ކުށްވެރިންގެ ކަންކަން ބަލަހައްޓަން ބޭތިއްބި މީހުން ކުށްވެރިންގެ ގޮތުގައި

ރާއްޖޭގައި އާދައިގެ ނެސްކެފޭ ކޮފީ ތަށްޓެއް އެންމެ ބޮޑު އަގުގައި ލިބޭނެ ތަނަކަށް ހުންނާނީ މާފުށީ ޖަލެވެ. އަދި ވަޒީފާއެއް އަދާނުކޮށް، އާއިލާ ބަލަހައްޓައި ވަކީލަށް ދައްކާނެ ފައިސާ ހޯދޭނެ ހަމައެކަނި ތަނަކީވެސް (ކުށްވެރިންނަށް) މާފުށީ ޖަލެވެ. މިނިވަންކަމާއެކު މަސްތުވާތަކެތި ލިބެއެވެ. އަދި ސަތޭކަ ރުފިޔާއަށް ކޮޕީ ތަށްޓެއް ބޯލަން ލިބެއެވެ. ފޯނު ބޭނުން ކުރަން ލިބެއެވެ.

ހުރިހައި މުޢާމަލާތެއްގައިވެސް އެންމެ މުހިންމު ވަސީލަތަކީ، މޮބައިލް ފޯނެވެ. އެވެސް ސްމާޓް ފޯނެވެ. އަތުން އަތަށް ފައިސާގެ މުޢާމަލާތެއް ނުހިނގައެވެ. އޭގެ ބަދަލުގައި މުއާމަލާތު ކުރެވޭ ކަރަންސީއަކީ ފޯނަށް ރިލޯޑްކޮށް ދެވޭ ފައިސާއެވެ. ރިލޯޑްވީކަން ކަށަވަރު ވުމުން ޚިދުމަތް ލިބޭނެއެވެ. އެއީ މާފުށީ ޖަލެވެ.

ހިންމަފުށީ ޖަލުގައި ބޭނުން ވެއްޖެނަމަ، ޕިއްޒާއާއި ފޮތްވެސް ޑެލިވާ ކޮށްދޭނެއެވެ. މާލޭން ގެނަންނަ ޕިއްޒާ ޑެލިވާކޮށްދޭނީ ޑްރޯން މެދުވެރިކޮށެވެ. މަސްތުވާތަކެއްޗާ މެދު ހާސްވާކަށް ނުޖެހޭނެއެވެ. ރީހެބް ހުންނާނީ އެއް އިން ވެގެންނެވެ. ވިނަގަނޑު ހާވާލީމަ ޕެކެޓެއް ނުލި ނުދާނެއެވެ! މިއީ މާދުރު ނޫން ޒަމާނެއްގެ ވާހަކައެކެވެ! އިސްލާޙު ކުރުމުގެ ނަމުގައި ރިޕޯޓުތައް ހެދިއިރު މިވާހަކަ އަޑުއަހާނެ ކަންފަތެއް ނުވިއެވެ.

ފޮޓޯއިން ފެންނަން ތިބި މީހުންނަށް މިވާހައިގެ ހަޤީޤަތް އެނގޭނެއެވެ. މި ނިޒާމު ހިންގަން ތިބި މީހުންނަކީ އެމީހުންނާއި އެމީހުންގެ ބޮޑުންނެވެ. އެމީހުންގެ ވިޔަފާރިއާއި ގެސްޓްހައުސްތަކުގެ ވާހަކަތައް ކިޔައިދޭން ޖެހިލުމެއް ނުވެއެވެ. މައްސަލައަކީ އެނގި ތިބެވެސް ޢަލީ އިޙުސާނާ ޖެހެންދެން، މަސްއޫލުވެރިން އެކަންކަން މިއަދާހަމައަށް ފަހިކޮށްދީގެން ތިބުމެވެ.

މޮބައިލް ފޯނު ލިބުނަސް މޮބައިލްގެ ސިގްނަލް މާފުށީ ޖަލުގައި ލިބިގެން ނުވާނެއެވެ. ކޮންޓްރެކްޓެއްގެ ދަށުން ޖޭމަރު ބަހައްޓައިދީ 6 މަހުން ނޫނީ 12 މަހުން އެޖޭމަރުގެ އާފްޓަރ ސޭލްސް ސާވިސް ދެނީ ސިންގަޕޫރު ކުންފުންޏަކުންނެވެ. މި ވެރިންގެ އެކައުންޓުތަކުން ތިލަވި ފައިސާގެ ޢަދަދުތައް ބަލައިގެން މިކަމާ ޙައިރާން ވާކަށް ނުޖެހެއެވެ!

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ބަލަހައްޓަން ތިބި 5 ޖަލު އޮފިސަރެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ވަނީ ކުރިމިންލް ކޯޓަށް ހުށަހަޅާފައެވެ. މި މީހުންނަކީ، ވަޒިފާގެ ވާޖިބުތަކާ ޚިލާފުވެ، ވަޒީފާއިން މާލީ މަންފާ ހޯދައި، މަޤާމުގެ މުސާރައާ ނުބައްދަލު ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ މީހުންނެވެ.

ދައުވާ ކުރުމަށް ހުށަހަޅާފައި ވަނީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމާއި، ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމާއި ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤުގެ މައްޗަށެވެ.

ހިއްސާ ކުރައްވާ!