ޓޯކިޔޯ އިސްލާމީ މަރުކަޒުގައި ކޮންމެ މަހަކު ފަސް މީހުން އިސްލާމްދީން ޤަބޫލުކުރޭ

ޖަޕާނުގައި ކޮންމެ މަހަކު ޓޯކިޔޯގެ އިސްލާމީ މަރުކަޒުގައި 5 މީހުން އިސްލާމްދީން ޤަބޫލުކޮށް ޝަހާދަތުގެ ދެކަލި ކިޔައެވެ. އެވަރެޖުކޮށް، އަހަރެއްގެ ތެރޭގައި ޓޯކިޔޯ އިސްލާމީ މަރުކަޒަށް 15ހާސް މީހުން އިސްލާމް ދީނާ ބެހޭ ގޮތުން މަޢުލޫމާތު ހޯދަން  ޒިޔާރަތް ކޮށް ހަދައެވެ.

ޓޯކިޔޯގެ އިސްލާމީ މަރުކަޒުގެ އިމާމަކީ، އައްސައްޔިދު ނޫރުﷲ އެވެ. އޭނާއަކީ ތުރުކީގައި ފަސް އަހަރު ވަންދެން ޖަޕާނު ބަސް ދަސް ކުރެން އުޅެފައި އައި މީހެކެވެ. އޭނާ ހުކުރު ޚުތުބާ ކިޔައީ އައިޕެޑްގެ އެހީގައެވެ.

ހުކުރު ދުވަހުގެ ހުކުރު ޚުތުބާ އަޑު އެހުމަށާއި ނަމާދަށް އަންހެނުންވެސް އާދެއެވެ. އަދި މުސްލިމުން ނޫން މީހުންވެސް އިސްލާމީ މަރުކަޒަށް ހުކުރު ދުވަހު ޒިޔާރަތް ކުރެއެވެ. އެމީހުންނަށް  އެދުވަހު ކެއުން ތައްޔާރުކޮށްފައި ހުރެއެވެ.

މި މިސްކިތް ޑިޒައިން ކޮށްފައި ވަނީ ތުރުކީ މީހުންނެވެ. އަދި މަސައްކަތް ކޮށްފައި ވަނީވެސް ތުރުކީގެ މަސައްކަތް ތެރިންނެވެ. މި މިސްކިތުގެ ޑިޒައިން އެންމެ ވައްތަރީ ތުރުކީގެ ޖާމިޢު ސުލްޠާން އަޙުމަދާއި މިސްރުގެ މަސްޖިދު މުޙައްމަދު ޢަލީއާއެވެ.

އިސްލާމީ މަރުކަޒުގެ ރިސެޕްޝަން:

ޖަޕާނަށް މުސްލިމުންގެ އަސަރު ފޯރީ 1917 ވަނަ އަހަރު ރޫސީ އިންޤިލާބުގެ ދުވަސްވަރު 600 މުސްލިމުން ފިލައިގެން ތުރުކިސްތާނުން ޖަޕާނަށް އެތެރެ ވުމުންނެވެ. ތުރުކިސްތާނުން އައި މުސްލިމުން ޓޯކިޔޯގައި ވަޒަންވެރި ވުމުން، އެމީހުންގެ ކުދިންނަށް ކިޔަވައި ދިނުމަށް، 1928 ވަނަ އަހަރު ސަރުކާރުން ހުއްދަ ދީގެން ފުރަތަމަ މުސްލިމު ސްކޫލު ބިނާ ކުރިއެވެ. އަދި 1935 ވަނަ އަހަރު ހުއްދަ ލިބުމުން ފުރަތަމަ މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ފެށިއެވެ. އެ މިސްކިތުގެ މަސައްކަތް ނިމުނީ 1938ގައެވެ.

އެންމެ ފުރަތަމަ ބިނާ ކުރި މިސްކިތާއި ސަޤާފީ މަރުކަޒު

އި ޢިމާރާތްތައް ބާވެގެން ތަޅާލައި އައު އިސްލާމީ މަރުކަޒު ބިނާ ކޮށްފައިވަނީ 2000 ވަނަ އަހަރު އެވެ. އަދި ސަގާފީ މަރުކަޒު ވަނީ ތުރުކީގެ ސަގާފީ މަރުކަޒުގެ ގޮތުގައި ބަދަލުކޮށްފައެވެ.

ޓޯކިޔޯ އިސްލާމީ މަރުކަޒުގެ ހޯލު. މި ހޯލަކީ ލެކްޗަރ ހޯލެއްގެ ގޮތުގައާއި މައުރަޒުތައް ބެއްވުމަށް ބިނާ ކުރާ ހޯލެކެވެ.

ޖަޕާނު މީހުން މުސްލިމުންނާ އެންމެ ފުރަތަމަ ބައްދަލުވީ، 1800ގެ ފަހުކޮޅު އުރުނު ތުރުކީ ބޯޓަކުންނެވެ. އެ ބޯޓުން ސަލާމަތްވި މީހުން ޖަޕާނު ބޯޓަކުން ތުރުކީއަށް ގެންދިޔައެވެ. އެހިސާބުން ޖަޕާނު މީހުން މުސްލިމުންނާއެކު ވިޔަފާރި ކުރުމަށް ޝައުޤުވެރިވެ، ތުރުކީގެ އާސްތާނާއާއި ޖިއްދާގައި ކޮންސުލޭޓު އޮފީސް ހުޅުވައި މަސައްކަތް ފެށިއެވެ.

ޖަޕާނުގެ އެކި ހިސާބުގައި 80 އެތައް މިސްކިތެއް ހުރެއެވެ. އަދި މުސްލިމުންގެ ސާފު އަދަދެއް ޔަގީނެއް ނުކުރެވެއެވެ. ޖަޕާނަކީ ބޯ ހިމަނާއިރު ދީނީ ޢަޤީދާ ބަލައި އުޅޭ ޤައުމެއް ނޫނެވެ.

ޓޯކިޔޯ އިސްލާމީ މަރުކަޒުގެ ދެވަނަ ފަންގިފިލާއަކީ މިސްކިތެވެ. ފުރަތަމަ ފަންގިފިލާއަކީ އިސްލާމީ މަރުކަޒަށް ޚާއްސަކޮށްފައިވާ ބައެވެ.

ޖަޕާނުގެ މުސްލިމު އާބާދީއަކީ 50 ހާސް ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ހަނގުރާމަ ކުރި ގިނަ ބަޔަކުވެސް އިސްލާމް ވުމަށްފަހު ހަނގުރާމަ ނިމުމާއެކު ޖަޕާނަށް އައިސް ދަޢުވާގެ މަސައްކަތުގައި ހަރަކާތްތެރިވިއެވެ.

ހިއްސާ ކުރައްވާ!