ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޕޭމަންޓް ސިސްޓަމްތައް ހިންގުމާއި ޕޭމަންޓް ޚިދުމަތްތައް ދިނުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިދިނުމެވެ.
މި ބިލުގެ ދަށުން އެމްއެމްއޭއަށް ޕޭމަންޓް ސިސްޓަމް ހިންގުމަށްޓަކައި ކުންފުނި އުފެއްދުމުގެ ބާރު ލިބިގެންދާނެއެވެ. އަދި ހުއްދަ ނެތި ޕޭމަންޓް ޚިދުމަތް ދިނުމާއި ހުއްދަ ނެތި އެފަދަ ކަމެއް ކުރާކަން މީހުންނަށް ދޭވަހާގޮތަށް އުޅުމާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޕޭމަންޓް ޚިދުމަތް ދިނުންވެސް މި ބިލުން މަނާ ވެގެންވާނެއެވެ.
ބިލުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ގަވާއިދާ ޚިލާފަށް ޕޭމަންޓް ޚިދުމަތްތައް ދޭ ފަރާތްތަކަށް އަދަބު ކަނޑައެޅުމުގެ އުޞޫލުތައް ހިމެނެއެވެ. މިގޮތުން ގަވާއިދާ ޚިލާފު ޢަމަލުތަކަށް 1 ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މި ބިލަކީ ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ހަރުދަނާކޮށް، ރެގިއުލޭޓްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ބިލު ފާސްވުމުން، ރާއްޖޭގެ ޕޭމަންޓް ނިޒާމު އިތުރަށް ހަރުދަނާވެ، ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. މި ބިލަށް ޢަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.




