މާލީ ދާއިރާއިން މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީން ފުރަތަމަ ޑިގްރީއަކާއި އޮސްޓްރޭލިއާއިން މާސްޓަރޒް ޑިގްރީއެއް ޙާޞިލު ކުރައްވާފައިވާ މުނައްވަރު، މާލީ ވަޒީރުގެ މަޤާމުގައި ކުރެއްވި ޚިދުމަތްތަކުން އޭނާ ގަވަރުނަރުގެ މަޤާމަށް ޤާބިލުކަން ސާބިތުކޮށް ދެއެވެ.

ޢުމުރުން 44 އަހަރުގެ މުނައްވަރަކީ، ބަޖެޓު އެކުލަވާލުމާއި ބަޖެޓް ތަންފީޒު ކުރުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ބަޖެޓު އޮފިސަރެއްގެ މަޤާމުން ވަޒީފާ ފެށްޓެވި މުނައްވަރު ފިނޭންސް މިނިސްޓަރަކަށް  ހުންނަވައިގެން ކުރެއްވި އައު ކަންތައްތަކުގެ ތެރޭގައި، މާލީ ދާއިރާގެ ހާމަކަން އިތުރުކުރުމުގެ ގޮތުން، ދަރަންޏާ ބެހޭ ބުލެޓިނެއް ޝާއިއުކުރަން ފެށްޓެވިއެވެ. އަދި އައު ވެބްސައިޓެއްވެސް ތަޢާރަފް ކުރެއްވުމާއެކު، ބަޖެޓު ތަންފީޒު ކުރުންވެސް ދެ ހަފްތާއިން 3 ދުވަހަށް ކުޑަކުރެއްވިއެވެ.

މިހާރު ބޭނުން ކުރަމުންދާ، ބަނޑޭރި ޕޯޓަލްއާއި ބީލަން ޕޯޓަލްއާއި ނީލަން ޕޯޓަލްއަކީ މުވައްވަރު ތަޢާރަފް ކުރެއްވި ޕޯޓަލްތަކެވެ. ދައުލަތުގެ މާލީ ނިޒާމުގެ ތެރެއަށް ސަރުކާރުގެ އިތުރު އޮފީސްތައް ވެއްދެވުމުގެ ގޮތުން، މުހިންމު އޮފީސްތަކުގައި ސެޕް ސޮފްޓްވެއަރ ބޭނުން ކުރުމަށް ނިންމެވިއެވެ. އަދި ޑޭޓާގެ މައްޗަށް ބަރޯސާވާ ޢިލްމީ ގޮތަކަށް އޮޓޮމޭޓުކޮށްފައިވާ ބަޖެޓެއް އެކުލަވާލުމަށްޓަކައި، ސެޕް މެދުވެރިކޮށް ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ފެށްޓެވިއެވެ.

ދައުލަތުގެ ދަރަނި ބެލެހެއްޓުމާ ބެހޭ ސިޔާސަތެއް އެކަށައަޅުއްވައި ފުރަތަމަ ފަހަރަށް ރިސްކު ކުޑަ ކުރުމުގެ ގޮތުން، މެދު ރާސްތާގެ ދަރަނި ބެލެހެއްޓެވުމުގެ ނިޒާމެއް ތަޢާރަފް ކުރެއްވިއެވެ.

މުނައްވަރަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް، މޫޑީޒްއާއި ފިޗު މެދުވެރިކޮށް، ސޮވަރިން ރޭޓިންގ ޝާއިއުކުރަން ފެށްޓެވި ވަޒީރެވެ. އަދި ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ތަޢާރަފް ކުރެއްވީވެސް އޭނާ އެވެ.

އައިއެމްއެފްގެ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް އެސެސްމަންޓް (ޕީއައިއެމްއޭ) ރިޕޯޓުން ލިބިފައިވާ ލަފާތަކަށް ރިޢާޔަތްކޮށް، ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ދާއިރާގައި މޮނީޓަރިން ހަރުދަނާ ކުރެއްވިއެވެ.

ދިހައަހަރު ދުވަސްފަހުން އަލަށް، ޕަބްލިކް ފައިނޭންސްގެ ނިޒާމުގައި ލާމަރުކަޒީ ޤަވާޢިދުތައް ތަޢާރަފްކުރެއްވިއެވެ. އަދި މިނިސްޓްރީގެ އޮޕަރޭޝަންތައް ސްޓްރީމްލައިން ކުރެއްވުމާ ގުޅިގެން މިނިސްޓްރީގެ މަސައްކަތް 30 ޕަސެންޓަށް އެފިޝެންޓް ވެގެން ދިޔައެވެ. އަދި ކޯލް ސެންޓަރއާއި ހެލްޕްލައިން ތަޢާރަފް ކުރައްވައި، ޕޭމެންޓްތަކާ ގުޅިގެން ކުރާ ސުއާލުތައް 50 އިންސައްތައަށް ދަށްކުރެވި އެވެ.

ރާއްޖެއަށް ޑިފޯލްޓް ރިސްކު ކުޑަ ކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް ސޮވެރިން ފަންޑެއް ޤާއިމް ކުރެއްވިއެވެ. އަދި މާލީ ދާއިރާގައި ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރު ކުރުމުގެ ގޮތުން، އައިއެމްއެފްގެ ޓްރޭނިންގ އިންސްޓިއުޓާ ގުޅިގެން ތަމްރީނު ދިނުމަށް މިނިސްޓްރީގައި ޕަބްލިކް ފައިނޭންސް ޓްރޭނިންގ އިންސްޓިޓިއުޓެއް ޤާއިމް ކުރެއްވިއެވެ.

ދައުލަތުގެ އިދާރާތަކުގެ މުސާރައިގެ އޮނިގަނޑު އެއްގޮތް ކުރުމުގެ ގޮތުން، ނޭޝަނަލް ޕޭ ރިސާޗް ކޮމިޝަނެއް އުފެއްދެވީވެސް މުނައްވަރެވެ.

އިޤްތިޞާދީ ދާއިރާގެ މާހިރެއްގެ ހައިސިއްޔަތުން، މުނައްވަރުގެ މި ކާމިޔާބީތަކުން ދައްކުވައިދެނީ ފިނޭންސް މިނިސްޓަރުގެ މަގާމުގައި އޭނާ އަދާ ކުރެއްވި ދައުރުގައި މާލީ ނިޒާމަށް ބަދަލުތަކެއް ގެންނަވައި، މާނަ ހުރި ލީޑަރޝިޕެއް ދައްކަވާފައިވާ ކަމެވެ.

ހިއްސާ ކުރައްވާ!