ޔަހޫދުން ނޫސްވެރިން މަރާލަން މަސައްކަތް ކޮށްފި

ޒަޔަނިސްޓުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގެ ހުޅަނގުން އޮންނަ ކަފްރުދާން އަވަށުގައި ޔަހޫދީ ސިފައިން ނޫސްވެރިންނާ ދިމާއަށް ބަޑި ޖަހައި އެމީހުން މަރާލަން ދިމާކުރި ކަމަށް ފަލަސްތީނުގެ ނޫސްވެރިންގެ ޖަމުއިއްޔާއިން ބުނެފިއެވެ. ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާ އިން ވެސް ބުނެފައި ވަނީ ޔަހޫދުން ހަމަލަތައް އަމާޒުކޮށްފައި ވަނީ ނޫސްވެރިން މަރާލާށެވެ.

ވަފާގެ ފޮޓޯގްރާފަރު އައިމަން އަލްނޫބާނީ ކިޔައިދިން ގޮތުގައި، ޔަހޫދު ސިފައިން ޙަމަލަތައް އަމާޒު ކުރީ، ހަތް ނޫސްވެރިއަކާއި ނޫސްވެރިންގެ ތިން އުޅަނދަކަށެވެ. އެއިރު އެމީހުންގެ އުޅަނދުތައް ހުރީ ނޫސްވެރިންގެ އުޅަނދުތައް ކަމަށް ނަންޖަހައި ފާހަގަ ކޮށްފައެވެ. އަދި ނޫސްވެރިންވެސް ތިބީ، ނޫސްވެރިންކަން އަންގައިދޭ ވެސްޓުލައިގެންނެވެ.

ނޫބާނީ ކިޔައިދިން ގޮތުގައި އެމީހުން ބާރަށް އުޅަނދުގައި އެހިސާބުން ބޭރު ނުވިނަމަ، ޔަހޫދުން އެމީހުން މަރާލީސް ކަމަށެވެ.

ޔަހޫދުންގެ މި ޙަމަލާގައި އަނިޔާވެފައި ވަނީ، ވަފާގެ ފޮޓޯގްރާފަރު މުހައްމަދު މަންސޫރާއި ރޮއިޓާސް ނިއުސް އެޖެންސީގެ ރަނީން ސަވާފްތާ އާއި ފްރީލާންސް ނޫސްވެރިޔާ ޔަޒާން ހަމާޔަލް އަށެވެ.

އެމީހުންނަށް ވަގުތުން ފަރުވާ ދީފައި ވަނީ އެމްބިއުލާންސްތަކުގައި ގެންގޮސްގެން، ޖެނިންގެ އިބްނު ސީނާ ސަރުކާރު ހޮސްޕިޓަލުގައެވެ. އަދި އެމްބިއުލޭންސް ދަތުރަށް ޔަހޫދުން ހުރަސްއެޅިކަމަށްވެސް ނޫސްވެރިން ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!