ބުޅާ މަހުން ސެބްމެރިން ހެދި ވާހަކަ ދައްކާފަ ސަޔެއް ބޯލަންވީ ހެއްޔެވެ؟

ޢަރަފާތު ޙުސައިންގެ ވާހަކަ ދައްކާފައި މި ޖަރީމާގެ ވާހަކަ ނިންމާލަނީ ހެއްޔެވެ؟ އަރަފާތު ޙުސައިނަށް އެތަން ކުއްޔަށް ދިނީ ކާކު ހެއްޔެވެ؟ މި އޮތްފަދަ ވަރުގަދަ ފުލުހުންނާއި މުއައްސަސާތަކާއި، ޤާނޫނުތަކާއި ޤަވާޢިދުތައް ހުރި ޤައުމުގައި ހަމަ ދިވެއްސެއްގެ ބައިވެރިވުމެއް ނެތި ޢަރަފާތު ހުސައިންނަށް ކައްކައި ކާންދީ، އެއިން އާމްދަނީ ހޯދައި، އެ ފައިސާ ރަށަށް ފޮނުވައި ހެދޭ ހެއްޔެވެ؟

މިއީ ޤާވާއިދާ ޚިލާފަށް އުޅޭ ބަނގްލަދޭޝް މީހަކާ ހަމައިން ނިންމާލަން ޖެހޭ ކަމެއް ކަމަށް ދައްކަނީނަމަ، އެއީ އާންމު ދިވެހިންގެ ވިސްނުމަށް ކުރެވެ މަލާމާތެކެވެ!

އަރަފާތު ޙުސައިންގެ ޖަރީމާއަކީ، އެތައް ފިޔަވަޅެއް އެޅުމުގެ ތެރޭން ތިލަވެގެން ދިޔަ ބޮޑު އެއް މައްސަލައެވެ. މިފަދަ ކިތައް މައްސަލަ އަދިވެސް އެބަ ހުރި ހެއްޔެވެ؟

މިކަމުގައި ހުރިހައި ހެޔޮ ބަހެއް ޙައްޤު ވަނީ އިމިގްރޭޝަނަށެވެ! އިމްރޭޝަނުން އެ އަޅަމުންދާ ފިޔަވަޅުތައް މީގެ ކުރިން އެހެން އިދާރާތަކަށްވެސް އެޅުނީހެވެ! ޕޮލިސް ވެސް މެއެވެ! އަދި އެފްޑީއޭވެސް މެއެވެ!

އިމިގްރޭޝަނުން ހޮޓްލައިނެއް ހަދާފައިވާއިރު އެހެން މުއައްސަސާތަކުގައި އެފަދަ ކަންކަން ކުރުމަށް ބަޖެޓެއް ނެތީ ހެއްޔެވެ؟

އިމިގްރޭޝަންގެ ވެރިން ވަނީ ގޮނޑު ހޫނުކުރުމުގެ ސަގާފަތުން މައްސަލަތައް ޙައްލު ނުވާނެކަން ސާބިތު ކޮށްދީފައެވެ. އެހެން އިދާރާތަކުން ޢިބްރަތް ލިބިގަންނަން ވެއްޖެއެވެ.

އަދި އަހާލަން ބޭނުމެވެ! ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވެގެން މިވާހަކަ މީހަކު ދައްކައިފި ހެއްޔެވެ؟ ނޫނީ މިކަމުގެ ފުނަށް ފީނައިގެން ދިއުމަށް ޓާސްކްފޯހެއް ހަދައިގެން ބަލަން ބަޔަކު ވާހަކަ ދައްކައިފި ހެއްޔެވެ؟

 

ހިއްސާ ކުރައްވާ!