ޙުސައިން ރަޝީދު އަޙްމަދު.
* އެހެން މިސާލެއް:
* މަޖާޒީ ބަހެއްގެ ނުވަތަ މިސާލު ބަހެއްގެ ލަފުޒީ މާނަ ކުރުން:
(ހ) މަޖާޒީ ބަހާއި އިސްތިޢާރާއާއި ހަރުބަހާއި މިސާލު ބަހާއި މިފަދަ ބަސްތަކުގެ ލަފުޒީ މާނައެއް ނުކުރެވޭނެއެވެ. އެއީ އޭގެ މުރާދު ކިޔާ މީހާއަށް ދޭހަނުވާނެތީއެވެ. އެއްދުވަހަކު ރާއްޖޭގެ ވަރަށް މަޝްހޫރު ވާހަކަ ލިއުންތެރިއެއްގެ ވާހަކައެއް ކިޔާލުމުގެ ނަޞީބު އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑަށް އަޅައިގަތް އެއް ޖުމްލަ ދަންނަވާލާނަމެވެ. ” އާނ، ހީވަނީ މުގުގައި ކަޅު އޮށެއް އޮތީ ހެންނެވެ.” މިއީ މިސާލު ބަހެކެވެ. އުރުދޫ ބަސް އެނގިވަޑައިގަންނަވާ ބޭފުޅުންނަށް މިބުނާ އެއްޗެއް އިޙްސާސްވެ ވަޑައިގަތަސް ވާހަކަ ކިޔާ މީހަކަށް އެބުނާ އެއްޗެއް ނޭގޭނެއެވެ. އަދި އެތާގައި މުގަކާއި ކަޅުއޮށަކާ އެއްވެސް ގުޅުމެއް ވެސް ނެތެވެ.
(ށ) މިފަދަ ބަސްތައް މި ތަރުޖަމާގައި އެބަހުއްޓެވެ. އޭގައި ކޮށްފައިވާ ތަރުޖަމާއަކާއި ﷲގެ ކަލާމްފުޅުގެ މުރާދަކާ އެއްވެސް ގުޅުމެއް ނުހުރެއެވެ. އޭގެ މިސާލެއް ދަންނަވާލާނަމެވެ. އިސްރާ ސޫރަތުގެ 29 ވަނަ އާޔަތެވެ.
وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا ﴿٢٩﴾ الإسراء
މާނައީ: ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ حال، ތިބާ އިންނަން ޖެހިދާނެއެވެ.
(ނ) މިއާޔަތުގެ މުރާދީ މާނައަކީ،
މުސްލިމާއެވެ. ދަންނާށެވެ. ތިމާގެ މުށް ބާރުކޮށްގެން ދަހި މީހަކަށް ވެ ނުގަންނާށެވެ. އަދި މުށް ދޫކޮށްލައިގެން މާބޮޑަށް ދީލަތިވެސް ނުވާށެވެ. ނޫންނަމަ ތިމާގެ އަތް ހުސްވެ ތިމާއަކީ އަނެކުންގެ ކުރިމަތީ ސަލާންޖަހައި، އެއުރެންގެ މަލާމާތް ރައްދުވާ މީހަކަށް ވެދާނެއެވެ.
* އެހެން މިސާލެކެވެ. މިއީ ޤަވާޢިދާ ފުށުއަރާ މިސާލެކެވެ.
* ފާތިޙަތު ސޫރަތުގެ 5 ވަނަ އާޔަތެވެ.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾
މާނައީ: އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ حضرة ންނެވެ.
(ހ) މިއާޔަތުގެ މިއޮތް މާނާގައި އުފެދޭ މައްސަލަކީ ކުޑަ މައްސަލައެއް ނޫނެވެ. އެއީ އާޔަތުގެ ލަފުޒުތައް އިސްފަސް ކުރައްވައިގެން ﷲ އަންގަވާފައިވާ ޚާއްޞަކަން އެއާޔަތުން ގެއްލިފައި ވާތީއެވެ. އެއަށް ޢަރަބި ބަހުގައި ކިޔަނީ “ޙަޞްރު” ކުރުމެވެ.
(ށ) އަޅުގަނޑު މިދަންނަވަން އުޅެނީ ތަންކޮޅެއް ޢިލްމީ ވާހަކައެކެވެ. އެއީ އަރަބި ބަހުގެ ޤަވާޢިދުގައި ބަހުގެ ޖުމްލައެއްގެ ބައިތައް އަތުރާލެވޭ އިރު އުޞޫލަކީ ފުރަތަމަ ކަން، ދެން ކަންކުރާ، ދެން ރައްދުވާ، މިތަރުތީބުން ގެނައުމެވެ. މިނޫންގޮތަކަށް ގެނެވޭނީ ވާހަކަ ދައްކާ މީހާގެ ގާތު ވަރަށް ބޮޑު މަޠްލަބެއް އޮވެގެން އެކަން ބަޔާން ކުރުމުގެ ގޮތުންނެވެ. އެހެންކަމުން ބުނެވިދިޔަ އާޔަތް ޤަވާޢިދާ އެއްގޮތަށް އޮންނަންވާނީ: نَعْبُدُك وَنَسْتَعِينُك މިހެންނެވެ. ރައީސްގެ ތަރުޖަމާގައި ގެންނަވާފައި އެއޮތީ މި ޢިބާރަތުގެ މާނައެވެ.
(ނ) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ މިއާޔަތަށް ބަލާއިރު ދެބައިގައި ވެސް މިއޮތީ ފުރަތަމަ ރައްދުވާއެވެ. ދެން ކަމެވެ. އޭގެފަހުން ކަންކުރާއެވެ.
(ރ) މިގޮތަށް ރައްދުވާ އާޔަތުގެ ކުރިއަށް ގެނައުމުގެ ބޭނުމަކީ އަޅާގެ އަޅުކަން ﷲ އަށް ޚާއްޞަ ކުރުމާއެކު އެހެން ހުރިހާ ފަރާތްތައް އަޅާގެ އަޅުކަމުން ނަފީ ކުރުމެވެ. އާޔަތުގައި އޮތް ތަރުޖަމާއަކުން މިކަން ސާބިތުކޮށެއް ނުދެވެއެވެ.
މިވާހަކަ އެންމެ ފުރަތަމަ އަޅުގަނޑަށް ވިސްނާދެއްވީ އަޅުގަނޑަށް ޢަރަބި ޤަވާޢިދު ކިޔަވައިދެއްވަމުން ފަޟީލަތުއް ޝައިޚު އިދުރީސް ޙުސައިނެވެ.
(ބ) އެހެންކަމުން އާޔަތުގެ ޞައްޙަ މާނައަކީ،
((އަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ ވެސް ހަމައެކަނި އިބަރަސްކަލާނގެ ޙަޟުރަތުންނެވެ.))
(ޅ) އެއްދުވަހަކު މާތްވެގެންވާ މައްކާގައި އަޅުގަނޑާއި ފަޟީލަތުއް ޝައިޚު އަލްމަރްޙޫމު (ބީއޭ) ނަސީމާ ދެމީހުން މި މައުޟޫޢަށް ވާހަކަ ދެއްކީމެވެ. އަޅުގަނޑުގެ ހަނދާން ބަލިކަމުގައި ނުވާނަމަ އެއީ 2010 ވަނަ އަހަރުގެ ރޯދަމަހެވެ. ނަސީމަކީ ވެސް އެއްދުވަސް ވަރެއްގައި މިދެންނެވި ތަރުޖަމާ ކޮމެޓީގައި އުޅުއްވި ބޭފުޅެކެވެ.
ނަސީމު ވިދާޅުވީ އެއްދުވަހަކު ތިމަން ކޮމެޓީގައި ތިޔަ މައްސަލަ ނެންގެވީމެވެ. އެދުވަހު ރިޔާސަތުގައި އިންނެވީ މޫސާ ފަތުޙީއެވެ. ފަތުހީ ވިދާޅުވީ ތިޔަ ބުނާ “ޙަޞްރު” ގެ މާނަ މިހާރު އޮތް މާނައިން ދޭހަވާ ކަމަށެވެ.
– އަޅުގަނޑު ދެންނެވީމެވެ. ހަމަގައިމު “ހަމައެކަނި” ލައިގެން އެ ދޭހަކޮށްދޭ މާނަ އެބަސް ބޭނުން ނުކޮށް ދޭހަ ނުވޭ ނުންތޯ އެވެ. ނަސީމުވެސް އެއަށް ތާއީދު ކުރެއްވިއެވެ.
(ކ) އަޅުގަނޑު މިތަރުޖަމާއާ ބެހޭ ގޮތުން އެއްފަހަރަކު ކޮމެޓީގެ މެންބަރަކަށް އުޅުއްވި އަލްމަރްޙޫމު ޙުސައިން ޢަބްދުއްރަޙްމާނާއެކު ވެސް ޚިޔާލު ބަދަލު ކުރީމެވެ. އޭނާ ވަރަށް ތަފްޞީލުކޮށް އޭނާގެ ޚިޔާލު ފައުޅުކުރެއްވި އެވެ. ކޮންމެއަކަސް އެވާހަކަތައް މިތާ ތަފްޞީލުކުރުން މުނާސިބު ކަމަކަށް އަޅުގަނޑު ނުދެކެމެވެ.
(އ) ނިކަން މިއާޔަތުގެ މާނަ އެހެން ބަހަކުން ބަލާލަމާތޯއެވެ.
އިގިރޭސި ބަހުގައި އަންނަނީ:
1- You alone we worship, and to You alone we turn for help.
އަދި އުރުދޫ ބަހުގައި އަންނަނީ:
2- (اے اللہ!) ہم تیری ہی عبادت کرتے ہیں اور ہم تجھ ہی سے مدد چاہتے ہیں
މިނޫނަސް މިމޭރުމުން ދައްކަންޖެހޭ ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ. އެހެނަސް މިވަގުތު މިވަރުން ފުއްދާލާނަމެވެ.
އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިތަރުޖަމާ ގޯސްވީ ތަރުޖަމާ ކޮމެޓީގެ މައްސައަކުން ނެއް ނޫނެވެ. އޭގައި ތިއްބެވީ ޚާއްސަކޮށް އަޅުގަނޑު ލިސްޓުގައި އެބޭފުޚުންގެ ނަންފުޅު ހާމަކުރި ބޭފުޅުންނަކީ ކަމުގެ ތަޖުރިބާ ހުރި ކަމަށް ނުހަނު ޤާބިލު ބޭފުޅުންނެވެ. އެހެނަސް ތަރުޖަމާ އުނިވި ސަބަބަކީ:
1- ރިޔާސަތު ބެލެހެއްޓެވީ ރައީސުލް ޖުމްހޫރިއްޔާކަމަށްވުން.
2- އިސްލާހު ހުށަހަޅަން މެމްބަރަކަށް ނުކެރުން.
3- މުޅި އޮޑީގައި ޙަސަންގެ ދެފައި ހުރުން
4- މެމްބަރުންނަކީ ނުހަނު ބުރަކޮށް އުޅުއްވާ ބޭފުޅުންނަށް ވުމާއި މިކަމަށް ވަޤުތު ނުދެވުން.
5- ކުއްލިއަކަށް އަވަސް އަރުވާލައިގެން ސިޔާސީ ކުޅިއަކަށް ތަރުޖަމާ ބޭނުންކޮށްގެން ސައިކިއުން.
6- އެންމެ މުހިންމު ސަބަބަކަށްވަނީ، އިޞްލާހު ކުރުމުގެ ނަމުގައި މީހަކު ރައީސް މައުމޫނަށް ހަސަދަ ފިލުވާލުން.
(މިނޫނަސް އެތަކެއް ސަބަބު ތަކެއް މިކަމުގައި ހިމެނިގެން ވެއެވެ.)
وما توفيقي إلا بالله عليه توكلت وإليه أنيب
ސަރުކާރުން ސިއްކަ ޖެއްސެވި ކީރިތި ޤުރުއާނުގެ ދިވެހި ތަރްޖަމާ (3)