ހިތް ފުރެންދެން ޣައްޒާގައި މީހުން ޝަހީދު ކުރުމަށްފަހު މިހާރު ހުޅަނގު އައްސޭރިއަށް

ބައެއް ޢަރަބި އިސްލާމީ ޤައުމުތަކުގެ ނުސީދާ ވާގިވެރިވުމާއެކު ޔަހޫދުން، ޣައްޒާ ސުންނާފަތިކޮށް ހިތް ފުރެންދެން ޤަތުލުޢާންމުތައް ހިންގުމަށްފަހު މިހާރު ހުޅަނގު އައްސޭރިއަށް މިސްރާބު ޖަހައިފިއެވެ. ޒަޔަނިސްޓުންގެ ޙަމަލަތައް ފުޅާކޮށް ފަލަސްޠީނުގެ ނަސްލު ސާފުކޮށްލުމުގެ މަސައްކަތް އިތުރު ކުރުމުން، ޙަމާސްގެ ލީޑަރު ޚާލިދު މިޝްޢަލް ވަނީ، ދުނިޔޭގެ ޔުނިވާސިޓީތަކުގެ ޒުވާނުން، ޔަހޫދުންނާ ދެކޮޅަށް، ފަލަސްޠީނަށް ވާގިވެރިވުމަށް ނިކުތުމަށް ގޮވާލައްވާފައެވެ.

“ދިރާސީ އަހަރު ފެށުމާއެކު އަޤްޞާ ޠޫފާނުގެ އޮޕަރޭޝަންގެ ފުރަތަމަ އަހަރީ ދުވަސް (އޮކްޓޯބަރު 7 ވަނަ ދުވަހު) ގާތްވުމާއެކު، ވޮޝިންޓަނަށް މެސެޖެއް ފޮނުވުމަށް ހުރިހާ ދިމާއެއްގައި އެންމެން ތައްޔާރަށް ތިބެން ވެއްޖެ” ކަމަށް ޚާލިދު މިޝްޢަލް ފޮނުއްވި މެސެޖުގައި ވިދާޅުވެއެވެ. އަދި އޭނާ އިލްތިމާސް ކުރައްވާފައި ވަނީ ޣައްޒާ މަތިން ހަނދާން ނައްތައި ނުލުމަށެވެ.

ޔަހޫދުންގެ ނަސްލު ނައްތާލުމާ ދެކޮޅަށް އެންމެ ފުރަތަމަ އެއްވުމެއް ބޭއްވީ އެމެރިކާގެ ކޮލޮމްބިއާ ޔުނިވާސިޓީގެ ދަރިވަރުންނެވެ. އެޕްރީލް 18 ވަނަ ދުވަހު އެމީހުން ބޭއްވި ބައްދަލުވުމަށްފަހު ދުނިޔޭގެ އެތައް ޔުނިވާސިޓީއެއްގައި ދަރިވަރުން ވަނީ އެފަދަ ބައްދަލުވުންތައް ޔަހޫދުންނާ ދެކޮޅަށް ބާއްވާފައެވެ. އެ ބައްދަލުވުންތައް ފްރާންސް، ޖަރުމަން، އިޓަލީ، އިނގިރޭސިވިލާތް އަދި ކެނެޑާ ގެ ޔުނިވާސިޓީތަކުގައި ބާއްވާފައި ވެއެވެ.

ޒަޔަނިސްޓު ޔަހޫދުން މިހާރު ހުޅަނގު އައްސޭރީގައި ފަށާފައިވާ އަސްކަރީ އޮޕަރޭޝަނަކީ، 20 އަހަރުގެ ތެރޭގައި ޒަޔަނިސްޓުން ފަށާފައިވާ އެންމެ ބޮޑު އޮޕަރޭޝަނެވެ. ޔަހޫދުން އަސްކަރީ އޮޕަރޭޝަން ހިންގައި މީހުން މަރައި ޒުވާނުން ހައްޔަރު ކުރަމުންދާއިރު ގަދަކަމުން ހިފާފައިވާ ބިންތަކުގައި އިންދާފައިވާ ޔޫރަޕުގެ ޔަހޫދުން ދަނީ ފަލަސްޠީނު މީހުންގެ އަވަށްތަކަށް ހަމަލަދީ އެމީހުން ވަޒަނުން ބޭރު ކުރަމުންނެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި މިހާތަނަށް ޔަހޫދުންގެ ޙަމަލަތަކުން ފަލަސްޠީނުގެ 660 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައި ވެއެވެ. އަދި ގާތްގަނޑަކަށް 5،400 މީހުން ޒަޚަމް ކޮށްފައި ވެއެވެ.

ޔަހޫދުންގެ ވެރިންނަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގާ ނަސްލު ނައްތާލުމަށް މަސައްކަތް ކުރާ މުޖުރިމުން ކަމަށް ދުނިޔޭގެ ކޯޓުންވެސް ވަނީ ބުނެފައެވެ. މިއީ ހިޓްލަރުގެ ފަހުން އައި ހިޓުލަރަށް ވުރެން ނުލަފާ ބަޔެކެވެ.

ހިއްސާ ކުރައްވާ!