ފަލަސްޠީނު މީހުންގެ ކެކުޅުމަށް ނިމުމެއް ނެތި ދޯޙާ މަޝްވަރާތައް ނިންމާލައިފި

އެމެރިކާ އިން ފިއްތައިގެން ދޯޙާގައި ޞުލްޙައިގެ ނަމުގައި ބާއްވާފައިވާ މަޝްވަރާތަކުގައި ޙަމާސް ބައިވެރިއެއް ނުވެއެވެ. ޒަޔަނިސްޓުންނާއި އެމެރިކާއާއި މިސްރާއި ޤަތަރުން އެ މަޝްވަރާތަކުގައި ބައިވެރިވިއެވެ.

މިއަދު، އެމެރިކާއިން ދަނީ އަމިއްލަ ބުރަކަށީގައި ފިރުމަމުން، މި މަޝްވަރާތަކުން، ޒަޔަނިސްޓު ހަނގުރާމައިގެ އަސީރުން މިނިވަން ކުރުމަށާއި ޒަޔަނިސްޓު ޓެރަރިސްޓް ޙަމަލާތައް ހުއްޓާލުމަށް މަގެއް ކޮށުނު ކަމަށް ބުނަމުންނެވެ. އެމެރިކާގެ ރައީސް ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވައިޓްހައުސްގައި މި މޭރުމުން ވާހަކަ ދައްކަވާފައެވެ.

ދޯޙާގެ ދެ ދުވަހުގެ މަޝްވަރާތަކުން ޙާޞިލުވީ ކޮން ކަމެއް ހެއްޔެވެ؟

ޙަމާސްއިން ވަނީ އެއްވެސް ކަމެއް ޙާޞިލު ނުކުރެވޭ ކަމަށް ބުނެފައެވެ. ތެދެކެވެ! މިއީ އީރާންގެ ހަމަލަ ފަސްކޮށްލުމަށް އެމެރިކާއިން ރާވައިގެން ބޭއްވި މަންޒަރު ދެއްކުމެކެވެ.

ޞުލްޙައަށް ކަމަށް ބުނެ މަޝްވަރާތައް  ފެށުމުގެ 48 ގަޑިއިރު ކުރިން އެމެރިކާއިން ޒަޔަނިސްޓު ސަރުކާރަށް ފަލަސްޠީނު މީހުންގެ ނަސްލު ނައްތާލައި ޤަތުލުޢާންމު ހިންގަން 27 ބިލިއަން އެމެރިކާ ޑޮލަރު ދިނެވެ. ދޯޙާގައި މަޝްވަރާތައް ބޭއްވުމުގެ އެއްދުވަސް ކުރިންވެސް ޤަތުލުޢާންމެއް ހިންގިއެވެ. އަދި މަޝްވަރާތައް ހިނގަމުން ދިޔައިރު، ޚާން ޔޫނުސް ރެފިއުޖީ ކޭޕާއި ދެކުނު ޣައްޒާއާއި މެދުތެރޭ ޣައްޒާއިން ރައްޔިތުން ބޭރުވުމަށް ޒަޔަނިސްޓު ޓެރަރިސްޓް ސިފައިން އޯޑަރު ދެމުން ދިޔައެވެ. އަދި އެތަންތަނަށް ޙަމަލަ ދެމުން ދިޔައިރު، ރަފަޙައަށްވެސް ބޮން އަޅަމުން ދިޔައެވެ.

ޢަރަބި ޒަޔަނިސްޓުން ބޭނުން ވަނީ ޙަމާސްގެ އަޑު ކަނޑުވާލައި ފަލަސްޠީނުގެ މައްސަލަ ހިންދާލައި އެމީހުންގެ ވެރިކަމާއި އިޤްތިޞާދު ކުރިއެރުވުމުގެ މަސައްކަތުގައި ކުރިއަށް ދާށެވެ.

ދޯޙާ މަޝްވަރާއަށް އެމެރިކާއާއި ޒަޔަނިސްޓުން ބޭނުން ކޮށްފައި ވަނީ އެމީހުން، ކުޅެމުންދާ ނަފްސާނީ ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ސިލްސިލާއެކެވެ. ލައިނުގަނެގެން، މި މަޝްވަރާތައް އެމެރިކާއިން ބާރު މިނެއްގައި ކުރިއަށް ގެންދިޔައީ އީރާނުން ޒަޔަނިސްޓުންގެ ޓެރަރިސްޓް ޙަމަލައަށް ބަދަލު ހިފަން ޙަމަލައެއް ދީފާނެ ކަމުގެ ބިރަށް އެކަން ލަސްކޮށް، ފަސް ކުރެވޭތޯއެވެ.

އީރާނުންވެސް ވަނީ މަޝްވަރާއަށް ފުރުޞަތު ދީފައެވެ. އީރާނުން ބުނެފައި ވަނީ މަޝްވަރާތައް ކާމިޔާބު ވޭތޯ އިންތިޒާރު ކޮށްލާނެ ކަމަށެވެ.

ދުނިޔޭގެ ރައްޔިތުންނަށް ޞުލްހައިގެ ނަމުގައި ދަޅަދެއްކުމަށްފަހު އެމެރިކާ ކުރިއަށް ގެންދިޔަ ޝޯ ވަނީ ފަލަސްޠީނުގެ ކެކުޅުމަށް ރާޙަތެއް ނުލިބި، ނިމިފައެވެ.

ކޮންމެ ފަހަރަކުވެސް ޒަޔަނިސްޓުން ކަންކޮށްފައިވަނީ މިގޮތަށެވެ. ކޮންމެ ޞުލްޙައިގެ ވާހަކައަކީ ދެން ބާއްވާ ވާހަކައަކަށް އިންތިޒާރު ކޮށްލާށޭ ބުނެ ނިންމާލާ ބައްދަލުވުމެކެވެ. ނިމުމެއް ނެތް ސިލްސިލާއެކެވެ. މި ހުރިހައި ފިތުނައަކާއި ހަނގުރާމައެއްގެ މުގުލުގައި އޮތީ އެމެރިކާ ނޫން ކޮން ބައެއް ހެއްޔެވެ؟

ހިއްސާ ކުރައްވާ!