ފޮތެއްގެ ޚުލާޞާ: ސިންވާރު ލިޔުއްވި ވާހަކަ، “ކަށި އަދި ކާނޭޝަންމާ”

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާޢަތުގެ ސިޔާސީ ލީޑަރަކަށް އައްޔަން ކޮށްފައިވާ ޔަޙްޔާ ސިންވާރަކީ ވާހަކަ ލިޔުންތެރިއެއް ނޫނެވެ. ނަމަވެސް 2004 ވަނަ އަހަރު ޝާއިއުކޮށްފައިވާ އޭނާގެ 335 ޞަފްޙާގެ ފޮތަކީ އޭނާގެ ސިޔާސީ ވިސްނުން ދިރާސާކޮށްލުމަށް މުޠާލިޢާ ކޮށްނުލައި ދޫކޮށްލާފަދަ ފޮތެއް ނޫނެވެ.

އާދަޔާ ޚިލާފު ނަމެއް ކަމަށްވާ “ކަށި އަދި ކާނޭޝަންމާ” ގެ ނަމުން ނަން ދީފައިވާ ވާހަކަ އޭނާ ފަށްޓަވާފައި ވަނީ 1967ގައި އިޒްރޭލުން ޢަރަބިން ބަލި ކުރުމުގެ ކުރީގެ ދުވަސްތަކުންނެވެ. އެއިރު ޣައްޒާ އޮތީ މިސްރުގެ ބެލުމުގެ ދަށުގައެވެ.

ވާހަކަ ކިޔައިދޭ އަޙުމަދު ދެކެނީ މިސްރު ސިފައިންނަކީ، އިޒްރޭލު ބަލިކޮށް، ފަލަސްތީނުގެ ރެފިއުޖީންނަށް، އެމީހުންގެ ވަޒަނަށް އެނބުރި ދިއުމަށް މަގުފަހިކޮށްދީ ފަލަސްޠީނު މިނިވަން ކުރާނެ ބަޔެއް ކަމަށެވެ. އެހެންނަމަވެސް 1967ގެ ހަނގުރާމައިގައި ޢަރަބިން ބަލިވުމުން އަޙުމަދަށް ސިހުމެއް ލިބެއެވެ.

އިޒްރޭލުން ފަލަސްޠީނުގެ ސިޓީތަކާއި އަވަށްތައް ޙިސާރުކުރުމާ ދެކޮޅަށް ފަލަސްޠީނު މީހުންގެ ހިތުގައި އުފެދުނު ދެކޮޅުވެރިކަން ފެށުނު ގޮތް އޭނާ ކިޔައިދެނީ، އަލްޝާތީ ރެފިއުޖީ ކޭމްޕްގެ ޙާދިސާތަކުގެ މައްޗަށް ބިނާ ކޮށެވެ. ޒަޔަނިސްޓުން ވަނީ އައްޝާޠީ ރެފިއުޖީ ކޭމްޕަށް ދާން އޮންނަ ހަނި މަގުތަކާއި ހަނި ގޯޅިތަކަށް ވަނުމަށް ފަލަސްޠީނު މީހުންނަށް ދަތިވާ ގޮތަށް އުޅަނދުތައް ބާއްވައި ފޯރި މަރަން ފަށާފައެވެ. މި ދަތިތަކާ ހެދި އަޙުމަދު މެން، އިޒްރޭލުގެ ސިފައިންގެ ޕެޓްރޯލް އުޅަނދުތަކާ ދެކޮޅަށް ބޮން އުކާލާ މަންޒަރު ސިފަ ކޮށްދެއެވެ. މިފަސް މަންޒަރުގައި، އަޙުމަދުގެ ބައްޕައާއި ދޮންބައްޕަ ޝަހީދުކޮށް ލަނީ، އިޒްރޭއީލު ސިފައިންނެވެ. އެމީހުންނާ ކުރިމަތިލައި ހަނގުރާމަ ކުރަމުން ދަނިކޮށެވެ.

އެއަށްފަހު އޭނާ ފެންނަނީ އެއްބަނޑު އެއްބަފާ ކުދިންނާއެކު މަންމައާއި ބޭބެއިންނާއި ކޮއްކޮއާއި ކާފައާއެކު އެއް ގެއެއްގައި އުޅޭ ތަނެވެ.

އަޙުމަދުގެ ކިބައިގައި ސިޔާސީ ހޭލުންތެރިކަން އަށަގަންނަނީ، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ފެށި، ޕީއެލްއޯއާ ގުޅުނު، މިސްރުގައި ކިޔަވަން އުޅުނު އޭނާގެ ބޭބެ މަޙްމޫދުގެ ފުށުންނެވެ. މަޙުމޫދު އެނބުރި ޣައްޒާއަށް އަންނަތަނާ ޒަޔަނިސްޓުން އޭނާ ހައްޔަރު ކުރެއެވެ. އޭނާގެ ދެބޭންގެ ދެދަރި އިބްރާހީމްވެސް އިޒްރޭލާ ދެކޮޅަށް ހަރަކާތްތެރިވެއެވެ. އެހެން އުޅުމުގެ ތެރޭގައި އިބްރާހީމް އާ ބައްދަލު ވަނީ ޝެއިޚު އަހްމަދު ކިޔާ މީހަކާއެވެ. ސިންވާރު، މި ޝެއިޚު ރަމްޒުކޮށްދެނީ، ހަމާސްގެ ބާނީ (ޝަހީދު) އަޙުމަދު ޔާސީންގެ ގޮތުގައެވެ. ޝެއިޚު ޔާސީން އަވަހާރަކޮށްލީ 2004ގައެވެ.

އިބްރާހީމް އާއި މަޙުމޫދު ސިފަކޮށްދޭއިރު އޭނާއާ އިދިކޮޅު އެހެން މީހަކުވެސް ސިންވާރު ކިޔުންތެރިންނަށް ދައްކަވައެވެ. އެއިން އެކަކީ ހަސަނެވެ! ހަސަނަކީ، ޔަހޫދީންގެ މަންޖެއަކާ މަންޖޯޅިވެގެން، އިޒްރޭލުގައި އުޅުމަށްފަހު، ފަލަސްޠީނުގެ މީހުންނަށް ޖާސޫސްކުރުމަށް ޣައްޒާއަށް އަންނަ ސޮރެކެވެ. ހަސަނު މިއީ، އިބްރާހީމްގެ ކޮއްކޮ އެކެވެ. ނަމަވެސް އޭނާ ޣައްޒާގައި ޖާސޫސް ކުރުމުގެ މަސައްކަތުގައި އުޅޭތީ މަޙުމޫދު، އެއް ދުވަހަކު ޙަސަނު މަރާލައެވެ. ސިންވާރު ކިޔައި ދެއްވަން ބޭނުންފުޅު ވަނީ ޒަޔަނިސްޓުންނާ ދެކޮޅަށް މަސައްކަތް ކުރި ބަޠަލެއްގެ ދަރިއެއްކަމުގައި ވިއަސް ޣަދަރުވެރި ވެއްޖެނަމަ ފުރުޞަތެއް ނޯންނާނެ ކަމަށެވެ.

30 ބާބުގެ މައްޗަށް ހިމެނޭ ވާހަކައިގައި، ފަލަސްޠީނުގެ މީހުންނަށް ކުރިމަތިވާ އިޚުތިޔާރީ ގޮންޖެހުންތައްވެސް ސިންވާރު ސިފަ ކޮށްދެއްވައެވެ. އެގޮތުން، ފަލަސްޠީނުގެ ބަޔަކު އިޒްރޭލަށް ވަޒީފާއަށް ވަދެ އުޅެއެވެ. އެ މީހުން ދެކޭ ގޮތުގައި އެއީ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްލުމަށް ފުރުޞަތެކެވެ. ނަމަވެސް އެހެން ބަޔަކު ދެކޭ ގޮތުގައި އެއީ ފަލަސްޠީނު މީހުންނަށް ޣަދަރުވެރިވުމެކެވެ.

އިޒްރޭރުގެ އިސްތިޢުމާރާއި ބިން ހިފުމުގެ އަނިޔާވެރިކަން އަޙުމަދު ކިޔައި ދެއެވެ. އަދި ޒަޔަނިސްޓުންގެ އުދުވާނާ ދެކޮޅަށް ފަލަސްޠީނު މީހުންގެ އައު އީޖާދީ ގޮތްތައްވެސް އަޙުމަދު ކިޔައި ދެއެވެ.

ޒަޔަނިސްޓުން ޣައްޒާގެ އިސްލާމީ ޔުނިވާސިޓީ ބަންދުކޮށް ތަޅު އަޅުވާލައެވެ. ނަމަވެސް ދަރިވަރުންނާއި ލެކްޗަރާއިންނަށް އެކަމުން އަސަރެއް ނުކުރެއެވެ. އެމީހުން ލެކްޗާތައް ބަދަލުކޮށް ލަނީ މިސްކިތަށެވެ. އަޙުމަދު ލެކްޗާތަކަށް ޙާޒިރު ވަނީ އެގޮތަށެވެ.

އެ ފަސްމަންޒަރުގައި ފަލަސްޠީނުގެ ޒުވާނުން ހައްޔަރު ކުރުންވެސް ކިޔައި ދީފައި ވެއެވެ. އެގޮތުން ކޮންމެ ޒުވާނަކީ ކޮންމެވެސް ހިސާބެއްގައި ޒަޔަނިސްޓުން ހައްޔަރު ކުޜާ މީހެކެވެ. އަދި ހައްޔަރުކޮށް އަނިޔާކުރުމާއެކު ފަލަސްޠީނު ޒުވާނުންނާއެކު ޒަޔަނިސްޓުން އަނިޔާވެރި ގޮތަކަށް ތަޙުޤީޤު ކުރެއެވެ.

ކިޔުންތެރިންނަށް ފަލަސްޠީނުގެ ޒުވާނުންގެ ކެކުޅުން ގެނަސްދެނީ އަޙުމަދާއެކު ކުރާ ތަޙުޤީޤުތަކާއި އޭނާގެ ތަޖުރިބާގެ ތެރޭންނެވެ. ޖާސޫސް ކޮށްދޭ މީހުން ދަންޖެއްސުމާ މެދު އެއް ފަހަރެއްގައި އަޙުމަދު ސުއާލު އުފައްދައެވެ. ނަމަވެސް އޭނާ ނިންމާލަނީ، ނިޔާކަނޑައަޅާ ބަޔަކު އެފަދަ ޖަރީމާތަކުގެ ފުނަށް ގޮސް ކޮންމެހެން ކަންކަން ބަލަން ނަހަދާނެ ކަމަށެވެ!

އަޙްމަދުގެ ގޭގައި އިބްރާހިމާއި މަޙްމޫދާއި ދެމެދު ހިނގި ހޫނު ބަހުސްތަކުން ކިޔުންތެރިންނަށް ގެނަސްދެނީ އިސްލާމީ ޚިޔާލުގެ ހަނގުރާމަވެރިންނާއި ޕީއެލްއޯއަށް ސަޕޯޓު ކުރާ މީހުންގެ ފިކުރުގެ ތަފާތު ކަމާ ބެހޭ ގޮތުންނެވެ. މަޙުމޫދު ދެކެނީ އިސްލާމީ ޚިޔާލުގެ މީހުން ފަލަސްޠީނުގެ އެހެން ޖަމާއަތްތަކެކޭ އެއްފަދައިން މިނިވަންކަމަށް މަސައްކަތް ކުރަން މާބޮޑަށް ބާރެއް ނައަޅާ ކަމަށެވެ. އަދި 1991 ވަނަ އަހަރުގެ ކުވައިތު ހަނގުރާމައިގެ ތެރޭގައި އިޒްރޭލާ ދެކޮޅަށް ސައްދާމް ހުސެއިން ފޮނުވާލި މިސައިލްތަކަށްފަހު، އުފެދުނު މާޔޫސީވެސް ސިފަ ކޮށްދެއެވެ. އަދި ޣައްޒާއަށް ހަތިޔާރު ވަގަށް ވެއްދުމަށް ކުރާ މަސައްކަތްވެސް އަޙުމަދު ކިޔައިދެއެވެ.

އަދަބީ މަސައްކަތެއްގެ ގޮތުގައި ސިންވާރު، އަޙުމަދުގެ ޝަޚުޞިއްޔަތު ހުށަހަޅުއްވަނީ، އެއްވެސް ސިޔާސީ ގޮތްޕަކަށް ނިސްބަތް ނުވާ އެހެންނަމަވެސް އިސްލާމީ ފިކުރަށް ބުރަވާ މީހެއްގެ ގޮތުގައެވެ.

އިބްރާހީމްގެ ޝަޚުޞިއްޔަތު ދައްކައި ދެނީ، ޖާސޫސް ކުރުމަށް އިޒްރޭލުން ފޮނުވާފައިވާ އެޖެންޓުން ހޯދައި އެމީހުން މަރާލާ މީހާގެ ގޮތުގައެވެ. އެގޮތުން އޭނާ މަރާލާ އެކަކަކީ އޭނާގެ ގާތް ރަޙުމަތްތެރިއެއް ކަމަށްވާ ފަޔާޒެވެ. ފަޔާޒަކީ އިޒްރޭލުގެ ޖާސޫސެކެވެ. ނަމަވެސް އޭނާ މަރާލުމުން މީހުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރީ ފަޔާޒަކީ ހަނގުރާމަވެރިއެއް ކަމަށް ބަލައިގެންނެވެ.

މިނުކުތާގައި ފާހަގަކޮށްލަންޖެހޭ ކަމަކީ ހަޤީޤީ ދިރިއުޅުމުގައި އިޒްރޭލުގެ އެޖެންޓުން ދެނެގަނެ އެމީހުން ޝިކާރު ކުރާ މީހަކީ ސިންވާރެވެ. އަދި އޭނާގެ ހަނގުރާމަތީ ނަމަކީ އަބޫ އިބްރާހިމް އެވެ!

މުޅި ވާހަކައިގައިވެސް ޣައްޒާގެ މީހުން ސިފަ ކޮށްދީފައި ވަނީ، ހެދުން ލުމާއި ކެއުމުގައި ސާދާ ބަޔެއްގެ ގޮތުގައެވެ. އަދި އެމީހުންނަކީ ޒަމާންވީ އާދަކާދައަށް އުޅޭ ބަޔެއްގެ ގޮތުގައެވެ. އެގޮތުން އަޙުމަދަށް ކަޅި އަޅާލި އަންހެން ކުއްޖަކާ ގަޔާވުމުން  އެކުއްޖާއާއި ޢާއިލާގެ ރުހުން ހޯދުމަށް އޭނާގެ މަންމަ ފޮނުވާ ތަންވެސް ފެނެއެވެ.

ދިރިއުޅުމުގެ ހާލަތު އިންތިހާއަށް އުނދަގޫ ނަމަވެސް ޣައްޒާގެ މީހުން ޢިލްމަށް ލޯބިކުރާ މިންވަރުވެސް މި ވާހަކައިގައި ކިޔައި ދީފައި ވެއެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ ޔުނިވާސިޓީ ޑިގްރީއެއް ޙާޞިލު ކުރާށެވެ.

ހުޅަނގު އައްސޭރީގެ މީހުންގެ ޙާލަތުވެސް ސިންވާރު ސިފަ ކޮށްދެއްވައެވެ. އެގޮތުން، 1987ގެ އިންތިފާޟާއާ ހަމައަށް އެމީހުން މިނިވަންކަމުގެ ހަނގުރާމައިގައި ޒަޔަނިސްޓުންނާ ދެކޮޅަށް މާބޮޑު ފޯރިއެއް ނުދައްކާ ކަމަށް ސިފަ ކޮށް ދެއްވައެވެ. ހުޅަނގު އައްސޭރީގެ މީހުން ދެކެނީ 3 ޤައުމެއްގެ އަރަބި ލަޝްކަރަކުން އުޅެގެން އިޒްރޭލު ބަލި ނުކުރެވުނު އިރު، ފަލަސްޠީނު މީހުންނަށް އިޒްރޭލު ބަލި ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެހެންވެ، އެމީހުން ދިރިއުޅެމުން ދިޔައީ ދެކޮޅުވެރިކަމެއް ނުދައްކައި، ފަސޭހަ ގޮތަކަށެވެ.

މި ވާހައިގައި، 1993ގެ އޮސްލޯ މުޢާހަދާއާ މެދު ފަލަސްޠީނު މީހުން ދެކޭ ގޮތްވެސް ތަޞައްވަރު ކޮށްދީފައި ވެއެވެ. ސިންވާރު މިބައި ގެނަސްދެއްވާފައި ވަނީ ޝައުޤުވެރި ގޮތަކަށެވެ. އެއްފަރާތުން މަޙްމޫދު ދެކެނީ އޮސްލޯ މުޢާހަދާއަކީ، 1967 ވަނަ އަހަރު ގެއްލުނު ބިންތައް އަލުން ހޯދުމަށް އޮތް މަގެއް ކަމަށެވެ. އަދި ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން، ކޮންޓްރޯލެއް ގެންގުޅުމަށާއި އިޒްރޭލަށް ހަމަލާދިނުމުން ދުރުހެލިވާން ޖެހޭނެ ކަމަށް އޭނާ ދެކެއެވެ. އެއާ ޚިލާފަށް އިބްރާހިމް ދެކެނީ، އެ މުޢާހަދާގައި ސޮއިކުރުމަކީ، ފަލަސްޠީނު މިނިވަން ކުރުމަށް ހަނގުރާމަ ކުރި ޝަހީދުންގެ ލޭ ބޭކާރު ކޮށްލުމުގެ ޢަމަލެއް ކަމަށެވެ.

އަޙުމަދަށް ލިބޭ ސިހުމަކީ، އޮސްލޯ މުޢާހަދާއެކު އާއިލާ މީހުންނާއި ވަޒަނުން ބޭރުގައި ތިބި ފަލަސްޠީނުގެ އެތައް ބަޔަކު އެނބުރި ގައްޒާއަށް އައުމެވެ. އަދި އަޙުމަދަށް އެނގެނީ އޭނާގެ ބައްޕަ މަރުވީ ކުރިން ހީކުރި ގޮތާ ޚިލާފަށް އުރުދުންގެ ސަރުކާރު ވައްޓާލުމަށް 1970ގައި ކުރި މަސައްކަތުގެ ތެރޭގައި ކަމަށެވެ. އަދި އޭނާގެ ބައްޕަ އެމީހުން ދޫކޮށް ހުޅަނގު އައްސޭރިއަށް ގޮސް އެހެން މީހަކާ އިނދެގެން ދެކުދިންވެސް (މާޖިދު އާއި ޚާލިދު) ހޯދި ކަން އެއިން އޭނާއަށް އެނގެއެވެ. އަދި މި ދެބެއިންނަށްވެސް ޣައްޒާގައި ބޯހިޔާވަހިކަން ދޭން ޖެހުނީ އެމީހުންގެ ދޮންމަންމަ، އަޙުމަދުގެ މަންމަ އަށެވެ.

އޮސްލޯގެ މުޢާހަދާއަށް އަމަލު ކުރަން މަޖުބޫރު ވުމުން، އިޒްރޭލާއި އެމެރިކާގެ ޕްރެޝަރަށް ދީލައިލައިގެން ފަލަސްތީނުގެ ސަރުކާރަށް، ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން ހައްޔަރު ކުރަން މަޖުބޫރު ވެއެވެ. ނަމަވެސް ފަލަސްޠީނުގެ ސަރުކާރުން އެމީހުންނާ މެދު ހަރުކަށިވެ، އެމީހުންނަށް އަނިޔާ ކުރާކަންވެސް ފާހަގަ ކޮށްދީފައި ވެއެވެ.

ކުރިން އިބްރާހީމް ބުނި ވާހަކަތައް ތެދުވެގެން ދަނީ، 1995ގައި ޔަހޫދީ ބޮޑު ވަޒީރު ރަބީން އަވަހާރަކޮށްލައި ނަތަންޔާހޫ ވެރިކަމަށް އައިސް އޮސްލޯ މުޢާހަދާއާ ޚިލާފަށް ކަންތައްތައް ކުރަން ފެށުމުންނެވެ. ފަލަސްޠީނުގެ ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގަން ފަށައެވެ. ދެވަނަ އިންތިފާޟާގައި ޒަޔަނިސްޓު ސިފައިން އިބްރާހީމަށް މިސައިލް ހަމަލައެއްދީ އޭނާ ޝަހީދު ކޮށްލައެވެ. އެއަށްފަހު ފެންނަނީ އަޙުމަދާއި އަޙުމަދުގެ އާއިލާއާއި އޭނާގެ އަންހެން ކޮއްކޮމެން ކްލަޝިންކޯވް ރައިފަލެއް ހިފައިގެން ހަނގުރާމައަށް ތައްޔާރަށް ތިބި ތަނެވެ.

ވާހަކަ ނިންމާލަމުން ސިންވާރު ލިޔުއްވަނީ މި ވާހަކަ ލިޔުއްވާފައި ވަނީ، ބިއުރުއްސަބްޢުގެ ޖަލުގައި އަސީރުކޮށްފައި ވަނިކޮށް 2004ގައި ކަމަށެވެ.

ފަލަސްޠީނުގެ މިނިވަންކަމުގެ ޙަރަކާތުގެ ޒަޢާމަތަށް ޔަޙްޔާ ސިންވާރު

 

 

ހިއްސާ ކުރައްވާ!