ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހި: މޫސާ ޒަމީރު

އައްޑޫ ސިޓީގެ ތަރައްޤީއަށް އިންޑިއާއިން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި 220 މިލިޔަން ޑޮލަރު ޚަރަދު ކޮށްފައެވެ. އައްޑޫ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު ވިދާޅުވީ، މިއީ ރާއްޖޭގެ ސަރަޙައްދީ ތަރައްޤީއަށް އިންޑިއާއިން އިސްކަންދޭކަން ހާމަވާ ކަމެއް ކަމަށެވެ.

“އަޅުގަނޑު ވަރަށް އުފާވޭ އައްޑޫއަށް އަނބުރާ އާދެވުމުން. ހަނދާންވޭ 2 އަހަރު ކުރިން އަޅުގަނޑު ކުރި ދަތުރު. ރާއްޖެއަކީ މި ސަރަޙައްދުގައި އިންޑިއާގެ މުހިންމު ބައިވެރިއެއް. ދެޤައުމުގެ ގުޅުން މިހާރު ވަނީ ޒަމާނީ ގުޅުމަކަށް ބަދަލުވެފައި. އަޅުގަނޑުމެންގެ ގުޅުމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބަދަލު ގެނުވާފަދަ ގުޅުމެއް” ޖަޔަޝަންކަރު

އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިޔަ އައްޑޫ ސިޓީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ހަންކެޑެ ބްރިޖު މަސައްކަތް ނިންމައި މިއަދު ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.

އައްޑޫ ސިޓީ 4 ލޭން ޑިޓުއަރ ލިންކް ރޯޑް ނުވަތަ ހަންކެޑެ ބްރިޖަކީ ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ޗައިނާ ކުންފުންކަށް ހަވާލުކޮށްފައިވާ ރަށް، “ހަންކެޑެ” ބޭރުން ހުޅަނގު ދެކުނުގައި ތަރައްޤީ ކޮށްފައިވާ މަގެކެވެ. ހަންކެޑެ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. 1.463 ކިލޯމީޓަރުގެ މި ބްރިޖަކީ، 4 ލޭނަށް ތަރައްޤީ ކޮށްފައިވާ ބްރިޖެކެވެ. އައްޑޫ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދިޔައީ އެ ސިޓީގެ މަގު ހެދުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢާ އެކީގައި އެމަސައްކަތް ކުރި އިންޑިއާގެ އެފްކޮން ކުންފުނިންނެވެ.

އެފްކޮން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިއަށް ގެންގޮސްފައިވާ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 184 ހެކްޓަރުގެ ބިން ހިއްކާފައި ވެއެވެ. އަދި ފެން ހިންދާ ނިޒާމަކާއެކު އައްޑޫގެ މަގު ހެދުމުގެ މަޝްރުޢުވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ނަމަވެސް މި މަޝްރޫޢު އަދި ނިމިފައެއް ނުވެއެވެ.

ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިންޑިއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރު އައްޑޫ ގަމުގެ ވައިގެ ބަނދަރުން ފުރައި ވަޑައިގަތީ މިއަދ މެންދުރުފަހުގެ ވަގުތެއްގައެވެ. އިންޑިއާގެ ޚާރިޖީ ވަޒީރަށް އަލްވަދާޢު ވިދާޅުވީ، ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ.

ޖަޔަޝަންކަރުގެ ދަތުރުފުޅުގައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ޤާއިމް ކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ސަރުކާރާއި ހަވާލު ކުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާފައި ވެއެވެ.

ޖަޔަޝަންކަރުގެ މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީޤާއި އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވަވާފައި ވެއެވެ.

ޖަޔަޝަންކަރު ވަނީ އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދާގޮތްވެސް ބައްލަވައި ލައްވާފައެވެ. މި މަސައްކަތް ފަށާފައި ވަނީ 2022ގައެވެ. މިއީ ރާއްޖޭގައި ހިންގޭ ޢުމުރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. މި ބުރިޖުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ.

އިންޑިއާ ފަތުރުވެރިންނަށް ރާއްޖޭގައި ފަސޭހައިން ފައިސާ ދެއްކޭ ގޮތަށް އިންޑިއާގެ ފިންޓެކް ޔޫޕީއައި ރާއްޖޭގައި ބޭނުން ކުރުމާ ބެހޭ ގޮތުންވެސް އެއްބަސްވުމުގައި ސޮއިކޮށްފައި ވެއެވެ.، ރާއްޖޭގައި ޔޫޕީއައި ތަޢާރަފް ވުމުން، ވިޔަފާރިތަކަށް އިންޑިއާ މީހުންނަށް އެމީހުން ގައުމުގައި ފައިސާ ދައްކާ ގޮތަށް މޮބައިލް ބޭނުންކޮށްގެން ފައިސާ ދެއްކޭނެއެވެ. މިހާރު ޔޫޕީއައި ބޭނުން ކުރަމުން ދަނީ ފްރާންސާއި ޔޫއޭއީއާއި މޮރިޝިއަސް ސްރީލަންކާ އަދި ސިންގަޕޫރުގައެވެ. މި ނިޒާމު ހަމަޖެހިގެން ދިއުމާއެކު އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި ރާއްޖޭގައި ހަ ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވެއެވެ. އޭގެ ތެރޭގައި ސިވިލްސާވިސްގެ އެއްހާސް މީހުން އިންޑިއާގައި ތަމްރީނު ކުރމުގެ އެއްބަސްވުުންވެސް ހިމެނެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވަނީ އިންޑިއާގެ އަމާޒަކީ ރާއްޖެއާއެކު ގުޅުން ބަދަހިކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ފުޅާ ކުރުމުމެވެ،

ހިއްސާ ކުރައްވާ!