ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް، 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިދިޔަ މަހު ދޫކޮށްލުމާ ގުޅިގެން ހިނގައިދިޔަ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ބަލަން ނިންމައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ މި މައްސަލަ ދިރާސާކުރުމަށް ފާސްކޮށްފައެވެ. ބޮޑު ކުށްވެރިއަކު ދޫކޮށްލުމުގައި ޕެރޯލް ބޯޑުގެ މެންބަރުންނަށް ގާނޫނީ ގޮތުން އޮޅުންއެރީ ކީއްވެގެން ކަމާއި، މީގެ ކުރިން މިފަދަ އޮޅުމެއްގެ ތެރެއިން އެހެން ކުށްވެރިންވެސް ދޫކޮށްލާފައިވޭތޯ ބެލުމަކީ ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމެއް ކަމަށް ކޮމިޓީން ފާހަގަކުރިއެވެ. އަދި ޕެރޯލް ބޯޑުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށްވެސް ކޮމިޓީގެ މެންބަރުން ވަނީ ތާއީދުކުރައްވާފައެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އަބުޗާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2020 ވަނަ އަހަރު އޮކްޓޯބަރު މަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ކަނޑުމަތިން 61 ކިލޯގެ ޑައިމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް ޑްރަގާއެކު އޭނާ އަތުލައިގަތުމާ ގުޅިގެންނެވެ. އެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، ޕެރޯލް ބޯޑުން މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭނާ ދޫކޮށްލަން ނިންމުމާ ގުޅިގެން، ފަހުން ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކޮށް އޭނާ ވަނީ އަލުން ޖަލަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ޕެރޯލް ދިނުމުގައި ޖަލުގައި ހޭދަކުރި މުއްދަތު ގުނާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަކަށް ނޫނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ދިގު މުއްދަތުގެ ޖަލު ހުކުމް ތަންފީޒުކުރާ މީހުން ޕެރޯލަށް ފެތޭނީ ޤާނޫނުގައިވާ ޝަރުތުތައް ފުރިހަމަވެގެންކަން ފާހަގަކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކާ ޚިލާފަށް އަމަލުކޮށްފައިވާތީ ޕެރޯލް ބޯޑުގެ އެ ނިންމުން ނިންމުމުގައި ބައިވެރިވި މެންބަރުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.




