ރާއްޖެއަށް ތެލުގެ އައު ޝިޕްމަންޓެއް ގެނެސްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ބޭނުންވާ ތެލުގެ އައު ޝިޕްމަންޓެއް މިއަދު ގެނެސްފިއެވެ. މި ޝިޕްމަންޓް މިހާރު މާލޭގައި ބަނދަރުކޮށްފައިވާކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

"އެމްއެމްޓީވީ" އަށް މައުލޫމާތު ދެމުން އެސްޓީއޯއިން ބުނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، މިވަގުތަށް ރާއްޖެއަށް ތެޔޮ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި އާންމުންނަށް މާލީ ގޮތުން އިތުރު ތަކުލީފުތަކެއް އުފުލަން ނުޖެހޭނެކަން ކަށަވަރުކުރުމުގެ ގޮތުން ޕެޓްރޯލާއި ޑީސަލް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އަމިއްލަ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ބަދަލުތަކެއް ގެނައުމަށް ކުރިން ނިންމި ނަމަވެސް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ތެލުގެ އަގަށް އެއްވެސް ބަދަލެއް ނުގެނައުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ޝެޑްތަކުންނާއި އަތޮޅުތަކުގައި ހުންނަ އެސްޓީއޯގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ރައްޔިތުންނަށް ތެޔޮ ލިބޭ އަގު ހެޔޮކޮށް ބެހެއްޓުމަށްޓަކައި ސަރުކާރުން ވެސް ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެސްޓީއޯގެ ޑިވިޑެންޑުން ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރެވޭ ފައިސާ ބޭނުންކޮށްގެން އަގު ހިފެހެއްޓުމަށާއި، ތެލުގެ އަގުން ބޮޑުވާ ބައި ހަމަޖެއްސުމަށް 150 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ތެލުގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އިތުރު ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް ވެސް އެސްޓީއޯއިން މިހާރު ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ހިއްސާ ކުރައްވާ!