ފަލަސްޠީނުގެ މިނިވަންކަމުގެ ޙަރަކާތުގެ ޒަޢާމަތަށް ޔަޙްޔާ ސިންވާރު

އަރަބިން، ހަނދާން ނައްތާލާފައިވާ ފަލަސްޠީނުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެންނެވި ލީޑަރު ޔަޙްޔާ ސިންވާރު ޙަމާސްގެ ޒަޢާމަތަށް ހަމަޖައްސައިފިއެވެ. ސިންވާރު އެމަޤާމަށް ހަމަޖައްސާފައި ވަނީ ޒަޔަނިސްޓުން ދިން ޓެރަރިސްޓް ޙަމަލައެއްގައި އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ.

ހިބްރޫ ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަވާ ސިންވާރަކީ، ޝަހީދު ހަނިއްޔާއެކޭ އެއްފަދައިން، ޙަމާސްގެ ބާނީ ޝަހީދު ކޮށްފައިވާ ޝެއިޚު އަޙްމަދު ޔާސީންއާއެކު ޖަލުގައި އުޅުއްވައި ދަރިވަރުވެ ވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ޒަޔަނިސްޓުންގެ ޖަލުތަކުގައި އަހަރުތަކެއް ވަންދެން ހޭދަކުރައްވަން ލިބި ވަޑައިގަތް ފުރުޞަތުގައި ސިންވާރު ވަނީ ޔަހޫދީންގެ ބަސް ދަސްކުރައްވައި އެމީހުންގެ ސިކުނޑިއާއި ޝަޚުޞިއްޔަތު ދިރާސާ ކުރައްވާފައެވެ. އެކަމުގެ ފައިދާ ފެނިގެން ދިޔައީ 7 އޮކްޓޯބަރުގެ ޙަމަލަ އިންނެވެ. ސިންވާރާއި މުޙައްމަދު ޟައިފަކީ، އެޙަމަލައިގެ މޭސްތިރިން ކަމުގައި ބެލެވެއެވެ. ދެބޭފުޅުންވެސް އެ ޙަމަލަ ރޭއްވެވީ ޒަޔަނިސްޓުންގެ ޖަލުގައި ތިއްވެބި ދުވަސްވަރު އެވެ.

ސިންވާރުގެ އެންމެ ފާހަގަ ކުރެވޭ ކާމިޔާބިއަކީ، ޒަޔަނިސްޓުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ މުޖާހިދުން ޝަހީދު ކުރަމުން ދިއުމާއި ފަލަސްތީނުގެ ޢައްބާސްގެ ސަރކާރުން ޒަޔަނިސްޓުންނާއެކު ޑީލްހަދަމުން ދިއުމުން، ހަނދާން ނެތި ވަޅުޖެހިފައި އޮތް ފަލަސްޠީނުގެ މައްސަލަ ދުނިޔެއަށް ތިޔަކޮށްދެއްވުމެވެ. އަދި ޒަޔަނިސްޓުންނަށް ފައިސާގެ މުޤާބިލުގައި ފަލަސްޠީނުގެ މިނިވަންކަމުގެ ޙަރަކާތުގެ މީހުންގެ މަޢުލޫމާތު ފޯރުކޮށްދީ ޖާސޫސްކޮށްދޭ ކަމަށް ޝައްކު ކުރެވޭ މީހުން ނައްތާލުމުގައި އިސް ދައުރެއް އަދާ ކުރެއްވުމެވެ. އެއީ އެފަދަ ދެވަނައެއް ނެތް ސިންވާރެވެ!

ހިއްސާ ކުރައްވާ!