ސަރުކާރުން ސިއްކަޖެއްސެވި ކީރިތި ޤުރުއާނުގެ ދިވެހި ތަރްޖަމާ

ޙުސައިން ރަޝީދު އަޙްމަދު.

ރަސްމީ ތަރްޖަމާ:

ކޮންމެވެސް ޢަދަދަކަށް ދިވެހި ބަހުން ލިޔެވިފައިވާ ޤުރުއާނުގެ ތަރުޖަމާތައް ރާއްޖޭގައި އެބަހުއްޓެވެ. އެހެނަސް ރާއްޖޭގައި  ރަސްމީކޮށް ބޭނުންކުރެވޭ ޤުރުއާން ތަރްޖަމާއަކީ ރައީސް މައުމޫނުގެ ދުވަސްވަރު ކުރެވިފައިވާ ތަރްޖަމާއެވެ. މީހަކު ދީނީ ފޮތެއް ލިއުނަސް އިސްލާމިކް މިނިސްޓްރީއިން އަންގަވަނީ އޭގައި ހިމެނޭ އާޔަތްތައް ސަރުކާރުން ނެރެފައިވާ ތަރްޖަމާއާ އެއްގޮތް ކުރުމަށެވެ.

މާނައާއި ތަފްސީރާ ފުށުއެރުން:

އެހެންކަމަށް ވާނަމަ ދެން އިތުރަކަށް މީހަކު ދީނީ ފޮތެއް ލިއުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އިތުރު ތަރުޖަމާއަކަށް އަމުދުން ބޭނުމެއް ނުޖެހޭނެއެވެ. އެހެންކަމުން ވަރަށް ގިނަ އާޔަތްތަކުގައި ދެމާނަ ކުރެވޭން ހުންނައިރު އެންމެންވެސް ޤަބޫލު ކުރަންވަނީ ސަރުކާރުން ސިލުޖެހި ތަރުމާއެވެ. މިދޭތެރޭގައި ބޭފުޅަކު މިދުވަސްވަރުގެ މަޝްހޫރު ޤުރުއާން ތަފްސީރެއް ކަމުގައިވާ “ޞަފްވަތުއް ތަފާސީރު” ތަރުޖަމާ ކުރެއްވިއެވެ. އޭނާއަށް ސަރުކާރުން އެންގެވީ ސަރުކާރުގެ ތަރުޖަމާއިން އާޔަތްތަކުގެ މާނަ ކުރުމަށެވެ. މީގެ ނަތީޖާއަކަށް އަންނާނީ އެތަކެއް އާޔަތްތަކުގެ މާނައާއި ތަފްސީރާ ފުށުއެރުމެވެ.

ޒަމާނާ ފިކުރާއި ޢިލްމާ އެއްގޮތަށް އެފަދަ އާޔަތްތަކުގެ މާނަ ބަދަލު ވޭވޭ ހުރުން:

ކީރިތި ޤުރުއާނަކީ ﷲގެ ޙަޟުރަތުން ބާވައިކެއްވުނު އެންމެ ފަހުގެ ކަލާމްފުޅެވެ. ކީރިތި ރަސޫލާ (ޞޢޥ) އަށް ލިބިވަޑައިގެންނެވި އަބަދީ މުޢުޖިޒާއެކެވެ. އެހެންކަމުން ޤުރުއާނުގެ ސީދާ ޞަރީޙަ މުޙްކަމް އާޔަތްތަކާއި ސީދާ ޞަރީޙަ މުތަޝާބިހު އާޔަތްތައް ފިޔަވައި އެނޫން އާޔަތްތަކުގެ ތެރޭން ގިނަ މާނަ އެކުކެވޭ ތަންތަނާއި ޢިލްމީ ބަސްފުޅުތަކާއި މިފަދަ ތަންތާގައި ޒަމާނާއި ފިކުރާއި ޢިލްމީ ހުނަރާއި ލިޔާޤަތްތެރިކަމަށް އަންނަ ބަދަލާއެކު އާޔަތުގެ މާނައަށްވެސް ބަދަލު އަންނާނެއެވެ. ކުއްލިއަކަށް އަޅުގަނޑުގެ ހަނދާނަށް އަންނަނީ ރިޔާސީ ރޭހުގައި ރައީސް މައުމޫނު ވިދާޅުވި ބަސްފުޅެކެވެ. “ޤުރުއާނުގެ ތަރުޖަމާއަކީ ޙުއްޖަތެއް ނޫނެވެ.” ތެދުފުޅެކެވެ. ކީރިތި ޤުރުއާނުގެ މިބައިގައި ހިމެނޭ އެއްޗެއް ޙުއްޖަތަކަށް ނުވާނެއެވެ. އެންމެން އެއްބަސްވާ މާނައެއް މިފަދަ ތަންތާ ނުކުރެވޭނެތީއެވެ. މީގެ މިސާލުތައް ވަރަށް ގިނައެވެ. އެއް މިސާލުން ފުއްދާލާނަމެވެ. އައްނަމްލު ސޫރަތުގެ 88 ވަނަ އާޔަތެވެ. އެއީ:

وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ ۚ صُنْعَ اللَّهِ الَّذِي أَتْقَنَ كُلَّ شَيْءٍ ۚ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ

މާނައީ: އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެ ތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ حال، ތިބާ ހީކުރަނީ، އެ ތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) اللَّه ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެ އެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

މިއާޔަތުގެ މާނަ ކުރައްވަމުން އިހުގެ މުފައްސިރުން ވިދާޅުވެފައި ވަނީ މިތާގެ މުރާދަކީ ޤިޔާމަތް ވާހިނދު ދުނިޔެއަށް އަންނަ ޙާލަތުގެ ވާހަކައެވެ. ފަރުބަދަ ފުނޑުފުނޑުވެގެން ކަފަ އުދުހޭ ފަދައިން އުދުހޭނެ ކަމަށެވެ. ނަމަވެސް މިއަދުގެ ޢިލްމުވެރިން ވިދާޅުވަނީ އެއިން ސާބިތުވަނީ ބިމަކީ ވަށް ތަރިއެއް ކަމާއި ބިން ދައުރު ކުރާ ކަމެވެ. ބިން ހަލާކުވާ ވާހަކައެއް ނޫންކަމެވެ.

ރައީސް މައުމޫނުގެ ތަރްޖަމާ ލިޔަން ފެށުނުގޮތް:

މި ތަރުޖަމާއަކީ ރައީސް އިބްރާހީމް ނާޞިރުގެ އަމުރުފުޅަށް ކުރެވުނު ތަރުޖަމާއެކެވެ. ސަރުކާރު ބަދަލުވުމާއެކު ތަރުޖަމާ އިޞްލާޙު ކުރަށްވަން ރައީސް މައުމޫނު ކޮމެޓީއެއް އެކުލަވާލެއްވިއެވެ. ކޮމެޓީގެ ރައީސަކީ ޚުދް ރައީސް މައުމޫނެވެ. ދެން ކޮމިޓީއަށް ނެންގެވި ބޭފުޅުންގެ ތެރޭގައި އަލްމަރްހޫމު އިބްރާހީމް ޙިލްމީ ފިޔަވައި ކުރީގެ ކޮމެޓީގައި ތިއްބެވި ހުރިހާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އައު ކޮމެޓީގައި ތިއްބެވީ:

މިފަހަރުގެ އައު ކޮމެޓީގައި ތިއްބެވީ އޭރުވެސް މިހާރުވެސް ރާއްޖޭގައި ތިއްބެވި އެންމެ ޢިލްމީ ބޭފުޅުންނެވެ. އޭގެ ތެރޭން ބައެއް ބޭފުޅުންގެ ނަންފުޅުތައް އަޅުގަނޑު ފާހަގަ ކޮށްލާނަމެވެ. އެއީ:

١- الرئيس الأستاذ مأمون عبد القيوم

٢- أستاذ الجيل المرحوم محمد جميل ديدي

٣- فضيلة الشيخ المرحوم موسى فتحي

٤- فضيلة الدكتور محمد رشيد أبراهيم

٥- فضيلة الشيخ المرحوم حسين عبد الرحمن.

މިނޫނަސް އުސްތާޛުންނާއި ޝައިޚުންނާއި ދިވެހިބަހުގެ އަދީބުން ކޮމެޓީގައި ތިއްެބެވިއެވެ. ޚާއްޞަކޮށް މި ފަސް ބޭފުޅުންނަކީ ޢަރަބި ބަހަށާއި ދިވެހި ބަހަށް އަރާތިއްބެވި ބޭފުޅުންނެވެ. ރާއްޖޭގައި ނެތްފެންވަރުގެ ފުންނާބު އުސް ޢިލްމީ ބޭފުޅުންނެވެ.

ރައީސް ނާޞިރުގެ ތަރްޖަމާ އިޞްލާޙު ކުރުން:

ނާސިރުގެ ތަރުޖަމާ ކުރެވުނީ (އަޅުގަނޑު ހަނދާންވާ ގޮތުގައި) 5 ބޭފުޅަކަށް ފަސްބަޔަށް ބަހާލައިގެން ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ބައި ގިނިކަންނާއެވެ. އެކަމަކު މައުމޫނުގެ ތަރްޖަމާ ކުރެވުނީ މުޅިޓީމު ޖަމާޢީ ގޮތަށެވެ.

ތަރުޖަމާ އިޞްލާޙު ކުރެއްވުމުގައި ކުރިމަތިފުޅުވެ ވަޑައިގަތް ގޮންޖެހުންތައް:

ދެން މިތަރުޖަމާ އިސްލާހު ކުރުމުގައި އެތަކެއް ގޮންޖެހުން ތަކެއް ކުރިމަތިވި ކަމަށް އަޅުގަނޑު ދެކެމެވެ. މިގޮތުން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވަރަށްގިނަ ދިވެހިން ދެކޭގޮތުގައި ސިޔާސީ ބޭފުޅުންތަކެއް ސިޔާސީ މަސައްކަތެއްގެ ގޮތުގައި ﷲގެ ކަލާމްފުޅު ތަރުޖަމާ ކުރަށްވަން ފެއްޓެވުމެވެ. އަނެއް ބޮޑު ހުރަހަކީ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ކޮންމެ ބޭފުޅަކީ ސަރުކާރުގެ މަތީމަޤާމު ގައި ބުރަކޮށް މަސައްކަތް ކުރަށްވާ ބޭފުޅަކަށް ވުމެވެ. ހަމައެއާއެކު މުޅިއޮޑީގައި ޙަސަނުގެ ދެފައި ހުރުމަކީވެސް އެހާބޮޑު ދައްޗަކަށް ވިއެވެ. ކޮންމެ ކޮންމެ މެންބަރަކަށް ތިމާގެ ރައުޔު ހުށަހަޅުއްވަން ކެރިވަޑައި ނުގަތުމެވެ. އަނެއް މައްސަލައަކީ އެއްވެސް ބޭފުޅަކު ވަޑައިގަންނަވާއިރު އިޞްލާޙު ކުރަށްވަން އުޅުއްވާ ބައި ދުރާލާ މުޠާލަޢާ ކުރަށްވާފައި ނެތުމެވެ.

އުފެއްދުމަށްވުރެން މަރާމާތުގެ މުއްދަތު ދިގުވުން:

މިތަރުޖަމާގައި އިޞްލާޙު ކުރުމަށް ބޮޑަށް އަމާޒުވެފައި އޮތީ އަންދާޒާ ކުރެވޭ ގޮތުން އިބްރާހީމް ޙިލްމީގެ ތަރުޖަމާއާއި ޒާހިރު ޙުސައިނުގެ ތަރުޖަމާއަށެވެ. އެއީ އެދެބައިގައި ކުށްތައް ގިނަކަމަށް ނުފޫޒުގަދަ މީހުން ދެކޭތީއެވެ.

ތަރުޖަމާއަށް ވުރެން އިޞްލާޙުގެ މުއްދަތު ދިގުވުން:

ރައީސް ނާޞިރު މަދު ދުވަސްކޮޅަކުން ނިންމެވި ތަޖުމާ އިޞްލާޙު ކުރުމަށް ރައީސް މައުމޫނުގެ ދައުރުގައި  29 އަހަރު ހޭދަވިއެވެ. އެންމެފަހުން ޗާޕްކުރެވި ނެރުއްވައި ދިވެހި ރައްޔިތުންނަށް ހިލޭސާބަހަށް ބައްސަވަން ފެއްޓެވީ ރިޔާސީ ރޭހުގެ ތެރޭގައެވެ. އެމަނިކުފާނު ކުރެއްވި ދީނީ ބޮޑު ޚިދުމަތެއްގެ ގޮތުގައެވެ. އޭގެ ނަތީޖާވެސް ދިޔައީ ވަރަށް ހިތި ގޮތަކަށެވެ.

ދެވަނަ މުރާޖަޢާ ކުރުން:

ތަރުޖަމާ ނިމުމަށް ފަހު ދެވަނަ ފަހަރަށް މުރާޖަޢާ ކުރެއްވުމަށް އޮނަރަބަލް ޢައްބާސް އިބްރާހީމުގެ އަތްޕުޅަށް އެރިއެވެ. ޚަބަރު ލިބުނު ގޮތުގައި އެމަނިކުފާނު ވަރަށް ބޮޑަށް އަޞްލު ތަރުޖަމާއަށް ބަދަލު ގެންނެވިއެވެ. މުޅިން ރޫޅާ ލައްވަވާފައި ރޭއްވެވީއެވެ. އެހެން ޢިބާރަތަކުން ބުނާނަމަ މިއިޞްލާޙުގެ ސަބަބުން ތަރުޖަމާއަށް އޮތީ އަޞްލުގައި ވެސް “ހަނޯބަރާފަ” އެވެ.

ޗާޕުކުރުން:

އޭގެފަހުން މިފޮތް ޗާޕު ކުރުމަށް ދިޔައީ ވާރޭވިލާ އަލްމަރްޙޫމު ޢަލީ ޙުސައިންގެ އަތްޕުޅަށެވެ. ނޮވެލްޓީ ޗާޕްޚާނާއަށެވެ. ބަސްތެރިކަން ކަމުނުގޮސްގެން ޢަލީ ޙުސައިން ބޮޑެތި އިޞްލާޙުތަކެއް ގެންނެވި އެވެ. އަނެއްކާ ދެވަނަފަހަރަށް ތަރުޖަމާ އިޞްލާޙު ކުރެވުނީއެވެ. ރައީސް މައުމޫނުގެ ލަފާފުޅު މަތީންނެވެ. އަލީ ޙުސައިން އިޞްލާޙު ކުރެއްވުމުގައި ބައްލަވާފައިވަނީ ކުރީގެ ތަރްޖަމާއާއި ޢައްބާސްގެ އިޞްލާޙާއި އަޅައި ބައްލަވައިގެން ޢަލީ ޙުސައިނަށް ފެނިވަޑައިގަންބަވާ ގޮތަކަށެވެ. ދެން ރައީސަށް ފޮނުއްވައިގެން އެއިޞްލާޙަކާމެދު އެމަނުކުފާނުންގެ ހާނބަސްފުޅު ހޯއްދަވަނީއެވެ. މިގޮތަށް ގޮސް މުޅި ތަރްޖަމާ އިޞްލާޙުވީ ފުލޯކު ވާހަކައެއް އިޞްލާޙު ކުރެވޭ ބީދައިންނެވެ.

ފުލޯކުވާހަކައެއް ނޫނެވެ.

ﷲގެ ކަލާމްފުޅު އެންމެ ފަހުން އިސްލާހު ކުރެވުނީ ފުލޯކު ވާހަކައެއް ރީތިކޮށް އަތުރާލެވޭ ފަދައިން އެދެބޭފުޅެއްގެ އަތްޕުޅުގައި ޤުރުއާން ތަފްސީރުގެ ކަންފުޅެއް ވެސް ނެތް އަދި ޢަރަބިބަސް ވެސް ކުޑަކޮށްވެސް ދެނެވަޑައި ނުގަންނަވާ ދެބޭފުޅެއްގެ އަތްޕުޅު މަތިންނެވެ. އެދެބޭފުޅުންނަށް ކިތަންމެ މޮޅަށް ދިވެހިބަސް އެނގިވަޑައިގަތް ކަމުގައި ވިއަސް ﷲގެ ކަލާމްފުޅާ ކުޅުއްވަން އެނގިވަޑައި ނުގަންނަވާނެކަމީ ހަމަ ގައިމު އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫނެވެ. ކީރިތި ޤުރުއާންގެ ތަރްޖަމާއަކީ ފިލްމީ ވާހަކައެއްގެ ސްކްރިޕްޓު އަތުރައި އަމުޱާލެވޭ ފަދައިން  އަމުޱާލެވޭ ނަސްރެއް ނުވަތަ ޅެމެއް ނޫނެވެ.

މިތަރުޖަމާގައި ހުރި  ބަހަވީ ބައެއް ކުށްތައް;

(މިވާހަކަތައް ދެވަނަ ބައިގައި ބަޔާން ކުރާނަމެވެ. އިންތިޒާރު ކޮށްލައްވާ)

ހިއްސާ ކުރައްވާ!