ޔަހޫދުންނަށް ހަތިޔާރު ނުވިއްކާނެ ކަމަށް ބުނެ އިނގިރޭސިން އޮޅުވާލަނީ

އިނގިރޭސި ސަރުކާރުން ޔަހޫދުންނަށް ބައެއް ހަތިޔާރުތައް ނުވިއްކާނެ ކަމަށް ބުނެ އޮޅުވާލަނީ ކަމަށް ބުނެ އެމްނެސްޓީ އިންޓަރނޭޝަނަލުން ފާޑުކިޔައިފިއެވެ. އިނގިރޭސި ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ވިދާޅިވީ ބައެއް ހަތިޔާރު ޔަހޫދުންނަށް ނުވިއްކުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާނެ ކަމަށެވެ.

ޔަހޫދުން ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް ހިތްވަރުދޭ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިންވެސް ހިމެނެއެވެ. ޔަހޫދުންނަށް ހަނގުރާމައަށް ބޭނުންވާ 350 ބާވަތެއް އިނގިރޭސިން އިޒްރޭލަށް ފޯރުވައި ދެއެވެ. އިނގިރޭސި ޚާރިޖީ ވަޒިރު ވިދާޅުވީ އޭގެ ތެރެއިން 30 ބާވަތެއް ދެން ޔަހޫދުންނަށް ނުވިއްކާނެ ކަމަށެވެ. އަދި ސަބަބަކަށް އޭނާ ވިދާޅުވީ ޔަހޫދުން އެތަކެތި ހަނގުރާމައިގެ ޖަރީމާތައް ހިންގަން ބޭނުން ކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލުން ބުނެފައި ވަނީ ލެމީގެ ނިންމުމަކީ ދަޅަ ދެއްކުމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް އެ ޖަމުއިއްޔާއިން ބުނެފައި ވަނީ ވައިގެ މަގުން ބޮން އަޅައި ހަނގުރާމައިގެ ޖަރީމާތައް ހިންގައި ނަސްލު ނައްތާލުމަށް ބޭނުން ކުރާ އެމެރިކާގެ އެފް 35ގެ ބޯޓުތަކަށް ބޭނުންވާ މުހިންމު ބައިތައް އިނގިރޭސި ސަރުކާރުން ސަޕްލައި ކޮށްދޭ ކަމަށެވެ. އަދި އެއީ ނަސްލު ނައްތާލުމުގެ މުހިންމު ވަސީލަތެއް ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ.

ފަލަސްޠީނުގެ ނަސްލު ނައްތާލުމުގައި މި ބޯޓުން މުހިންމު ދައުރެއް އަދާކުރާކަމަށް ބުނެ، އިނގިރެސިވިލާތުގެ ކެމްޕެއިން އެގެއިންސްޓް އާމްސް ޓްރޭޑް އިން ހެކިތައް ޑޮކިއުމެންޓް ކޮށްފައި ވެއެވެ. އެފް35 ބޯޓުގެ 15 ޕަސެންޓް ސާމާނު އުފައްދަނީ އިނގިރޭސިވިލާތުގައެވެ.

ޕާލަމެންޓްގެ އަމިއްލަ މެމްބަރު ޖެރްމީ ކޯބެންވެސް ވަނީ ސައިޕްރަސްގައި ހުންނަ އިނގިރޭސި ޢަސްކަރީ މަރުކަޒުތަކުން އިޒްރޭލުގެ ޢަސްކަރީ ބޯޓުތައް އުދުއްސަން ބޭނުން ކުރޭތޯއާއި އަދި އިނގިރޭސިން ނަސްލު ނައްތާލުމަށް ޔަހޫދުންނަށް ޑްރޯން އުދުއްސައިދޭތޯ ސުއާލު ކުރައްވާފައެވެ.

އޭނާގެ ސުއާލަށް ޖަވާބު ދެއްވަމުން އިނގިރޭސި ޚާރިޖީ ވަޒީރު އެއް ވާހަކައެއް ތަކުރާރު ކުރައްވާފައި ވެއެވެ. އެއީ، ޔަހޫދުންނަށް އިނގިރޭސިން ސަޕްލައި ކޮށްދެނީ ހަތިޔާރުގެ އެންމެ ޕަސެންޓެއް ކަމަށެވެ.

ހިއްސާ ކުރައްވާ!