ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ހިމޭން އިންގިލާބެއް ގެނައުމުގެ މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ތިބީ އެމަނިކުފާނާ އެކު ވަރަށް ގަދަކޮށް ކަމަށް ބުނާ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި، ބާރުގެ ދަށުގައި ބޭތިއްބުމުގެ ގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މަޖިލިސް މެންބަރުންނަކީ ގާނޫނުއަސާސީން ބޮޑެތި ބާރުތަކާއި އަމާނާތްތަކެއް ހަވާލުކޮށްފައިވާ ބައެއް ކަމަށް ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ތެރޭގައި ހިނގަމުންދާ ކަމަށް ވިދާޅުވި މި ހިމޭން އިންގިލާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ މައްސަލަތަކާއި އިގްތިސާދީ ގޮތުން ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މަޖިލީހުގައި ތިއްބެވި ބައެއް ވިޔަފާރިވެރި މެންބަރުން ސަރުކާރާމެދު ހިތްހަމަނުޖެހިފައިވާ ކަމަށެވެ. އެހެންކަމުން، މަޖިލީހުގެ އެތެރޭގައި ސިއްރިޔާތުގައި ހާލަތު ބަދަލުކުރުމުގެ މަސައްކަތްތަކެއް ހިނގަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސިޔާސީ މަސްރަހުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ލަފާކުރެއްވި އެވެ.
"ހުރިހާ އެންމެން ތިބީ ރައީސް މުއިއްޒާ އެކު ގަދަކޮށެއް ނޫން. އެތަނުގައި ވަރަށް ރުޅި އައިސްފައި ތިބި ބަޔަކު އެބަ ތިބި،" ޔާމީން
ރައީސް ޔާމީންގެ މި ތުހުމަތުތަކާ ގުޅިގެން ޕީއެންސީގެ އިސް ވެރިން ވަނީ ވަގުތުން ރައްދު ދެއްވާފަ އެވެ.
އެގޮތުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އެމްޕީ އިބްރާހީމް ފަލާހު ވިދާޅުވީ، ވިހިވަނަ ރައްޔިތުންގެ މަޖިލިސް އޮތީ ސާބިތުކަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ކަމަށެވެ. އަދި ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ މަޖިލީހުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި، ޕީއެންސީގެ މެންބަރުން ތިބީ ސަރުކާރާއެކު ވަރަށް ވަރުގަދައަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ޖުލްމަ 93 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން 74 މެންބަރުންނަކީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. ސަރުކާރުން ބުނާ ގޮތުގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ސަރުކާރަށް ކަމަށާއި، ދައުލަތުގެ ތަރައްގީގެ މަޝްރޫއުތަކާއި ސިޔާސަތުތައް ތަންފީޒުކުރުމުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.



