ލާމަރުކަޒީ ނިޒާމުގެ ސަމުގާގެ ކަށި ހުއްޓެނީ ނިމާލްގެ ގޮނޑިއާ ދިމާއަށް

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ބާރުތަކެއް ލިބިދެއެވެ. އެހެންނަމަވެސް އިޚުތިޞާޞް ފުށުއަރާ ކަމުގެ ޝަކުވާއަކީ، ކައުންސިލަރުންގެ ޝަކުވާއެކެވެ. ކައުންސިލަރުންގެ އުންމީދަކީ، އިޞްލާޙަށް މަސައްކަތް ކުރެވި، އެ ފުށުއެރުންތައް ޙައްލުވެގެން ދިއުމެވެ.

ކާފު ނޫހުން، ވާހަކަ ދެއްކި ކައުންސިލަރުންގެ ތެރޭން، ހުރިހައި ބޭފުޅުންހެން ވިދާޅުވެފައި ވަނީ، ލާމަރުކަޒީ ޤާނޫނުން ލިބިދޭ ބާރުތައް ހީއްދަވައި ދެއްވުމުގައި އެބޭފުޅުން އައު ސީއީއޯގެ ފަރާތްޕުޅުން ކަންތައްތަކަށް އުންމީދު ކުރައްވާ ކަމަށެވެ.

ބާރުތައް ނުލިބިގެން އުޅެނީ ކީއްވެގެންއޯ ސުއާލު ކޮށްލުމުން ލާމަރުކަޒީ ޤާނޫނާއި އެހެން ޤާނޫނުތަކާ ފުށު އެރުންތަކެއް ހުރުމުން މަޤްޞަދު ޙާޞިލު ނުވެ، ނަތީޖާ ނުރެވެނީ ކަމަށް ކައުންސިލަރުން ދެކެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެލްޖީއޭގެ އައު ސީއީއޯ ގެ މަޤާމަށް މުޙައްމަދު ނިމާލް ޢައްޔަން ކުރައްވާފައެވެ. ހުރިހައި ކައުންސިލަރުން ހެން، ގާތްގަނޑަކަށް އިއްތިފާޤުވާ ގޮތުގައި އައު ސީއީއޯއަކީ، ލާމަރުކަޒީ ނިޒާމަށް ލިބުނު ބާރެކެވެ. އަދި ރައީސް ނިންމެވި ހެޔޮ ނިންމެވުމެއް ކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވައެވެ.

“ނިމާލަކީ، ނިޒާމުގެ ތެރޭން ވަޑައިގަތް ބޭފުޅެއް. ލާމަރުކަޒީ ޤާނޫނަށް ނިމާލް ފަރިތަ ވާނެ. ކުރިއަށް ދާން އެނގިވަޑައިގަންނަވާނެ” ށ. ފުނަދޫ ކައުންސިލްގެ ރައީސް އަޙުމަދު އިބްރާހިމް ފުޅު ވިދާޅުވިއެވެ.

ނިމާލް އެލްޖީއޭއަށް ޢައްޔަން ކުރެއްވުމަކީ ކިހާ މުހިންމު ކަމެއްތޯއާއި އެކަމުން ރައީސް ޑރ. މުޢިއްޒު، ޙާޞިލު ކުރައްވަން ބޭނުފުޅުވާނީ ކޮން މަޤްޞަދެއްތޯ އަހާލުމަށް، އަޅުގަނޑުމެން ސުއާލު ދެންނެވީ އިދިކޮޅު ޕާޓީއެއްގެ ޤާނޫނީ ވަލީކަށެވެ.

“ކުރިން އެ މަޤާމުގައި ހުންނެވި ބޭފުޅާއަކީ އެކަޑެމިކް ބޭފުޅެއް. މިހާރު އެ ހުންނެވީ އެތަނަށް އެންމެ މުނާސިބު ބޭފުޅާ.” ޕާޓީ ތޮފި ނެންގެވުމަށްފަހު، ވަކިފަރާތަކަށް ނުޖެހި ކަމަށް ވިދާޅުވަމުން އުސްތާޒް ބޭފުޅާ، ތަފްޞީލު ކޮށްދެއްވިއެވެ.

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް ޢައްޔަން ކުރެއްވުމުން، ރައީސަށް ލިބިވަޑައިގަންނަވާނެ ފައިދާތަކަށްވެސް އުސްތާޒް އަލިއަޅުވައި ލެއްވިއެވެ. އޭނާ  ވިދާޅުވީ 185 އެތައް ރަށެއްގައި ކައުންސިލްތަކުގެ މެޖޯރިޓީއަކީ ސަރުކާރަށް ތާއީދު ކުރާ ކައުންސިލްތައް ކަމަށެވެ. އެހެންވެ، ކައުންސިލަރުން ގޮވައިގެން، އެމީހުންނާ އެއް ރާގެއްގައި އެއް ފެންވަރެއްގައި ވާހަކަ ދެއްކޭ ފަދަ މީހެއްގެ ބޭނުން އޮތީ ޖެހިފައެވެ. އަދި 2026 ވަނަ އަހަރުގެ އިންތިޚާބަށް ކައުންސިލްތައް ފައްކާ ކުރުމަކީ މިހާރުން ފެށިގެން ކުރަން ޖެހޭ މަސައްކަތެއް ކަމުގައިވެސް ވިދާޅުވިއެވެ.

“އެއީ ނިމާލް! ނިމާލު ނުޖެހޭނެ، ބިރެއް ދައްކާކަށެއް. ބޮޑު ބަހެއް ބުނާކަށެއް. ކޮނޑަށް އަތްވައްޓާލައިގެން އެމީހުންނާ އެއްފެންވަރެއްގައި ނިމާލަށް ވާހަކަ ދައްކައި ކަންކަން ޙާޞިލު ކުރެވޭނެކަން ޔަޤީން” އޭނާ ވިދާޅުވީ ނިމާލަކީ، ނިޒާމުގެ ތެރޭގައި އުޅުއްވައި ރަށްތަކަށް ފަރިތަ އަދި ކައުންސިލަރުންނާއި ނިޒާމަށްވެސް ފަރިތަ ބޭފުޅެއް ކަމަށެވެ.

“ނިމާލު ތަފާތުވާ ސަބަބަކީ އޭނާއަކީ ޕޮލިޓިކްސް މެނޭޖުކުރައްވަން ދަނެވަޑައިގަންނަވާ، ސިޔާސީ ވިސްނުމަކުން އެންމެންގެ ރުހުން ހޯއްދަވައި، ކަންކަން ނިންމެވުމަށް ފަރިތަ ބޭފުޅެކޭ އަޅުގަނޑު ދަންނަވާނީ.” އިތުރަށް އޭނާ ވިދާޅުވިއެވެ.

“ނިމާލަކީ ކުރިން އެލްޖީއޭގެ ބޯޑުގައި އަތޮޅު ކައުންސިލްގެ ފަރާތުން އިންނެވި ބޭފުޅެއް. ކުރީގެ އުޞޫލުތައް ކުރިއަށް ގެންދަވަން ނިމާލަށް އެނގިވަޑައިގަންނަވާނެ.” ނިމާލާ ދޭތެރޭގައި އޮން ޔަޤީންކަމާ ބެހޭ ގޮތުން ކާށިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރު ވިދާޅުވިއެވެ.

އެ މަޤާމުގައި ނިމާލު ކުރިވެ ވަޑައިގަތުމަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ސުއާލު ދެންނެވުމުން، ކައުންސިލަރުން ވިދާޅުވަނީ، އެފަދަ ގޮންޖެހުމެއް އޮންނާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އަދި ޤާނޫނުގައި މިސްޓަރަށް ބާރުތަކެއް އޮތްކަމުގައި ވިނަމަވެސް، އޭނާ އެމަޤާމަށް އައްޔަން ކުރެއްވުމުން، “ލާމަރުކަޒީގެ ސަމުގާގެ ކަށި ގޮސް ހުއްޓޭނީ ނިމާލުގެ ގޮނޑިއާ ދިމާއަށް” ކަމަށް ނަން ނުޖަހަން އެދިވަޑައިގެން ވާހަކަ ދެއްކެވި ކައުންސިލަރަކު ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީގެ ވަކީލު ވިދާޅުވިގޮތުގައި، ނިމާލު ވެގެންދާނީ ރައީސަށް ލާމަރުކަޒީ ނިޒާމާއި ކައުންސިލްތައް މެނޭޖު ކުރެއްވުމަށް އެސެޓެއްގެ ގޮތުގައެވެ.

“ނިމާލަކީ، ކައުންސިލްތަކަށް ބޭނުންވާ ކަންކަމުގައި ކައުންސިލަރުންނާ އެކު އެ ދާންވާ ތަނަކަށް ގޮސްގެން އެކަމަކަށް ފައިޓްކޮށްގެން ނަތީޖާ ނެރެ ދެއްވުމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް.” ނަން ނުޖެހުމަށް އެދިވަޑައިގެން ވަކީލު ވިދާޅުވިއެވެ.

ގިނަ ކައުންސިލަރުން ނިމާލްގެ ފަރާތްޕުޅުން އުންމީދު ކުރައްވަނީ ފުށުއެރުންތައް ޙައްލު ކޮށްދެއްވައި ކައުންސިލްގެ އިޚުތިޞާޞްތައް ސާފުކޮށް ދެއްވުމެވެ.

“ޤާނޫނުގެ ހުރި ފުށު އެރުންތައް އާބާދީއާއި ޙާލަތަށް ބައްލަވައި އިސްލާޙު ކޮށްދެއްވަންވީ” މ. މުލީ ކައުންސިލްގެ ޝަމްޢޫން ރާމިޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނުކުރެވޭފަދަ ކަންތައްތައްވެސް މިހާރު ކައުންސިލްތަކާ ޙަވާލު ކުރެވިފައި އޮތް ކަމަށެވެ. އެގޮތުން މަގު ބައްތި، ފެނަކައާއި ޙަވާލު ކޮށްދިނުމާއި ޕްރީ ސްކޫލުތައް އެޑިއުކޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ދިނުމަކީ، ކަންކަން މެނޭޖު ކުރުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް އަންނާނެ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ވާދޫ ކައުންސިލްގެ ރައީސް ހަސަން ޢަބްދުﷲ ވިދާޅުވަނީ އޭނާގެ އުންމީދަނީ އޭނާގެ އާބާދީއަށް ހެޔޮ ބަދަލެއް އަންނާނެ ފަދަ ގޮތަކަށް ވާދޫގެ އިޚުތިޞާޞްގެ ތެރޭގައި ހިމެނެ ކަންކަމާގެން ކުރިއަށް ދެވޭގޮތަށް ނިމާލް، ކަންކަން ފަހިކޮށް ދެއްވުމެވެ.

“ތަޖުރިބާގެ ގޮތުން ނިމާލު އެއީ، އެމަޤާމަށް އެންމެ ރަނގަޅު މީހާ.” ޙަސަނު ވިދާޅުވިއެވެ.

ބައެއް  ކައުންސިލަރުން ވަނީ، ލާމަރުކަޒީ ނިޒާމުގައި ނިމާލްގެ ރެކޯޑާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މުސާރަ ބޮޑު ކުރެއްވުމަށް އޭނާ ވަކާލާތު ކުރެއްވި ކަމަށާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތައް ބާރުވެރި ކުރެއްވުމަށް ބައްދަލުވުންތަކުގައި އޭނާ ބާރުއަޅުއްވާފައިވާ ކަން އެފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!