އޭޑީކޭ ހޮސްޕިޓަލުން އިއްޔެ، މަޖިލީހުގެ ފިނޭންސް ކޮމެޓީއަށް ހުށަހެޅި ޕްރެޒެންޓޭޝަނެއްގައި ޞިއްޙީ ދާއިރާގެ ހޭދަތަކަށް އަލިއަޅުވައިލާ ފައިވެއެވެ. އޭޑީކޭއިން ހުށަހަޅާފައިވާ، ޕްރެޒެންޓޭޝަންގައި، ރައްޔިތުންނަށް އިންޝޫރެންސްގެ ޚިދުމަތް ފޯރުވައިދޭ އާސަންދައިގެ ދެ ބިލިއަން ރުފިޔާގެ ބަޖެޓަކާއެކު ހަސްފަތާލު ތަކަށް ކުރާ ހޭދަތައް ކޮމިޓީގެ މެމްބަރުންގެ ސަމާލުކަމަށް ގެނަސްފައި ވެއެވެ.
އޭޑީކޭއިން ހުށަހެޅި ޕްރެޒެންޓޭޝަނުން ހާމަވަނީ، އާސަންދައިގެ ބަޖެޓު ރައްޔިތުންގެ ކޮންމެ ބޮލަކަށް ބަހާލާއިރު، ފަސްހާސް ރުފިޔާގެ ހޭދައެއް ޖެހޭ ކަމަށެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ބަޖެޓަކީ 3 ބިލިއަން ރުފިޔާ އެވެ.
އޭޑީކޭއަކީ ރާއްޖޭގައި ޕްރައިވެޓް ސެކްޓާރގެ ކާމިޔާބު މޮޑަލެއް. އަދި އެ މޮޑެލް ބިނާކޮށްފައިވަނީ، ސަރުކާރަށް ބުރަ ބޮޑު ނުވާ ގޮތަށް، ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ދޭގޮތަށް: ނާޝިދު
އޭޑީކޭގެ ޕްރެޒެންޓޭޝަނުން ހަސްފަތާލުތަކުގައި އެނދަކަށް އަހަރަކު ޖެހޭ މިންވަރުވެސް ހާމަކޮށްދީފައި ވެއެވެ. އެގޮތުން، ހަސްފަތާލު އެނދަކަށް، އެންމެ ގިނައިން ރާއްޖޭގައި ހޭދަކުރަނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ނެވެ. އެ ހަސްފަތާލުގައި 400 އެނދު ހުންނައިރު، ކޮންމެ އެނދަކަށް 3.75 މިލިއަން ރުފިޔާ އަހަރަކަށް ޖެހެއެވެ. އެހެން ހަސްފަތާލުތަކަށް ބަލާއިރު،125 އެނދު ހުންނަ ހުޅުމާލެ ހޮސްޕިޓަލުގެ އެނދަކަށް 3.4 މިލިއަން ރުފިޔާ އަދި 100 އެނދު ހިމެނޭ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އެނދަކަށް 2.86 މިލިއަން ރުފިޔާ ޖެހެއެވެ.
ސަރުކާރު ހަސްފަތާލުތަކުން އެނދަކަށް ޖެހޭ މިންވަރާއި، އޭޑީކޭގެ އެނދަކަށް ޖެހޭ މިންވަރާ އަޅާ ބަލާއިރު، 225 އެނދު ހުންނަ އޭޑީކޭ ހޮސްޕިޓަލް ހިންގަނީ އެނދަކަށް 2.4 މިލިއަން ރުފިޔާގެ ކުޑަ ހޭދައެއް ގައެވެ.
އޭޑީކޭގެ މިހާރުގެ ބަޖެޓަކީ 540 މިލިއަން ރުފިޔާ އެވެ. ކާފު ނޫހާ ވާހަކަ ދައްކަވަމުން، އޭޑީކޭގެ އެމްޑީ އަޙުމަދު ނާޝިދު ވިދާޅުވީ، އޭޑީކޭއަކީ ރާއްޖޭގައި ޕްރައިވެޓް ސެކްޓާރގެ ކާމިޔާބު މޮޑެލެއް ކަމަށެވެ. އަދި އެ މޮޑެލް ބިނާކޮށްފައިވަނީ، ސަރުކާރަށް ބުރަ ބޮޑު ނުވާ ގޮތަށް، ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ދޭގޮތަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އަހަރެއްގެ މައްޗަށް (480,000) ހަތަރު ލައްކަ އަށްޑިހަ ހާސް ބަލި މީހުން ބަލާ ހަސްފަތާލަކީ، މިހާރު 90 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަން ނާޝިދު ފާހަގަ ކުރެއްވިއެވެ.
ސަރުކާރުގެ އިންޝޫރެންސް ސްކީމުތަކުން އޭޑީކޭއަށް ލިބޭ ޢަދަދާ މެދު ސުއާލު ދެންނެވުމުން އޭނާ ވިދާޅުވީ އާސަންދައާއި ޕޮލިސް އަދި އެމްޑީއެފް ފަދަ ފަރާތްތަކުން 360 މިލިއަން ރުފިޔާ ލިބޭ ކަމަށެވެ. އަދި (ހިސާބެއް ހެދުމުގެ މަޤްޞަދުގައި) އެފައިސާއަކީ ސަބްސިޑީއެއް ކަމަށް އެއްވެސް ފަރާތަކުން ބަލައިފިނަމަ، އޭޑީކޭ މިހާރު ހިންގާ ބަޖެޓާއި އައިޖީއެމްއެޗްގެ އެނދަކަށް ޖެހޭ ޢަދަދާ އަޅާ ބަލާއިރު، ސަރުކާރުން އޭޑީކޭ ހިންގާނަމަ، 844 މިލިއަނެއްހައި ރުފިޔާ ބޭނުންވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ތަކުރާރުކޮށް އޭޑީކޭގެ މިހާރުގެ ބަޖެޓުކަމުގައިވާ، 540 މިލިއަން ރުފިޔާ، އެއީ ނިސްބަތުން އެހެން ހުރިހައި ތަނަކާ އަޅައި ބަލާއިރު ކުޑަ ޢަދަދެއްކަން، ތަކުރާރުކޮށް އޭނާ އަޅުގަނޑުގެ ސަމާލުކަމަށް ގެންނެވިއެވެ.
މިއަދަކީ ސަރުކާރު ބަންދުވަހެއްކަމުގައި ވުމާއެކު އޭޑީކޭގެ އޯޕީޑީގެ ޚިދުމަތް މިއަދު ދެވުނުތޯ ދެންނެވުމުން ނާޝިދު ވިދާޅުވީ އެހެން ތަންތަނާ ޚިލާފަށް މިއަދަކީވެސް ހަމަ އާދައިގެ މަތިން އެ ހަސްފަތާލަށް ބާރު ބޮޑު ދުވަހެއް ކަމަށެވެ.
މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަމުން އޭޑީކޭ ޓީމުގެ ފަރާތުން ބުނެފައި ވަނީ، ސިއްހީ ދާއިރާއަށް ކުރާ ހޭދަ މުރާޖަޢާ ކުރަން ޖެހިފައިވާ ކަމަށާއި ސިއްޙީ ފަރުވާ ދޭ އަމިއްލަ ފަރާތްތަކުގެ ތަރައްޤީއަށް ސަރުކާރުން އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އޭޑީކޭ ހޮސްޕިޓަލްގެ އެމްޑީ އަޙުމަދު އައްފާލް ވިދާޅުވީ ސްޓްރޯކެއް ޖެހިގެން 24 ގަޑިއިރުގެ ތެރޭގައި ބަލި މީހާ އޭޑީކޭއަށް ފޯރައިފިނަމަ އޭނާއަށް އަގު ނުކުރެވޭ ވަރުގެ ޞިއްޙީ ފަރުވާއެއް އެ ހަސްފަތާލުން ލިބޭނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ލިބެން ހުންނަ ފަރުވާ ދިނުމަށްވެސް ބޭރަށް ފޮނުވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އޭގެ ސަބަބުން ބޭރު ފައިސާ ބޭރުކުރެވި ބަޖެޓަށް ބުރަ ބޮޑުވާ ކަމަށެވެ.
މާލިއްޔަތު ކޮމިޓީއާ އޭޑީކޭ އިން ބައްދަލު ކުރުމުގެ މަޤްޞަދަކީ، އެ ހަސްފަތާލަށް ދިމާވެފައިވާ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތައް ޙިއްސާ ކުރުމެވެ. ސަރުކާރުން އޭޑީކޭއަށް ޖުލައި މަހާ ހަމައަށް 240 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވެއެވެ. އެހެންނަމަވެސް، ސަރުކާރުން ކޮންމެ މަހަކު ބިލުތަކަށް ފައިސާ ދައްކާއިރު ދައްކަމުން ގެންދަނީ، 25 ނޫނީ 30 މިލިއަނެއް ހައި ރުފިޔާ އެވެ.
އެ ޢަދަދާ ބެހޭ ގޮތުން އިތުރު ތަފްޞީލު ދެއްވަމުން ނާޝިދު ވިދާޅުވީ އޭޑީކޭ ހަސްފަތާލުގެ ހޭދަ، ދުވާލެއްގެ މައްޗަށް ދޮޅު މިލިއަން ރުފިޔާ އަރާ ކަމަށެވެ. މާނައަކީ، މަހެއްގެ މައްޗަށް އޭޑީކޭގެ ހޭދަ އުޅެނީ، 45 މިލިއަން ރުފިޔާ ގައެވެ.
އަދި މާލީ ވަޒީރާ ބައްދަލު ކުރައްވައި މިހާރު ނުދައްކައި ހުރި ބިލްތަކަށް ފައިސާ ދައްކާނެ ތާވަލެއް ހުށަހެޅުއްވި ކަމަށާއި އެ ތާވަލުގައި ފުރަތަމަ 3 މަހު، ކޮންމެ މަހަކަށް 50 މިލިއަން ރުފިޔާ ދެއްކުމަށް ހުށަހެޅުއްވި ކަމުގައި ވިދާޅުވިއެވެ. ނާޝިދު ވިދާޅުވީ، ބިލްތަކަށް ސަރުކާރުން ފައިސާ ދެއްކުން ލަސްވާނަމަ، އަންނަ އަހަރުގެ މިހާތަނަށް، ސަރުކާރުން ދައްކަން ޖެހޭ ޢަދަދު، 400 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
އަދި އާސަންދައިން ފައިސާ ލިބުން ދަތިވުމާއެކު އޭޑީކޭގެ ބޭސް ސަޕްލައިއަށްވެސް ބުރޫ އަރާކަމަށާއި ނަތީޖާއެއްގެ ގޮތުން ހައްސާސް ބައެއް ބޭސްތައް ލިބުމުގައި ސަޕްލައި ކުރާ ފަރާތްތަކުން ދަތިތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުދި ބޭސް ފިހާރަތަކަށް ލިބެންވާ 60 މިލިއަނެއްހައި ރުފިޔާ ލިބިފައި ނެތުމުން އެފަރާތްތަކަށްވެސް އޭޑީކޭއިން ދަރަންޏަށް ނަގާފައިވާ ބޭސްތަކަށް ފައިސާ ދެއްކުމުގައި ތާށިކަމެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.
އޭޑީކޭ އިން އިއްޔެ ރައްޔިތުންގެ މަޖިލިސްއާ އެކު ބޭއްވި ބައްދަލުވުމަކީ އެ ހަސްފަތާލުން އެދިގެން ބާއްވާފައިވާ ބައްދަލުވުމެކެވެ. އޭޑީކޭން އެކަމަށް އެދިގެން ސިޓީ ފޮނުވައިފައި ވަނީ، މަޖިލީހުގެ ރައީސަކަށް މުޙައްމަދު ނަޝީދު ހުންނެވިއިރު އެވެ.